ރާއްޖޭގެ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް އިންޑިއާގެ އެމްޕްލޯއިމެންޓް އެޖެންސިއެއް ކަމަށްވާ ނޮރަކާ ރޫޓްސް މެދުވެރިކޮށް ހެލްތް މިނިސްޓްރީއަށް ބޭނުންވާ ފަންނީ ބޭފުޅުން ހޯދަން އިއުލާނު ކުރުމުން ޔޫނިއަން ފޯ އެމްޕްލޯއިމެންޓް އެޖެންސީ އޮފް ދި މޯލްޑިވްސް (ޔޫއީއޭއެމް) އިން ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.
އިންޑިއާގެ ކުންފުނި ނޮރަކާ ރޫޓްސް އިން މިމަހުގެ 17 ވަނަ ދުވަހު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ 520 ފަންނީ މުވައްޒަފުން ހޯދަން އިއުލާނުކޮށްފަ އެވެ.
ޔޫއޭއީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެލްތް މިނިސްޓްރީގެ މި އަމަލަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ފުނޑާލުމަށް ހިންގާ އަމަލެއް ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ މިނިސްޓްރީގެ އަމަލަކީ ގާނޫނު ނަމްބަރު 2013/6 އާއި ހިލާފު އަމަލެއް ކަމަށެވެ.
އެ ޖަމިއްޔާއިން ވަނީ ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ އެމްޕްލޯއިމެންޓް އެޖެންސީތައް ބާކީކޮށް އިންޑިއާގެ އެޖެންސީތައް މެދުވެރިކޮށް ފަންނީ މުވައްޒަފުން ހޯދަން ކުރާ މަސައްކަތް ކުށްވެރިކޮށްފަ އެވެ. އަދި މިކަން ހުއްޓުވައި ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައިވެ އެވެ.
އެ ޖަމިއްޔާއިން ބުނީ2008 ވަނަ އަހަރު އެކުލަވާލި ގާނޫނެއްގެ ދަށުން މިހާތަނަށް ރާއްޖެއިން ބޭރުން ފަންނީ މުވައްޒަފުން ގެނައުމުގެ މަސައްކަތް ކުރަނީ ދިވެހި ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތައް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް