ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް އަހްމަދު ފަޒީލްއަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭ މައްސަލަ ފުލުހުން ފައިލްކޮށްފި އެވެ.
ފަޒީލަށް ދެ ތުހުމަތެއް ކުރި އެވެ. އެއީ ކުޑަކުއްޖަކު ރޭޕް ކުރުމުގެ ސަބަބުން އެ ކުއްޖާ ބަލިވެ އިން ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިޔަސް އެ މައްސަލަ އޮއްބާލި ކަމުގެ ތުހުމަތާއި އިތުރު ކުއްޖަކަށް ބޭ އަދަބީ ފޮޓޯ ފޮނުވި ކަމުގެ ތުހުމަތުވެސް ކޮށްފައިވެއެވެ.
މި މައްސަލައިގަ ފުލުހުން މިއަދު މީޑިއާގައި ބުނީ އެ މައްސަލައިގަ ފަޒީލާއި ދެކޮޅަށް ޖިނާއީ ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ. އެހެންވެ އެހެންވެ އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް ބުނެ އެވެ.
ފަޒީލްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ބައެއް މީހުން އެ މީހުންގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން އެކަމުގެ ޖިނާއީ ތަހުގީގެއް ފެށި އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި 20 ވަނަ ދުވަހު އޭނާ ވަނީ މަގާމުން ސަސްޕެންޑު ކޮށްފަ އެވެ.
އެކަމަކު މިހާރު އޭނާގެ ސަސްޕެންޝަން އުވާލުމުން ވަޒީފާއަށް ނުކުމެ އެވެ.
ފަޒީލް ވަނީ އޭނާއަށް ކުރި ތުހުމަތުތައް މީގެ ކުރިން ދޮގުކޮށްފަ އެވެ. އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި އެއީ އޭނާ މަގާމަށް އައުމުގެ ކުރިން ހިނގި ކަމަށް ބުނާ ކަންތައްތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް