މޯލްޑިވް ގޭސްގެ އަންހެން މުވައްޒަފަކަށް އެތަނުގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ޖިންސީ ފުރައްސާރައިގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތު ކުރެވުމާ އެކު މަގާމުން އިކްރާމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އިކުރާމުގެ އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ތަހުގީގު ކުރި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާގައި ވިދާޅުވީ އިކްރާމާއި ދެކޮޅަށް ޖިނާއީ ދައުވާ ކުރެވޭވަރުގެ ހެއްކެތް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ އެ މައްސަލަ މި ހަފްތާ ތެރޭގައި ފައިލްކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އިކްރާމް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ މޯލްޑިވް ގޭސްގެ އަންހެން މުވައްޒަފަކު ވަނީ އޭނާއަށް ފޮނުވާފައިވާ މެސެޖުތަކުގެ ޗެޓް ލޮކް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އަދި އެ ޗެޓު ލޮގުތައް ފުލުހުންގެ ތަހުގީގަށް ދިން ކަމަށް އޭނާ ބުނެފަވެ އެވެ.
އިކްރާމް ދިފާއުގައި ބުނެފައިވަނީ ފުރައްސާރައިގެ މެސެޖެއް އެ އަންހެން މުވައްޒަފަށް ކުރައްވާފައިނުވާނެ ކަމަށެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލައިން އިކްރާމް ސަލާމަތްވި ނަމަވެސް އޭނާއާ އަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
އެއީ، ކޮވިޑް ފެސިލިޓީތަކަށް 4،128 އޮކްސިޖަން ސިލިންޑަރު ގަތުމުގައި 16 މިލިއަން ރުފިޔާގެ ހިޔާނާތެއް ހިންގަވާފައިވާ ކަމުގެ ތުހުމަތެކެވެ. އިކްރާމްގެ އަތެއް އޮވެ، އޮކްސިޖަން ސިލިންޑަރުތައް ގަންނަން ހަވާލުކުރީ އެންމެ ބޮޑު އަގު ހުށަހެޅި ސިންގަޕޫރުގެ ޕްރޯ ބިޒް ކުންފުންޏާ ކަމަށް އެސްއޯއީގެ ރިޕޯޓުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް