އިތުރު ރުފިޔާ ޗާޕް ކުރަން ހުއްދަ ދިނުމާ މެދު މަޖިލީހުން ގޮތެއް ނުނިންމި

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދުނު އެދުމާ...

20 Apr 2021 | 09:23

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދުނު އެދުމާ މެދު މަޖިލީހުން ގޮތެއް ނުނިންމި އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ތ. ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހެޅުއްވީ އެމައްސަލަ މަޖިލީހުން ކަނޑައަޅާ ހާއްސަ ކޮމިޓީއަަކަށް ފޮނުވައިގެން ދިރާސާ ކުރުމަށެވެ. އެ ހުށަހެޅުމަށް މިއަދު މަޖިލީހުގައި ވޯޓަށް އެހި އިރު، އިއްޒަތްތެރި 48 މެމްބަރުން ވަނީ ނޫނެކޭ ބުނެފަ އެވެ. އެ ހުށަހެޅުމަށް އާއެކޭ ބުނީ އިއްޒަތްތެރި 12 މެމްބަރުންނެވެ.

އެ ހުށަހެޅުން ފާސްނުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމައްސަލާގައި މަޖިލީހުން ގޮތެއް ނުނިންމުނު ކަމަށެވެ.

"މި ހުށަހެޅުން ފާސްނުވުމުން، މިއަދުގެ މުޅި މައްސަލަ އާ ގުޅޭގޮތުން އެއްވެސް ގޮތަކަށް ފާހެއް ނުވި. އެހެންވީމާ، މިނިސްޓްރީ އޮފް ފިނޭންސުން އެދިވަޑައިގެން އެދިވަޑައިގަތުމާ ގުޅޭގޮތުން މި މަޖިލީހުން ވަކި ގޮތެއް ނުނިންމަވާ." މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އެހެން ނިންމެވި ނަމަވެސް އާންމު އުސޫލެއްގެ ދަށުން މަޖިލީހން މައްސަލައެއް ބޭރުކޮށްލާނަމަ ބޭރުކޮށްލަން ވަކިން ވޯޓަކަށް އަހަން ޖެހޭނެ އެވެ. އެ މައްސަލަ ހާއްސަ ކޮމިޓީއަކަށް ފޮނުވަން ފާސް ނުވާނަމަ ދެން އެމައްސަލަ ފޮނުވަން ޖެހޭނީ މާލިއްޔަތު ކޮމިޓީ އަށެވެ.

ނަމަވެސް މިއަދު އެމައްސަލައާ މެދު މަޖިލީހުގެ ރައީސް ތަފާތު ގޮތަކަށް އަމަލުކުރެއްވީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް