ރާވަމުންދާ އެއްވުން ބޭއްވުމުގެ ފުރުސަތެއް ނުދެވޭނެ: ފުލުހުން

މި ދުވަސްވަރު އެއްވެސް ސިފައެއްގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި...

20 Jun 2020 | 10:07

މި ދުވަސްވަރު އެއްވެސް ސިފައެއްގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު އެއްވެ އުޅުމަކީ މަނާކަމެކެވެ. މީގެ ކުރިން ފުލުހުން ވަނީ ސަފާރީތަކުގައި މަސައްކަތް ކުރާ ބަޔަކު މީހުން ދިރިއުޅޭ ރަށްރަށަށް ނޭރިގެން ކުރި މުޒާހަރާއެއްވެސް ބޭއްވުމުގެ ފުރުސަތު ނުދީފައި އެވެ.

މިއަދު ފުލުހުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އާންމު ތަންތަނުގައި އެއްވެ އުޅެވޭނީ އެއްފަހަރާ ތިން މީހުންނަށް ކަމަށް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމަކުން ނިންމާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ދަނޑިވަޅު އެޗްޕީއޭގެ އިރުޝާދު ތަކާއި އެއްގޮތަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.

އަދި ބުނެފައިވަނީ އެޗްޕީއޭގެ އެންގުމާއި ހިލާފަށް ބަޔަކު އެއްވުމެއް ބާއްވަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިިވާ ކަމަށެވެ. އެކަމަކު ފުލުހުން އެދެނީ ރައްޔިތުންގެ ރައްކާތެރިކަން ކުރިޔަށް ނެރެ އެއްވުންތައް ކުރިޔަށް ނުގެންދިއުމަށް ކަމަށެވެ.

"ނަވާނަވައި"ގެ ނަމުގައި ހަރަކާތްތެރިވާ ވާތުފިޔައިގެ ޖަމްއިއްޔާއަކުން ވަނީ، ރައްޔިތުންގެ މަޖިލިސް "ހޭލައްވާލަން" މި ނަމުގައި އަންނަ ހޯމަ ދުވަހު މަޖިލިސް އިދާރާ ކައިރީ މުޒާހަރާ ކުރުމަށް ނިންމައިފަ އެވެ.

ނަވާނަވައިން މުޒާހަރާ ކުރަނީ ކުލި ނުދެއްކިގެން އާއިލާތައް މަގުމަތި ކުރުން ހުއްޓުވުމަށާއި، ތިމާވެށި ހަލާކު ކުރުން ހުއްޓުވުމަށާއި، ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތަށް ފައިސާ ހަމަޖެއްސުމާއި، އިންކަމް ސަޕޯޓު އެލަވަންސް ނުލިބޭ ފަރާތްތަކަށް އެލަވަންސް ދިނުން އަވަސް ކުރުމަށެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް