މިދިޔަ އާދިއްތަ ދުވަހު އަމިއްލައަށް ދަންޖެހިިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގ ރާޖްޕުޓްގެ ހަޔާތަށް ފިލްމެއް ހަދަން ނިންމައި ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި އެވެ.
ސުޝާންތު އަމިއްލައަށް މަރުވުމުގެ ޒިންމާ ބޮލީވުޑްގެ ނުފޫޒުގަދަ މަޝްހޫރު އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ފިލްމު އުފައްދާ ކުންފުނިތަކުގެ ވެރިން ނަގަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. ސުޝާންތު މަރުވި ކަމަށް ބެލެވިފައިވަނީ ބޮލީވުޑްގައި ކުރިޔަށް ދެވޭނެ ގޮތެއް ނެތި ގޮތް ހުސްވެގެންނެވެ،
ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމު އުފައްދަނީ ވީއެސްޖީ ބިންޖުންނެވެ. ފިލްމުގެ ޑައިރެކްޓަރަކީ ޝަމިކް މޯލިކެވެ. ފިލްމުގެ ސްކްރީންޕްލޭ ރާކޭޝް ކުމާރު ލިޔާ އިރު، ޕްރޮޑިއުސަރަކީ ވިޖޭ ޝޭކަރް ގުޕްތާ އެވެ.
ސުޝާންތުގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ މި ފިލްމަށް ދީފައިވާ ނަމަކީ "ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް" އެވެ. މި ފިލްމުގައި ބޮލީވުޑްގެ އަނދިރި ފަރާތް ދައްކައިދޭނެ ކަމަށް ފިލްމު އުފައްދާ ފަރާތުން މީޑިއާގައި ބުނެފައިވެ އެވެ.
އާންމުކޮށް މަރުވެފައިވާ މަޝްހޫރު މީހުންގެ ހަޔާތަށް ފިލްމު ހަދާނަމަ އާއިލާގެ ހުއްދަ ހޯދަން ޖެހެ އެވެ. މި ފިލްމު ހަދަން ސުޝާންތުގެ އާއިލާގެ ހުއްދަ ހޯދިކަމެއް އަދި ހާމައެއް ނުކުރެ އެވެ.
ސުޝާންތުގެ މަރާއި އެކު ބޮލީވުޑްގެ ނުފޫޒުގަދަ މީހުން ހޫނު ފެނަށް ވެއްޓިފައިވާއިރު އެމީހުންނާއި ދެކޮޅަށް ސުޝާންތުގެ އުފަން ބިހާރު ސްޓޭޓްގެ ޕަޓްނާގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި މުމްބާއީ ފުލުހުން ދަނީ ސުޝާންތުގެ މަރާއި ބޮލީވުޑްގެ ވާދަވެރިކަމާއި ހުރި ގުޅުން ދެނެގަތުމަށް ބޮޑު ތަހުގީގެއް ކުރަމުންނެވެ.
ވޭތުވެ ދިޔަ ހަމަހެއްހާ ދުވަހު ސުޝާންތު ދިޔައީ ޑިޕްރެޝަނަށް ބޭސް ބޭނުން ކުރަމުން ކަމަށްވެ އެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އޭނާ ޑިޕްރެޝަނަށް ދިޔައީ އޭނާގެ ގާބިލް ކަމާއި މެދު ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރުން ސުވާލު އުފައްދައިި ބޮޑެތި ފިލްމުތައް ކުޅެން ނުލިބޭތީ އެވެ.
މިދިޔަ ހަ މަސް ދުވަސްތެރޭގައި ސުޝާންތަށް ހަތް ފިލްމެއް ގެއްލުނު ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް