ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ މިނިސްޓަރު ޢަލީ ވަޙީދު ޝަރީޢަތަށް ޙާޒިރުކުރުމަށް އިންޓަރޕޯލް ރެޑްނޯޓިސް ނެރެގެންވެސް މައްސަލަ ކުރިއަށް ގެންދަވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޢަލީ ވަޙީދުގެ މައްސަލައާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، ޢަލީ ވަޙީދު މިހާރު ދިރިއުޅޭ އެޑްރެސް ޕީޖީއަށް ނޭނގޭކަމަށް ބުނެ އެމައްސަލަ ހައިކޯޓުގައި ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާއިރު، އެޑްރެސް ނޭނގޭ ޙާލަތްތަކުގައި ޢަމަލުކުރަންޖެހޭ އިޖްރާޢަތްތައް ހައިކޯޓުން ފުރިހަމަކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި މިހާރު ހުށައަޅާފައިވާކަމަށް ޕީޖީ ޝަމީމު ވިދާޅުވިއެވެ.
ޓްއަރިޒަމް މިނިސްޓަރުކަމަށް އަލީ ވަހީދު ހުންނެވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް 7 ދައުވާއެއް ދައުލަތުންވަނީ އުފުލާފައެވެ. އަދި މި އެ މައްސަލާގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ.
ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދީ، ޕާސްޕޯޓު ދޫކުރުމަށް ދަށު ކޯޓުން ކުރި ޢަމުރު ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރެއްވިއެވެ. ނަމަވެސް ޢަލީ ވަހީދު މިހާރު އުޅޭ އެޑްރެހެއް ޕީޖީއަށް ބުނެދެވިފައި ނުވުމުން ޗިޓް ރައްދުކުރާނެ ގޮތެއް ނެތިގެން ހައިކޯޓުގައި އެ މައްސަލަ ކުރިޔަށް ނުގެންދެވި ވަނީ ހުއްޓިފައެވެ.
"މީހެއްގެ މައްޗަށް ދައުވާއެއް ކުރާކަން އޭނާއަށް އެނގެންޏާ އޭނާގެ އެޑްރެހެއް ނުބުނާނެ، ދައުލަތުގެ އިދާރާތަކަށް އޭނާ ނުއެއް އަންގާނެ. ދެން އެކަން ކުރަން އޮންނަގޮތަކީ، އޭނާގެ އެޑްރެސް ނޭނގެންޏާ ފުލުހުންނަށް ޢަމުރެއްކޮށްގެން ބަންދުގައި ބަހައްޓައިގެން ޙާޒިރުކުރަން ޢަމުރެއްކުރުން. އެކަމާއި ގުޅޭގޮތުން ހުރޭ ހައިކޯޓުގެ ޤަވާއިދުގައިވެސް އަދި ޝަރީޢަތްކުރުމާއި ބެހޭ ޖިނާޢީ އިޖުރާޢަތުގެ ޤަވައިދުގައިވެސް އުސޫލްތަކެއް ކަނޑައަޅަފައި އެބަހުރި. އެއީ މީހާކު ކޯޓަށް ޙާޒިރު ނުވެއްޖެއްޔާ ޢަމުރެއް ނެރެގެން ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ޙާޒިރުކުރުން. އެހެންވެ އެ ޕްރޮސެސްތައް ހިންގަވާފަ ނެތްކަމަށް އަޅުގަނޑުމެންނަށް ފެނުނީ ހައިކޯޓުން މައްސަލަ ނިންމެވިއިރު." ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމަށްފަހު އެ ޢަމުރުގެ މައްސަލައަށް ޙައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.
އަލީ ވަހީދު ޓުއަރިޒަމް މިނިސްޓަރުކަމަށް ހުންނެވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާއަށް އިޝަރާތް ކުރައްވާ ޕީޖީ ޙުސައިން ޝަމީމް ވިދާޅުވީ، ޢަލީ ވަޙިދު ދިރިއުޅޭ އެޑްރެސް ނޭނގިގެން ނުވަތަ އޭނާއަށް ޗިޓް ހަވާލު ނުކުރެވިގެން ކޯޓަށް ޙާޒިރު ނުކުރެވިއްޖެ ޙާލަތުގައި އިންޓަރޕޯލް ރެޑް ނޯޓިސްނެރެގެންވެސް އެ މައްސަލަ ކުރިއަށް ގެންދަވާނެކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އަދި އެ މައްސަލަތަކުގެ އަޑުއެހުންތައްވެސް ވަނީ ފަށާފައެވެ. ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުންވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ.
ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޢާޔަތްކުރައްވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ޝަރީޢަތުން ވަނީ ބާޠިލްކޮށްފައެވެ. އަލީ ވަހީދު ބޭރަށް ފުރާފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ ޖާމިނުވުމުންނެވެ. އަދި ހަތަރު މަސްދުވަސް ތެރޭ އަލީ ވަހީދު އަނބުރާ ގެންނާނެކަމުގެ ޔަޤީންކަންވެސް އަސްއަދު ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް