ސިލްސިލާ ވާހަކަ: ޒާރާ - ނުވަދިހަ އެއްވަނަބައި

''ކަލޭތީ ހާދަ މަކަރުގަދަ އަންހެނެކޭ ދޯ.......... ތިހެން އިމްރާނު ގާތުގަ ނިދަން އޮންނާކަށް ލަދެއް ނުގަނޭތަ............ އާދޭ މަށާއެކު............'' ފަހުދު ހަޅޭލަވައިގަތެވެ. ޒާރާގެ އަތުގައި ހިފާ ދަމާ އެނ...

20 Apr 2021 | 09:24

''ކަލޭތީ ހާދަ މަކަރުގަދަ އަންހެނެކޭ ދޯ.......... ތިހެން އިމްރާނު ގާތުގަ ނިދަން އޮންނާކަށް ލަދެއް ނުގަނޭތަ............ އާދޭ މަށާއެކު............'' ފަހުދު ހަޅޭލަވައިގަތެވެ.

ޒާރާގެ އަތުގައި ހިފާ ދަމާ އެނދުން ނެގިއެވެ. ޒާރާއަށް ބަލާލެވުނީ އިމްރާނާ ދިމާއަށެވެ. އޭނާ ނުހަނު އަރާމުގައި ނިދާފައި އޮތެވެ.

''ކަލޭ ހީކުރީ ތިހެން މަށަށް ލަނޑުދީފަ އުފަލާ އަރާމުގަ ނިދަން އޮވެވޭނެ ކަމަށްތަ؟......... މިރޭ ކަލޭ މަރާލާނަން........... ލާހިކެއް ނޫން ދެން އެންމެ ނޭވާއެއްވެސް ލާކަށް........... މަށަށް ޒަހަރު ދީފަ ނުކެރޭނެ ދިރިހުންނާކަށް..............'' ފަހުދު ޒާރާގެ ކަރުގައި ދެއަތުން ހިފިއެވެ. އޭނާގެ އިނގިލިތަކުން ކަރަށް ފިއްތަމުން ދިޔައިރު ޒާރާގެ ނޭވާ ހާސްވަމުން ދިޔައެވެ. ދެލޯބޮޑުވެ ނޭވާނުލެވި ތެޅިފޮޅެން ފެށިއެވެ. ދެއަތުން ފަހުދުގެ އަތް ކަރުން ނައްޓާލެވޭތޯ ޒާރާ ކުރި މަސައްކަތް ދިޔައީ ބޭކާރުވަމުންނެވެ.

ފުން ނިދީގައި އޮތް އިމްރާނަށް ހޭލެވުނީ ގާތުގައި އޮތް ޒާރާ ތެޅި ފޮޅެން ފެށުމުންނެވެ. ހައިރާން ކަމާއެކު ބަލާލެވުނީ ޒާރާގެ މޫނަށެވެ.

''ފަހުދު އަހަރެން ......... ދޫކޮއްލާ......... ދޫކޮއްލާ......... މަރުވަނީ.............. ފަހުދު..........'' ޒާރާގެ އަޑު ބޭރުވީ ނުހަނު އުނދަގުލުންނެވެ.

ފަނޑު އަލިކަމުގެ ތެރެއިން ޒާރާގެ މޫނަށް ބަލަން އޮތް އިމްރާނަށް ލިބުނީ ހައިރާން ކަމެކެވެ. ނިދީގައި އޮވެގެން ޒާރާ ފަހުދަށް ގޮވަންވީ ކީއްވެ ބާވައޭ އިމްރާނުގެ ހިތަށް އެރިއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ އެރޭގެ އިރާކޮޅުގެ ހާދިސާއެވެ. އެފަހަރުވެސް ނިދީގައި އޮތް ޒާރާގެ ހަށިގަނޑުގައި އިމްރާން ފިރުމާލުމުން އޭނާ ތެޅިފޮޅި ގަތުމަށްފަހު އިމްރާނާ ދުރަށް ދުއްވައިގަތް މަންޒަރު ހަނދާން އާވިއެވެ. އެފަހަރުވެސް ޒާރާގެ އަނގައިން ބޭރުވީ ފަހުދުގެ ނަމެވެ.

''ޒާރާ............. '' އިމްރާނު މަޑުމަޑުން ޒާރާއަށް ގޮވާލިއެވެ. ކޮނޑުގައި ދެއަތުން ހިފާ ކުޑަކޮއް ތަޅުވާލިއެވެ. ޒާރާ ލޯހުޅުވާލިއެވެ. ހައިރާން ކަމާއެކު ގާތުގައި އޭނާގެ މޫނަށް ބަލަން އޮތް އިމްރާނާ ހަތަރުކަޅި ހަމަކޮއްލިއެވެ. ވާނުވާ ނޭނގިފަ ދެލޯ ބޮޑުކޮއްގެން އޭނާއަށް ބެލެނީ އިމްރާނުގެ މޫނަށެވެ.

''އިމްރާން .....ތަ؟...............'' ޒާރާއަށް ޔަޤީން ނުވާކަހަލައެވެ. އަޅައަޅައިގަންނަމުން އޭނާ އަށް ކުރެވުނީ ސުވާލެކެވެ. ވާނީވެސް އެހެންނެވެ. ދާދި ދެންމެއަކު ކުރިމަތިލާން ޖެހުނު ބިރުވެރި ކަންތައް ގަނޑަކީ ހުވަފެނެއް ނަމަވެސް އެއީ ހަނދާނުން ފިލުވާލެވޭ ހާލަތެއް ނޫނެވެ. ޒާރާއަށް ކުރެވުނީ ކުރަން ޖެހޭ ސުވާލެއް ނޫންކަން ވިސްނުނު އިރު ވަގުތު ފާއިތުވެއްޖެއެވެ.

''އާނ............އަހަރެން.......... އިމްރާން............'' އިމްރާން ހަމަ އެގޮތަށް ޒާރާގެ މޫނަށް ބަލަންއިނދެ ޖަވާބުދިނެވެ.

''ކިހިނެތްވީ؟...........'' ދެވަނަ ސުވާލު ކުރީ އިމްރާނެވެ. މިފަހަރު ޖަވާބު ދޭކަށް ޒާރާއަކަށް އެހާ ފަސޭހައެއް ނުވިއެވެ. އިމްރާނުގެ ރާގުގައި ސީރިއަސް ކަމެއް ހުރިހެން އޭނާއަށް ހީވެ ޖެހިލުން ވިއެވެ.

އިމްރާނު ތެދުވެ އެނދުގެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލާ ހަމަޖެހިލިއެވެ. އޭނާގެ އެ ހަރަކާތުގެ ސަބަބުން ޒާރާ ކަންބޮޑުވާގޮތްވިއެވެ. ކަމެއް ގޯސްވީ ނޫންބާއޭ ހީވެ، ހިތުގެ ވިންދު އަވަސްވާ ގޮތްވިއެވެ.

ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ކޮންމެ މީހެއްގެ ހިތުގައިވެސް ވަނީ އެތައް ބައިވަރު ސުވާލުތަކެއް އުފެދި ފުނިޖެހިފައެވެ. ކޮންމެ މީހަކުވެސް އިންތިޒާރު ކުރަމުން އެދަނީ އެނެކަކު އެއްޗެކޭ ބުނާނެ ވަގުތަކަށްހެން ހީވެއެވެ.

ކޮޓަރިތެރޭގައިވާ ހަމަހިމޭންކަމުން ޒާރާއަށް އުނދަގޫ ވާންފެށިއެވެ. އޭނާ ތެދުވެ އެނދުގައި އިށީދެލިއެވެ. އިމްރާނުގެ ގާތަށް ޖެހިލިއެވެ. އިމްރާނުގެ ހަރަކާތަކަށް ޒާރާއަށް އިންތިޒާރު ކުރެވެން ފެށުނެވެ. އާދައިގެ މަތިން ޒާރާ އިމްރާނުގެ ގާތަށް ދަމާލާ އުނގުތެރެއަށް ލާ ބޮޑިކޮއްލާނެކަމަށް ޒާރާއަށް ހީ ކުރެވުނެވެ. އެހެންނަމަވެސް މިފަހަރު އެގޮތަށް ހީކުރެވުން އެއީ ކުރެވުނު ކުށް ހީ އެކެވެ. އިމްރާން އެއްވެސް ހަރަކާތެއް ނުކުރިއެވެ. ހަމަ އިންގޮތަށް އިނީއެވެ.

ޒާރާގެ ހިތް ނެގިނެގިފައި ޖެހެންފެށީ އަމަށަކު ވަރަކަށް ނޫނެވެ. ހީވަނީ ހަމަ ދެންމެ ދެންމެ މޭ ފަޅާލާފައި ބޭރަށް ފުންމާލަ ފާނެ ހެންނެވެ. އޭނާގެ ސިކުނޑި ކެނޑިނޭޅި ދެމުން ދިޔަ އިންޒާރުގެ ސަބަބުން ޒާރާ ހާސްވަނީއެވެ. ކިތަންމެ ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިޔަސް ޒާރާގެ މޫނު ފެންނަ ކޮންމެ މީހަކަށް އޭނާގެ މޫނުމަތީގައިވާ ހާސްކަމާ ނުތަނަވަސްކަން ސިއްރެއް ނުވާނެކަން ކަށަވަރެވެ.

އިމްރާން ......... ކަމަކާ ހިތްހަމަ ނުޖެހިފަތަ...........'' އެންމެފަހުން ޒާރާއަށް ކެތްނުވެގެން ސުވާލު ކޮއްލިއެވެ. އިމްރާނު ގާތަށް ޖެހިލުމަށްފަހު އޭނާވެސް ހެޑްބޯޑުގައި ބުރަކަށި ޖައްސާލިއެވެ. ޒާރާގެ ހިތް ނުތަނަވަސްވަމުން ދިޔައީ އިންތިހާއަށެވެ.

ދެންވެސް ހޭދަވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. ޒާރާއަށް ބަލާލެވުނީ އިމްރާނުގެ މޫނަށެވެ. އޭރު އިމްރާން ހަމައެއްވެސް ހަރަކާތެއްނެތި އިނީ ދުރު ބަލާށެވެ. ހީވާގޮތުން އޭނާ އެއިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެނބިފައެވެ. އިމްރާން ފިކުރު ކުރަމުން އެދަނީ  ޒާރާ އެންމެ ބިރުގަންނަ ކަންތަކާ ކަމުގައި ޒާރާއަށް ހީވިއެވެ. ޒާރާ ބުނި އެއްޗެއް އިމްރާނަށް އަޑު ނީވެނީބާވައެވެ.

ފިރިމީހާގެ މި އާދަޔާ ޚިލާފް ހަމަހިމޭން ކަމުގެ ސަބަބުން ޒާރާގެ ހިތާއި ސިކުނޑީގައި ބިރުވެރި ތޫފާނެއް އުފައްދައިފިއެވެ. އެއީ ދުވަހަކުވެސް އިމްރާނުގެ ކިބައިން ފެނުނު ހަމަހިމޭން ކަމެއް ނޫނެވެ. ޒާރާގެ ކޮންމެ ސުވާލެއް، ކޮންމެ ކަންބޮޑުވުމެއް، ކޮންމެ ހަރަކާތަކަށް އިމްރާން އިޖާބަދެނީ ނުހަނު ގާތްކަމާ އޯގާތެރި ކަމާއެކުގައެވެ.

''އިމްރާން................'' ޒާރާ ދެވަނަ ފަހަރަށް އިމްރާނަށް ގޮވާލިއެވެ. އަދި މަޑުމަޑުން އިމްރާނުގެ އަތުގައި ހިފާ ތަޅުވާލިއެވެ.

''ޒާރާ......... އަހަރެން ސުވާލެއް ކުރަން ބޭނުން............ އެންމެ ރަނގަޅުތަ؟............'' އިމްރާނުގެ އަތުގައި ހިފަހައްޓާލާފައިވާ ޒާރާގެ އަތް ދުރުކޮއްލަމުން އިމްރާނު ވާހަކަދެއްކިއެވެ.

ކުރިއަށް ވުރެވެސް ބާރަށް ޒާރާގެ ހިތް ތެޅެން ފެށިއެވެ. އިމްރާން އަހަން އެއުޅެނީ ފަހުދުގެ ވާހަކަ ބާވައެވެ. ޔަގީނެވެ. ބައެއް ސިއްރު ތަކަކީ އަބަދަށް ސިއްރެއްގެ ގޮތުގައި އޮންނާނެ ކަންތަކެއްވެސް ނޫނެވެ. އެކަން ޒާރާ ވެސް ގަބޫލު ކުރެއެވެ.

''އެންމެ ރަނގަޅު..........'' ޒާރާ ފިނިވެފައިއޮތް ދެއަތްތިލަ، ދެއަތް ދެއަތާ މޮޑެމުން ހިންދިރުވާލެވުނެވެ. ކަރުގައި އެއްޗެއް ތާށިވެފަވާ ކަހަލައެވެ.

''ޒާރާ ދެންމެ ނިދާފައި އޮވެ ފަހުދަށް ގޮވި........ ތިމަންނަ މަރުވަނީއޭ...... ދޫކުރާށޭ ކިޔާފަ ހަޅޭއްލެވި........ މިރޭ އިރާކޮޅުވެސް ވީ ހަމަ އެހެން........... އަހަރެން ކޮޓަރިއަށް ވަތް އިރު ޒާރާއަށް އޮތީ ނިދިފައި............. ވަރަށް ގިނައިރު އިނިން ހޭލާތޯ......... ދެން މަޑުމަޑުން ފިރުމާލީމަވެސް ޒާރާ އަނގައިން ނިކުތީ ފަހުދުގެ ނަން............ އަހަރެން މިކަމާ ވަރަށް ވިސްނައިފިން...........'' އިމްރާނު ވާހަކަ މެދުކަނޑާލިއެވެ. އަދި ޒާރާގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލާލިއެވެ.

''އެހެން ވާންވީ ކީއްވެ............'' އިމްރާނު ސުވާލުކުރިއެވެ. ޒާރާގެ އަތާއި ހަށިގަނޑަށް އަންނަ ހަރަކާތްތަކުގެ އިތުރުން ޒާރާގެ މޫނަށް ވެރިވަމުންދާ ކުލަވަރުން، އިމްރާނަށް ލިބެމުން ދިޔަ މެސެޖް އޭނާއަށް ފަހުމުވާ ކަހަލައެވެ.

ޒާރާގެ ހިތް ހުއްޓުނު ކަހަލައެވެ. ސިކުނޑި އައްސި ވިހެން ހީވިއެވެ. ހަށިގަނޑުން ވާގި ދޫވާކަމުގެ އިހްސާސް ކުރެވުނެވެ. ލޮލުން ކަރުނަ ހިލުނީ އެގޮތް އޭނާ ބޭނުން ވެގެން ނޫނެވެ.

'ޒާރާ .......... އަހަރެން ބޭނުން ޖަވާބެއް............'' އެއިންގޮތަށް އިނދެ އިމްރާނު ވާހަކަދެއްކިއެވެ. ހަދާނެ ގޮތް ހުސްވެ، ހަތަރު އުދަރެސް ފެނު ޖެހުނުހެން ޒާރާއަށް ހީވިއެވެ. ނޭވާ ހާސްވެ ގެނބެމުންދާ ކަމުގެ އިހްސާސް ޒާރާއަށް ކުރެވުނެވެ. އެންމެފަހުން އެ ބިރުވެރި ވަގުތު ޖެހުނީއެވެ.

''ޒާރާ.......... އަހަރެން މިވާހަކަ ދައްކަނީ ޒާރާއާ.......... ސުވާލު ތަކުރާރު ކުރާކަށް އަހަރެން ބޭނުމެއް ނޫން...........'' މިފަހަރު އިމްރާނުގެ އަޑުގައިވަނީ ހަރުކަށިކަމެވެ. ޒާރާއަށް ބަލާލެވުނީ އިމްރާނުގެ މޫނަށެވެ. ލޮލުން ފައިބައިގަންނަން ތައްޔާރުވެފައި ހުރި ކަރުނަތައް އެވަގުތު އޭގެ ޖާގަ ދޫކޮއް ދެ ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ.

----------------------------------

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 22 އޭޕްރީލް ވާ ބުރާސްފަތި ދުވަހުގެ ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ.....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް