ލޮކްޑައުން އުވާލައި ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ދޭން ފަށަން ނިންމައިފި

މާލޭގެ ލޮކްޑައުން އުވާލައި ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ދިވެހި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދ...

20 May 2020 | 16:42

މާލޭގެ ލޮކްޑައުން އުވާލައި ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދިވެހި ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ލޮކްޑައުން އުވާލައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުން އާންމުންނަށް ބޭރަށް ނުކުމެ އުޅުމުގައި ލުއިތަކެއް ދިނުމުގެ އިތުރުން ފިހާރަތަކަށް ދިއުމަށް ލުއިތަކެއް ދޭން ފަށާނެ ކަމަށެވެ. ދެވަނަ ފިޔަވަހީގައި މިސްކިތްތަކުގައި ނަމާދު ކުރުމާއި ސްކޫލްތައް ހުޅުވުމާއި، ކެފޭ/ ރެސްޓޯރެންޓުތަކުގެ ހިދުމަތް ދޭން ފަށަން ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ ފަހުން މީހުން ތަންތަނަށް އެއްވެ އުޅުމުގެ ހުއްދަ ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ. މިކަންކަން ރޭވި މި ލުއިތައް ދޭނެ ގޮތުގެ ތަފްސީލްތައް ކަމާ ގުޅޭ ފަންނީ ބޭފުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ލޮކްޑައުން އުވާލާއިރު ކޯވިޑަށް ޓެސްޓު ކުރެވޭނެ ހަރުދަނާ ރަނގަޅު ނިޒާމެއް ގާއިމް ކުރެވޭނެ އެވެ. އަދި މި ބައްޔަށް ސިއްހީ ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކޮށް ނިންމޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ވޭތުވެދިޔަ މަހެއްހާ ދުވަހު މާލޭގެ ލޮކްޑައުންއާއި ގުޅިގެން އާންމު ރައްޔިތުން ތަހައްމަލް ކުރަމުންދިޔައީ ދަތި އުނދަގޫ ދުވަސްތަކެއްކަން އެމަނިކުފާނު ގަބޫލް ކުރައްވާ ކަމަށެވެ. އެކަމަކު ގަބޫލް ކުރަންޖެހޭ ހަގީގަތަކީ އެ ފިޔަވަޅުތަކަކީ އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް ސަރުކާރުން އެޅި ފިޔަވަޅުތަކެއް ކަމެވެ.

އެމަނިކުފާނު ވިދާޅުވީ ހީކުރިވަރަށް ވުރެ އަވަހަށް ބަލީގެ ނުރައްކާތެރި ހާލަތުން އަރައިގަނެވޭނެ ކަމުގެ އުންމީދު ރާއްޖެއަށް އެބައޮތް ކަމަށެވެ. އެއީ އެހެން ގައުމުތަކާއި ހިލާފަށް ދުރާލާ ތައްޔާރުވެ އެޅި ރައްކާތެރިކަމުގެެ މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

މާލެއިން ބަލި ފެނި ލޮކްޑައުންކުރީ މިިދިޔަ މަހުގެ15 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް1،000 އަށްވުރެ ގިނަ މީހުން ހަމައެކަނި މާލެއިން ވައިރަހަށް ޕޮސިޓިވްވެފައިވާއިރު މާލެއިން ހަތަރު މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް