ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގައި ހުރި އާ ކަންތައްތަކެއް ފާހަގަވެއްޖެ: ޕީޖީ

ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގައި އާ ކަންތައްތަކެއް މިހާރު ފާހަގަކުރެވިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ "ފަލަ ސުރުހީ" ޕްރޮގްރާމެއްގައި ވާހަކަ ދ...

20 Apr 2021 | 09:40

ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގައި އާ ކަންތައްތަކެއް މިހާރު ފާހަގަކުރެވިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ފަލަ ސުރުހީ" ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ މި މައްސަލައަކީ ވަރަށް ބޮޑަށް ޤައުމީ މަސްލަހަތު އޮތް، ވަރަށް ޕަބްލިކް އިންޓްރެސްޓް ބޮޑު މައްސަލައެއް ކަމަށެވެ. ތަހުގީގީ ނަޒަރުން މައްސަލަތައް ބެލުމަކީ އާންމުކޮށް ޕީޖީން ކުރާ ކަމެއްނޫންކަން ފާހަގަކޮށް ޕީޖީ ޝަމީމް ވިދާޅުވީ ޕީޖީން އަބަދުވެސް ކުރާ ކަމަކީ ހެކި ވަޒަންކުރުން ކަމަށެވެ.

"ނަމަވެސް މި މައްސަލައިގެ ހައްސާސްކަމުން އަޅުގަނޑުމެންވާނެ ވަރަށް ބޮޑަށް، އާންމުކޮށް ބަލާވަރަށްވުރެ މާބޮޑަށް، މާގާތުން މިމައްސަލަ ބަލާފަ. އަޅުގަނޑު ދެފަހަރެއްގެ މަތިން އަލުން މުރާޖާވެސް ކޮށްފިން." ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ އެންމެ ފަހުން ބެލި ބެލުމުންވެސް މި މައްސަލައިގައި އިތުރު ކަންތައްތަކެއް ފުރިހަމަވާން ޖެހޭކަމަށް ފާހަގަކުރެވިގެން އެކަންތައް އަލުން އޭސީސީއަށް ފޮނުވާފައިވާކަމަށެވެ. އަދި މިހާރު ބަލަމުންދާ ކަންކަން ބެލުމުން މިމައްސަލާގައި ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި އާ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާކަން ފާހަގަކޮށް ޕީޖީ ޝަމީމް ވިދާޅުވީ އެކަންކަން ބެއްލެވުމަށްފަހު، ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލާގައި އާންމުންނަށް އޭގެ ނަތީޖާއަށް ދެވިއްޖެ ކަމުގެ އިހްސާސްވާ ކަހަލަ ނަތިޖާއެއް ފެންނާނެ ކަމަށާއި ނަމަވެސް އެކަންކަން ބަރޯސާވަނީ ތަހުގީގީ އިދާރާތަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް