ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދުގެ މިސްރާބު ވެސް ހުރީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމާއި ދިމާލަށްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ވިދާޅުވީ ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ޖަވާބުން ޔަގީންވެފައި އޮތީ ދެ ބޭފުޅުންގެ ވިސްނުންފުޅު މިކަމުގައި އެއްގޮތް ކަމަށެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުން ނަމަ ވަރަށް އަވަހަށް އިށީނދެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާއާ އެކު ފަށައިގެން ކުރިއަށްދާނެ ކަމަށެވެ.
އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އާޒިމް މިހެން ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ބޭނުންވާކަން ރައީސް ނަޝީދު ވަނީ ރައީސް ޞާލިހަށް އަންގަވާފައެވެ. ރައީސް ނަޝީދު ވަނީ އަންނަ ފެބްރުއަރީ މަހާއި ހަމައަށް ދާއިރު އެމަނިކުފާނު ބޮޑުވަޒީރު ކަމަށް އައްޔަންވެ ވަޑައިގެން، ވެރިކަން ހިންގުމާއި ހަވާލުވުމުގެ މަގުޗާޓް ރައީސް ޞާލިހާއި ހިއްސާ ކުރައްވާފައެވެ.
ރައީސް ޞާލިހް ވަނީ އެކަމަށް އިންކާރުކޮށް ވެރިކަމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. ނަމަވެސް ރައީސް ޞާލިހްގެ ވެރިކަން ބަދަލުކުރަން ބޭނުންވާކަން ރައީސް ނަޝީދު މީގެ ކުރިން މިހައި ސާފުކޮށް ވިދާޅެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް