މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ފައިދާގެ ގޮތުގައި62.34 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ވަނީ 353 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 210 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 310 ޕަސެންޓުގެ ކުރި އެރުމެއް ލިބުނު ކަމަށެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ވަނީ 29 މިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިލާން ޖެހިފަ އެވެ.
މިއަހަރު އެކުންފުންޏަށް މިހާ ބޮޑު ފައިދާއެއް ލިބިފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ މަޝްރޫތަކާއި ގުޅިގެންނެވެ. އެގޮތުން 53 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން އަންނަ އިރު ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމާފައިވެ އެވެ. މި ޕްރޮޖެކްޓްތަކުގެ ތެރެއިން 11 ރަށެއްގެ ޕްރޮޖެކްޓުގެ މަސައްކަތުގެ އަމަލީ މަސައްކަތްތައް ވަނީ ފަށައިފަ އެވެ.
އެމްޓީސީސީން ބުނީ، ފުރަތަމަ ކުއާޓާގައި ކުންފުންޏަށް ބޮޑު ކާމިޔާބެއް ލިބުނު ނަމަވެސް ކޯވިޑް-19 އާ ގުޅިގެން ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. މިހާލާތުގައި ވެސް މަސައްކަތް ކުރަނީ، ކުންފުނީގެ ހިންގުން ހުއްޓުމަކަށް ނުގެނެސް، ކުރިއަށްގެންދާނެ ގޮތްތައް ބަލައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް