ކޯވިޑް-19ގެ މި ހާލަތުގައި އަވަށްޓެރި އިންޑިއާގައިވެސް ފުރަބަންދު އިއުލާނުކޮށްފައިވާ މި ހާލަތުގައި ދިވެއްސެއްގެ ލިވަރ ޓްރާންސްޕްލާންޓް އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
އިންޑިއާ ޓައިމްސްގެ ބެންގަލޯރ މިރާރގައި ބުނެފައިވަނީ އެއީ އުމުރުން 58 އަހަރުގެ ދިވެއްސެއް ކަމަށާއި ލޮކްޑައުންގެ މި ހާލަތުގައި އެ އޮޕަރޭޝަން ކުރިއަށްގެންދެވުނީ ކަރްނާޓަކާގެ ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ކަމަށެވެ.
އަދި އޭނާގެ ލިވަރ ޓްރާންސްޕްލާންޓް ހެދީ އުމުރުން 24 އަހަރުގެ އޭނާގެ ދަރިފުޅުގެ މެއިން ބައެއް ޑޮނޭޓް ކޮށްގެން ކަމުގައިވެސް ބުނެފައިވެއެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި 58 އަހަރުގެ އެ ފިރިހެން މީހާ، އޭނާގެ ފިރިހެން ދެ ދަރިންނާއެކު އިންޑިއާއަށް ދިޔައީ ލޮކްޑައުން ވުމުގެ ކުރިންނެވެ. އަދި ލިވަރ ޓްރާންސްޕްލާންޓް ހަދަން ޖެހުމުން، އެކަމަށް ބޭނުންވާ ޑޮކިއުމެންޓޭޝަން ފުރިހަމަކުރަން އެއް ދަރިއަކު ރާއްޖެ ދިޔަ ކަމަށާއި ނަމަވެސް އެ ދަރިއަށް ނާދެވުނުތާ ޑޮކިއުމަންޓްސް ފުރިހަމަކޮށް ލިބުމުގައި ލަސްތަކެއް ވި ކަމަށް މަނީޕާލް ހޮސްޕިޓަލުގެ ޑަކުޓަރުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
އަދި ޑޮކިއުމެންޓޭޝަން ކަންކަން ހަމަޖެހި އޮޕަރޭޝަން ކުރެވޭގޮތްވީ ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި ކަރްނާޓަކާ ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެހީތެރިކަމެއް ލިބިގެން ކަމުގައިވެސް މަނީޕާލް ހޮސްޕިޓަލުގެ ޑަކުޓަރުންނާ ހަވާލާދީ ބުނެފައިވެއެވެ.
ރިޕޯތްކޮށްފައިވާގޮތުގައި، ކާމިޔާބު ކަމާއެކު އޮޕަރޭޝަންގެ ކަންކަން ނިމި އެ ދެ ބަފައިން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް