ކޯވިޑް-19 ގެ ލޮކްޑައުނަށް ފަހު މިދިޔަ އަހަރުގެ ޖުލައި 15 ގައި ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވާލީންސުރެ ކޮންމެ ދުވަހަކުހެން ބޮލީވުޑް ނޫނީ އިންޑިއާގެ މަޝްހޫރު މީހަކު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސްގެން ދިވެހި މީޑިއާގައި ހަބަރެއް ނުޖަހާ ދުވަހެއް ނުދެ އެވެ.
ބައެއް ބޮލީވުޑް ތަރިންނަކީ އަބަދުވެސް ރާއްޖެ އަންނަން ބޭނުންވާ ތަރިންނެވެ. އޭގެ ތެރޭގައި ސޮނާކްޝީ ސިންހަ ފަދަ ތަރިންނަކީ ފެށުނީންސުރެ އެމީހުންގެ އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ ކަމަށް ބުނެ ކޮންމެ އަހަރެއްގެ ޗުއްޓީ ރާއްޖެއަސް ނޫނީ ނިންމާނުލާ ތަރިންނެވެ.
މީގެ ކުރިން އާންމުކޮށް އިންޑިއާ ތަރިން ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އަންނަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހާއި ޖެނުއަރީ މަހު އާ އަހަރާއި ދިމާކޮށެވެ. އެކަމަކު ލޮކްޑައުނަށް ފަހު ރާއްޖެ ހުޅުވި ފަހުން މިއަހަރުގެ ފުރަތަމަ ހަތަރު މަސްތެރޭ ދެތިން ފަހަރު ރާއްޖެ އައިސްފައިވާ ތަރިން ހިމެނެ އެވެ.
އެގޮތުން ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރު މިއަހަރު ތެރޭގައި ތިން ފަހަރު ރާއްޖެ އައިސްފައިވާއިރު ސާރާ އަލީ ހާން ދެ ފަހަރު ރާއްޖެ އައިސްފައިވެ އެވެ. އަދި ދިޝާ ޕަޓާނީ އާއި ލޯބިވެރިޔާ ޓައިގާ ޝްރޮފް ލޮކްޑައުނަށް ފަހު ބޯޑަރު ހުޅުވި ފަހުން ދެ ފަހަރު ރާއްޖެ އައިސްފަވެ އެވެ.
މީގެ ސަބަބު އެނގެން ބޭނުންވާ ވަރަށް ގިނަ މީހުން އެބަތިއްބެވެ. އެމީހުންގެ ބިޒީ ޝެޑިއުލްތަކުން ވަގުތު ހޯދައިގެން އިރުކޮޅަކާ ރާއްޖެ އަންނަނީ ހަމަ ރާއްޖެ ރީތިކަމުން ޗުއްޓީ ހޭދަ ކޮށްލަންތޯ ނުވަތަ މީގެ ފަހަތުގައި އެހެން ސަބަބެއް އޮތްތޯ އެނގެން ބޭނުންވެ އެވެ.
ކޯވިޑަށް ފަހު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރަން ބޭރުގެ އެތައް ފަންނަނާނުންތަކަކަށް ރިސޯޓުތަކުންނާއި އެމްއެމްޕީއާރުސީން ހިލޭ ޗުއްޓީ ދަތުރުތައް ދަނީ ދެމުންނެވެ. އިންޑިއާ ތަރިން ރާއްޖެ އަންނަނީ އެ ގަައުމަކީ ކޯވިޑްގައި ނުރައްކާތެރި ހާލަތެއްގައި އޮޮތް ގައުމަކަށް ވާތީ އިންޑިއާ ރައްޔިތުންނަށް ދުނިޔޭގެ މަޝްހޫރު ރީތި ގައުމުތަކަށް އަދި ހާއްސަކޮށް ގިނަ ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރުމުގެ ހުއްދަ ނެތުމެވެ.
އިންޑިއާ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މީގެ ތެރެއިން ބޮލީވުޑްގެ މަޝްހޫރު ފަރާތްތައް ރާއްޖެ މާގިނައިން އަންނަނީ ދެވަނަ ސަބަބާއި ހެދި އެވެ. އާންމުކޮށް ބޮލީވުޑް ތަރިންނަކީ ކޮންމެ އަހަރު ތަފާތު ގައުމުތަކުގައި ޗުއްޓީ ހޭދަ ކުރަން ލޯބި ކުރާ މީހުންނެވެ. ކުރީ އަހަރެއްގައި ރާއްޖެ އައިސްފަ ވީނަމަވެސް އެހާ އަވަސް އަވަހަކަށް ޗުއްޓީ ހޭދަކުރާކަށް ރާއްޖެއެއް ނާދެ އެވެ.
ބޮލީވުޑް ތަރިންނަށް ޗުއްޓީ ހޭދަ ކުރަން ގައުމުން ބޭރަށް ނުދެވޭތީ އެމީހުން އަންނަނީ ރާއްޖެއަށެވެ. ނުވަތަ އިންޑިއާގެ ގޯއާ އާއި ކަޝްމީރު ފަދަ ތަންތަނަށެވެ.
މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދާ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ސާރާ އަލީ ހާން އާއި އޭނާގެ މަންމަ އަމްރިތާ ސިންގް، ރަންބީރު ކަޕޫރާއި ލޯބިވެރިޔާ އާލިއާ ބަޓް ހިމެނެ އެވެ. އަދި ޓައިގާ ޝްރޮފް އާއި ލޯބިވެރިޔާ ދިޝާ ފަޓާނީ ހިމެނޭއިރު އިތުރު އެހެން ތަރިންތަކެއްވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް