ފަގީރުންގެ އާ ލިސްޓެއް ނެހެދީ ރަޖިސްޓްރީ ކުރަން ހަމަހަމަ ފުރުސަތު ނުދެވިދާނެތީ!

މިއަހަރުގެ ފިތުރު ޒަކާތް ބެހުމަށް ފަގީރުންގެ އާ ލިސްޓެއް އެކުލަވާނުލެވުނީ ހާލަތަށް ރިއާޔަތްކޮށް ރަޖިސްޓްރީވުމަށް އާންމުންނަށް ހަމަހަމަ ފުރުސަތެއް ނުދެވިދާނެތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވ...

20 May 2020 | 01:09

މިއަހަރުގެ ފިތުރު ޒަކާތް ބެހުމަށް ފަގީރުންގެ އާ ލިސްޓެއް އެކުލަވާނުލެވުނީ ހާލަތަށް ރިއާޔަތްކޮށް ރަޖިސްޓްރީވުމަށް އާންމުންނަށް ހަމަހަމަ ފުރުސަތެއް ނުދެވިދާނެތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އެހެން ބުނެފައި މިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް ބަލައިގެން ޒަކާތް ބަހަން އިސްލާމިކް މިނިސްޓްރީން ނިންމާފައި ވާތީ އެކަމަށް ފާޑު ވިދާޅުވެފައި ވަނިކޮށެވެ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ގައުމަށް ދިމާވެފައިވާ ދަތި ހާލަތުގައި އެތައް ބައެއްގެ ވަޒީފާ ގެއްލި މީހުން ހާލުގައިޖެހިފައިވާ ކަމަށާއި އެހެންވެ މި އަހަރު ޒަކާތް ބަހާއިރު ލިސްޓު އާ ނުކޮށް ޒަކާތް ބެހުމަކީ ޝަރުއީ ނަޒަރަކުން ބަލާއިރު ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން ފަގީރުންގެ ލިސްޓު އެކުލަވާލަން ދަތިތަކާއި ކުރިމަތިވީ ކަމަށެވެ. މިނިސްޓްރީން ބުނީ މި ރޯދަ މަހުގެ ކުރިން އެ ދަފްތަރުގައި ޖެހުމަށް ހުޅުވައިލުމަށް އާމިލުން ނަގަން އިއުލާނު ކުރުމަށްފަހު ވައިރަސް ފެތުރެން ފެށުމުން، ފޯމު ފުރުމާއި ލިޔެކިއުންތައް ފުރިހަމަކުރުމުގައި ދަތިތަކާ ކުރިމަތިވެގެން އެކަން ހުއްޓާލީ ކަމަށެވެ.

މިހާލަތުން އަރައިގަނެވުމާއި އެކު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ބުނެފައިވެ އެވެ. އިތުރަށް ބުނެފައިވަނީ މި ރޯދަމަހުގެ ކުރިން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވައި ނުލެވުނަސް، މިދިޔަ އަހަރު، ދެ ފަހަރެއްގެ މަތިން އެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

ޒަކާޓު ފައިސާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެ މިނިސްޓްރީން ބުނެފައިވަނީ މިދަނޑިވަޅުގައި ހާލުގައި ޖެހެމުންދާ ފަރާތްތަކަށް ޒަކާތު ފައިސާއިން ހަރަދު ކުރަމުންދާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ނަން ނުހިމަނާ ޑރ. ޝަހީމްގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ. ބުނެފައިވަނީ އެފަދަ އަމަލުތަކުގެ ސަބަބުން އާންމުންގެ މެދުގައި ނުތަވަސްކަން އުފެދޭ ކަމަށާއި އެކަމާއި އެ މިނިސްޓްރީން ހިތާމަ ކުރާ ކަމަށެވެ.

ފަގީރެއްގެ ގޮތުގައި ބަލަނީ ދުވާލަކަށް މަދުވެގެން 45 ރުފިޔާ އާމްދަނީގެ ގޮތުގައި ނުލިބޭ މީހުންނެވެ. ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި ތިބީ 8،764 މީހުންނެވެ. މި މީހުންގެ ތެރެއިން މާލޭގެ ފަގީރުންގެ ދަފްތަރުގައި ވާ މީހުންނަށް ފައިސާ ހަވާލު ކުރަން ނިންމާފައިވަނީ އެކައުންޓަށް ޖަމާކޮށްދީގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް