ރިސޯޓުތަކާއި ދަނޑުވެރިކަން ކުރާ ރަށްރަށުގެ ކުލި ފަސްކޮށްދީފި

ޓޫރިސްޓު ރިސޯޓުތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލި ފަސްކޮށްދޭން ނިންމައިފި އެވެ. މިރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމު...

20 May 2020 | 16:34

ޓޫރިސްޓު ރިސޯޓުތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލި ފަސްކޮށްދޭން ނިންމައިފި އެވެ.

މިރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކޯވިޑާއި ގުޅިގެން ބައެއް ލުއިތައް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުލި ފަސްކޮށްދޭން ނިންމާފައިވަނީ ރިސޯޓުތަކާއި ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ރަށްތަކާއި ފިނޭންސް މިނިސްޓްރީން އެކި ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުއްޔެވެ.

ފަސްކޮށްދޭން ނިންމާފައިވަނީ މިއަހަރުގެ ފަހު ހަމަހުގެ ކުއްޔެވެ.

ކޯވިޑާއި ގުޅިގެން ސަރުކާރުން ފަހިކޮށްދެމުންދާ އިތުރު ފުރުސަތު ތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިލީފް ފަންޑުގެ ދަށުން އެސްއެމްއީ ބޭންކާއި ބީއެމްއެލް މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އަދި ވަަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށް ދޫކުރާ އެލަވަންސް ދޫކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ބީއެމްއެލް މެދުވެރިކޮށް 98 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައިވާ އިރު ކުދި އަދި މެދުފަންތީގެ 134 ވިޔަފާރިއަކަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. ރިިލީފް ފަންޑުގެ ދަށުން ވިޔަފާރިތަކަށް 2.5 ބިލިއަން ރުފިޔާގެ އެހީވުމަށް ނިންމާފައިވާ އިރު އޭގެ ތެރެއިން 400 މިލިއަން ރުފިޔާ ހާއްސަކުރުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށެވެ.

ރައީސް ވިދާޅުވީ، ލޯނުތައް އަނބުރާ ފަސްކޮށްދިނުމަށް ކަނޑައެޅި އުސޫލުގެ ދަށުން އަށް ބޭންކެއް މެދުވެރިކޮށް 15،000 އަށް ވުރެ ގިނަ ލޯނުގެ މުއްދަތު ވަނީ ފަސްކޮށްދީފަ އެވެ. މި ލޯނުތަކުގެ ތެރެއިން 13،000 އަށްވުރެ ގިނަ ލޯނަކީ ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތަކެވެ.

ކޯވިޑްގެ ހާލަތުގައި އެނގިގެންދިޔަ އިތުރު ފިލާވަޅުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމާއި ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އިސްނަގަން މުހިއްމު ވަގުތެއް ކަމަށެވެ. މީގެ އިތުރުން އާންމު ސިއްހަތަށް ފަރުވާތެރިވެ، މުޅި އިގްތިސާދު އާރާސްތުކުރުމަށާއި ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ މުހިއްމު ވަގުތެއްގެ ގޮތުގައި މިހާލަތު އެ މަނިފާނު ސިފަ ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް