މާތްވެގެންވާ މައްކާ 1،500 އަށްވުރެ ގިނަ މިސްކިތްތައް އާންމުކޮށް ހުޅުވާލަން ތައްޔާރުވެއްޖެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައުދީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. ސައުދީގައި ބަލި ކޮންޓްރޯލް ކުރެވުމުން މިދިޔަ މަހުގެ 31 ވަނަ ދުވަހު މައްކާ ސިޓީ ފިޔާ ހުރިހާ ސިޓީއެއްގެ މިސްކިތްތައް ވަނީ ވަކި ގަވައިދުތަކަކާއި އެއްގޮތަށް އަމަލު ކުރަން ކަނޑައަޅާ އާންމުންނަށް ނަމާދަށް ދިއުމަށް ހުޅުވާލާފައި އެވެ.
ސައުދީ އަބަރިއްޔާގެ ސަރުކާރާއި ހަވަލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި މައްކާ ސިޓީގެ 1،560 މިސްކިތް މާދަމާ ހުޅުވާނެ އެވެ. މިސްކިތްތައް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވަމުންދާ ކަމަށާއި އޭގެ ތެރޭގައި މިސްކިތްތައް ޑިސްއިންފެކްޓު ކުރުން ހިމެނެ އެވެ.
ސައުދީން އެކުލަވާލާފައިވާ ގަވައިދުގައި ބުނާގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތަށް ނަމާދަށް ދާން ޖެހެނީ ގެއިން ވުލޫ ކޮށްގެން މުސައްލަ ހިފައިގެންނެވެ. އަދި ނަމާދު ކުރަން ޖެހެނީ އިޖްތިމާއީ ގައިދުރު ކަމާއި އެކު އެވެ.
މާދަމާ ސައުދީގެ މިސްކިތްތައް ހުޅުވި ނަމަވެސް މާއްވެގެންވާ ހަރަމްފުޅު ހުޅުވާލާކަން އަދި ހާމައެއް ނުކުރެ އެވެ.
ސައުދީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލައި އާންމު ހާލަތަކަށް ގެނައުމަށް މިސްރާބު ޖަހާފައިވާއިރު މާދަމާއިން ފެށިގެން އެ ގައުމަށް ޓޫރިސްޓު ވިސާގައި މީހުންނަށް އެތެރެވުމުގެ ހުއްދަވެސް ދޭން ފަށާނެ އެވެ. އަދި ކުރިޔަށް އޮތް ހަފްތާ ތެރޭގައި މިއަހަރުގެ ހައްޖުގެ އަޅުކަން ބޭއްވުމާއި މެދު ސައުދީ ސަރުކާރުން ގޮތެއް ނިންމާނެ އެވެ.
މިހާތަނަށް ސައުދީގައި 150،292 މީހަކަށް ވައިރަސް ޖެހިފައިވެ އެވެ. އޭގެ ތެރެއިން 1،184 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް