ކޯވިޑުން އަރައިގަނެ ޖަރުމަނުވިލާތުގައި އެއްގައުމުން އަނެއް ގައުމަށް ދިއުމުގައި ބަލަން ޖެހޭ ކަންކަމުގެ ތެރެއިން ނުރައްކާތެރިކަން ކުޑަ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައިފި އެވެ.
ޖަރުމަނުވިލާތަކީ ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ވައިގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން ޖަރުމަނުގައި ވައިރަސް ފެތުރޭތީ އެގައުމުން ރާއްޖެއަށް މީހުން އައުން އޮތީ މަނާކޮށްފައި އެވެ.
އީޔޫގެ ގައުމުތައް ފިޔަވާ ޖަރުމަނު ރައްޔިތުން ޗުއްޓީއަށް ނުވަތަ އެނޫން ގޮތެއްގައި ދަތުރު ކުރުމަށް ރައްކާތެރި ނޫންކަމަށް 130 ގައުމަކާއި ސަރަހައްދުތަކެއް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި އެމެރިކާ، މިސްރު، މޮރޮކޯ އަދި ތައިލެންޑު ފަދަ ގައުމުތައް ހިމެނެ އެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޖަރުމަނު މީހުން ދަތުރު ކުރަން ރައްކާތެރިކަމަށް ކަނޑައަޅާފައިވަނީ ރާއްޖެ އެކަންޏެވެ. ސްރީލަންކާ، ނޭޕާލް، އިންޑިއާ އަދި ޕާކިސްތާން ފަދަ ގައުމުތައް ހިމަނާފައިވަނީ ވައިރަހުގެ ނުރައްކާތެރިކަން އޮތް، ދަތުރު ކުރުން ރަނގަޅު ނޫން ގައުމުތަކުގެ ގޮތުގައި އެވެ.
މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެއަކީ ޖަރުމަނުން ކޮރޯނާގެ ނުރައްކާ އޮތްކަމަށް ކަނޑައެޅި ލިސްޓުގައި ނުހިމެނޭ މަދު ގައުމުތަކުގެ ތެރެއިން އެއް ޤައުމުކަމަށެވެ. އަދި މިސަރަޙައްދުން މިލިސްޓުގައި ހިމެނިފައިނުވާ ހަމައެކަނި ގައުމަކީވެސް ރާއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން އެންމެން ގުޅިގެން މި ވައިރަސްއިން ރައްކާތެރިވެ ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އެއްކޮށްހެން ހުއްޓިފައިވާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަންނަ މަހު ހުޅުވާލަން ދަނީ ތައްޔާރުވަމުންނެވެ. ކުރިން ނަގަމުން އައި އެއްވެސް ފީއަކަށް ބަދަލު ނުގެނެސް، ޓޫރިސްޓުން އަތުން އެއްވެސް އިތުރު ފީއެއްވެސް ނަގަން ހަމަޖެހިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް