ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމަކީ މިހާލަތުން އަރައިގަތުމަށް އޮތް ހައްލެއް ނޫންކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތުން "އިމީޑިއެޓް ރެސްޕޮންސް އެންޑް ފިއުޗާ އޮޕޮޗުއިނިޓީސް" ގެ ނަމުގައި ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ވައިރަހުން ރައްކާތެރިވުމަށްޓަކައި ގައުމުތައް ލޮކްޑައުންކޮށް، ބޯޑަރުތައް ބަންދު ކުރުމަކީ އެންމެ މުހިއްމު ފިޔަވަޅުކަމަށް ގައުމުތަކަށް ހީވި ނަމަވެސް، އެކަން އެގޮތަށް ކޮންގެން އެއްވެސް ގައުމަކަށް ސަލާމަތެއް ނެތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ އަވަހަކަށް ބޯޑަރުތައް ހުޅުވާލުން މުހިއްމު ކަމަށެވެ.
ނަޝީދު ވިދާޅުވީ، ރާއްޖޭގެ 70 ޕަސެންޓް މީހުން ވަޒީފާ އަދާކުރަނީ ޓޫރިޒަމް ދާއިރާގައި އެވެ. އެހެންކަމުން ބޯޑަރުތައް ބަންދުކޮށްގެން، ޓޫރިޒަމް ހުއްޓުމަކަށް ގެނެސްފި ނަމަ، މުޅި ދުނިޔޭގެ އިގްތިސާދު އަޑިއަށްގޮސް އިންޓަނޭޝަލް ސްޓެބިލިޓީ ގެއްލޭނެ ކަމަށެވެ.
ނަޝީދުގެ ވާހަކަފުޅުގައި ކޯވިޑާއި ގުޅިގެން މީހުން ކަރަންޓީން ކުރުމާއި ދެކޮޅުކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅުކަމަށާއި މިކަމުން އަރައިގަތުމަށް ހިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަ ކަމަށެވެ. އެހެންވީމަ މީހުން ކަރަންޓީން ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން ބަލި ފެނުމުގެ ކުރިން ސަރުކާރުން މި ބަލި އަތުވެދާނެ ކަމަށް އަޅަމުންދިޔަ ފިޔަވަޅުތަކަށް ފާޅުގައި ސަރުކާރު ހިންގާ ޕާޓީގައި ހުންނަވައިގެން ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި ނަޝީދު ހިމެނިވަޑައިގެންނަވައެވެ. ނަޝީދު ވަނީ ބޯޑަރު ބަންދު ކުރުމުގެ އިތުރުން ކަރަންޓީން ކުރުމާއި ދެކޮޅުކަން ހާމަކޮށް، މި ބައްޔަކީ މީހުން ބިރުގަންނަން ޖެހޭވަރުގެ ބައްޔެއް ނޫންކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައި އެވެ.
ބޯޑަރުތައް ހުޅުވަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އިރު ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗްމަހުގެ27 ވަނަ ދުވަހު އެވެ. އެކަމަކު އެމަހުގެ ކުރީކޮޅުން ފެށިގެން ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުން މީހުން އައުން ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީންވެސް ވަނީ ބަލި ފެތުރެމުންދާތީ ފަހުގެ ތާރީހަކަށް ބުކިން ފަސްކުރަން ގިނަ ޓޫރިސްޓުން ބޭނުން ނުވެ ކެންސަލް ކުރަނީ ކަމަށް ބުނެފައި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ކޮންމެ ފިިޔަވަޅަކީ ސިއްހީ ތަޖުރިބާ ކާރުންގެ ލަފާގެ މަތިން އަޅަމުންދާ ފިޔަވަޅުތަކެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ. އަދި އިސްކުރައްވާނީ ގައުމުގެ އިގްތިސާދަށްވުރެ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްކަން ކަމަށްވެސަ ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް