އަތޮޅުތެރެއަށް ނުވަތަ ރަށްރަށަށް ކޯވިޑް-19 އެއްގޮތަކަށްވެސް ނުދާނެ ގޮތެއް ނެހެދޭނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި އެތައް ބަޔަކު ރަށަށް ދާން ބޭނުންވެގެން ސަރުކާރުން ކަނޑައެޅި ތަންތަނުގައި ކަރަންޓީންކުރަމުންދާއިރު ރަށުގައި އެކަހެރިކޮށް ތިބެވޭނެ މީހުން ރަށްރަށުގައި ކަރަންޓީން ވާން ދަނީ ފޮނުވަމުންނެވެ. ރަށްރަށަށް މީހުން ކަރަންޓީން ވާން ފޮނުވާތީ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި އާންމުން ދަނީ ހިތް ހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
އެ ރަށްރަށުގައި މީހުން ބުނަމުންދަނީ ކަރަންޓީން ވާން ފޮނުވާ މީހުންގެ ސަބަބުން ރަށްރަށަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލި ރަށްރަށަށް ނުދާނެ ވަކި މޮޅު ގޮތެއް ނުހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރަށަށް ދާ މީހެއްގެ ފަރާތުން ބަލި ފެތުރިދާނެ ކަމަށް ބަލައި ރަށްރަށަށް މީހުން ނާރުވައި އަހަރު ދެ އަހަރު ވަންދެން ނުބޭއްވޭނެ ކަމަށެވެ.
ފަރުވާއެއް ހޯދިފައި ނުވާ ކޯވިޑް-19 އާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް މާލެ އާއި އަތޮޅު ތެރޭގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނީ ބަލި ގާތްގަނޑަކަށް ކޮންޓްރޯލް ކުރެވުމުންނެވެ. އަދި ބައްޔަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖެހުމުންނެވެ.
ޑރ. އަފްޒަލް ވިދާޅުވީ ރަށްތައް ބަންދުކޮށްފައި ބާއްވަން ޖެހުމުން އޭގެ އަސަރު އިގްތިސޯދަށާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ކޮށްފައިވާތީ މާ ގިނަ ދުވަހު އެގޮތަށް ނުބޭއްވޭނެ ކަމަށެވެ. އިތުރަށް ވިދާޅުވީ މިކަމަށް އޮތް ހައްލަކީ ދީފައިވާ އިރުޝާދު ތަކާއި އެއްގޮތަށް އަމަލުކޮށް ނިއު ނޯމަލްގައި އުޅުމާއި އެކު ފަރުވާދެވޭނެ ގޮތްތަކެއް ހަމަޖެއްސުން ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން ކޯވިޑް-19 ގާތްގަނޑަކަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ފެންނަމުންދާ ކޭސްތަކަށް ބަލާއިރު އެއީ ސިއްހީ ނިޒާމަށް ކަތާ ވަރެއް ކަމަށާއި ރަށްރަށުގައި ކަރަންޓީން ކުރާ މީހެއް މީހުންގެ ފަރާތުން ބަލި ފެނުނަސް އޮންނަ އުސޫލާއި އެއްގޮތަށް އަމަލު ކުރާނަމަ ރަށު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 އަށް ޕޮސިޓިވް މީހުން ފެނިފައިވަނީ މާލެ ފިޔަވާ އަށް ރަށަކުންނެވެ. އޭގެ ތެރެއިން ގައިން ގަޔަށް ބަލި އަރާފައިވަނީ ތިން ރަށެއްގައި އެވެ.
އެ ރަށްތައްވެސް މިހާރު ބަލި ކޮންޓްރޯލްކޮށް އާންމު ހާލަތަކަށް ވަނީ ގެނެސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް