މިހާލަތުގައި ސަރުކާރުން އަހާނީ ޑޮކްޓަރުންގެ ބަސް އެކަނި!

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ސިޔާސީ ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅު ކުރިޔަސް މި ހާލަތުގައި ސަރުކާރުން އަމަލު ކުރާނީ ޑޮކްޓަރުންގެ ލަފާ އާއި މަޝްވަރާ އާއި އެއްގޮތަށް ކަ...

20 May 2020 | 01:37

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ސިޔާސީ ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅު ކުރިޔަސް މި ހާލަތުގައި ސަރުކާރުން އަމަލު ކުރާނީ ޑޮކްޓަރުންގެ ލަފާ އާއި މަޝްވަރާ އާއި އެއްގޮތަށް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މީހުން ކަރަންޓީން ކުރުމުގެ އުސޫލާއި، މާލެ ލޮކްޑައުން ކޮށްފައިވުމާއި، ބޯޑަރު ބަންދުކޮށްފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މެންބަރުން ގެންދަވަނީ ތަކުރާރުކޮށް ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެ ބޭފުޅުން ވިދާޅުވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުވަން ކަމަށް ބުނެ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ފުނޑުފުނޑުވެދާނެ ކަމަށެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މަޖިލީހުގެ މެންބަރުން މިކަމާއި ގުޅިގެން ފާޅުކުރަައްވަމުން ގެންދަވާ ހިޔާލަކީ އެ ބޭފުޅުންގެ އަމިއްލަ ހިޔާލާއި ދާއިރާގެ ބައެއް ރައްޔިތުން ދެކޭ ގޮތްކަމަށް ވެދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅިގެން، ސިޔާސީ ބައެއް މީހުންނާއި ސަރުކާރާ ދެމެދު ވިސްނުމުގެ ތަފާތެއް އުޅޭ ކަމަށެވެ.

އޭނާ ވިދާޅުވީ ކޯވިޑް-19 ފަދަ ބަލިމަޑުކަމެއްގައި ސިޔާސީ ފަރާތްތަކާއި ޑޮކްޓަރުންގެ ވިސްނުމުގައި ހުރި ތަފާތަކީ ޑޮކްޓަރުން ވިސްނަވާނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ކަމަށެވެ. ޑޮކްޓަރުން އަބަދުވެސް ބަލަނީ ރާއްޖެ ގައުމެއްގެ ގޮތުގައި ފިޔަވަޅުތަކެއް އަޅަންޖެހޭނީ ކިހިނެތްތޯ އަދި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރާނީ ކޮން މަސައްކަތެއްތޯ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިހާލަތުގައި ރާއްޖޭގެ އިގްތިސޯދާއި ގުޅޭގޮތުން ދައްކަވަމުންދާ ވާހަކަތައް ތަކުރާރު ކުރައްވައި މަބްރޫކް ވިދާޅުވީ އާންމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނެތްތަނެއްގައި އިގްތިސޯދެއް ނޯންނާނެ ކަމަށެވެ. މަބްރޫކް ވިދާޅުވީ ޑޮކްޓަރުންްގެ ލަފަޔާ އިރުޝާދާ އެއްގޮތަށް، ކުރަންޖެހޭ ކަންކަން ކުރުމަށްފަހު، ބާކީ އޮތް ހުރިހާ ޖާގައެއް ބޭނުންކުރަނީ އިގްތިސޯދު ހަލާކުވެދިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ރޭގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ޑޮކްޓަރުންްގެ އިރުޝާދާ ލަފާތަކަކީ ޓެކްނިކަލް ބައެއްގެ ތެރޭގައި މަޝްވަރާ ކުރެވިގެން، އެންމެ ރަނގަޅުކަމަށް ފެނިގެން ނުކުންނަ ލަފާތައް ކަމަށެވެ. އެހެން ކަމުން އޭނާ ގަބޫލު ކުރައްވާގޮތުގައި އެ ނިންމުންތަކަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް