ގާސިމް މަޑުން ހުންނަވަނީ ވެކްސިންގެ ޑޯޒްތައް ހަމަނުވާތީ!

ސިޔާސި ކަންކަމާ ދުރުގައި މަޑުން ހުންނަވަނީ، އެމަނިކުފާނަކީ ހައި ރިސްކު ބޭފުޅަކަށް ވުމުން ކަމަށާއި، އެހެން ނަމަވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށްފަހު މަޑުމަޑުން ނުހުންނާނެ ކަމަށް، ޖުމްހޫރީ ޕާޓީ...

20 Apr 2021 | 06:17

ސިޔާސި ކަންކަމާ ދުރުގައި މަޑުން ހުންނަވަނީ، އެމަނިކުފާނަކީ ހައި ރިސްކު ބޭފުޅަކަށް ވުމުން ކަމަށާއި، އެހެން ނަމަވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށްފަހު މަޑުމަޑުން ނުހުންނާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 3 ވަނަަ އަށް އެންމެ ބޮޑު ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކުރިއާ ޚިލާފަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރި ނޫންކަން ފާހަގަކުރެވެއެވެ.

ރާއްޖޭގައި ވެރިކަން ހިންގާ ނިޒާމް، ރިޔާސީ ނިޒާމުން ބަދަލުކޮށް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ދިވެހިން ވަނީ، ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް މީގެ އަހަރުތަކެއް ކުރިން ކަނޑައަޅާފައި ކަމަށާއި، ވަކި މީހަކު ބޭނުންވާއިރަށް އެނިޒާމް ބަދަލު ނުކުރެވޭނެ ކަމަށާއި، އެކަން ކުރަން ފުރުސަތުވެސް ނުދޭނެ ކަމަށެވެ.

ޣާސިމް ވިދާޅުވީ، މިހާރު ސިޔާސީ ކަންކަމުގައި މަޑުން ހުންނަވަނީ، އެމަނިކުފާނަކީ، ކޯވިޑް-19 ގެ ހައިރިސްކު ބޭފުޅެއް ކަމަށް ވާތީ ކަމަށެވެ. އެހެން ނަމަވެސް ވެކްސިންގެ ޑޯޒްތަށް ފުރިހަމަ ކުރުމަށްފަހު ސިޔާސީ މައިދާނުގައި ބަސްބުނެ ހަރަކާތްތެރި ވާނެ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ބޭނުންވާކަން ރައީސް ނަޝީދު ވަނީ ރައީސް ޞާލިހަށް އަންގަވާފައެވެ. ރައީސް ނަޝީދު ވަނީ އަންނަ ފެބްރުއަރީ މަހާއި ހަމައަށް ދާއިރު އެމަނިކުފާނު ބޮޑުވަޒީރު ކަމަށް އައްޔަންވެ ވަޑައިގެން، ވެރިކަން ހިންގުމާއި ހަވާލުވުމުގެ މަގުޗާޓް ރައީސް ޞާލިހާއި ހިއްސާ ކުރައްވާފައެވެ.

ރައީސް ޞާލިހް ވަނީ އެ ކަމާ ދެކޮޅު ހައްދަވައި، ވެރިކަމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. ނަމަވެސް ރައީސް ޞާލިހްގެ ވެރިކަން ބަދަލުކުރަން ބޭނުންވާކަން ރައީސް ނަޝީދު މީގެ ކުރިން މިހައި ސާފުކޮށް ވިދާޅެއް ނުވެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް