ކައުންސިލް އިންތިޚާބުގެ ވޯޓުން ރައްޔިތުން ވަނީ ޔާމީންގެ ޚިދުމަތުގެ އަގުވަޒަން ކޮށްފައި: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގައުމަށް ކޮށް ދެއްވެވި ހިދުމަތްތަކުގެ އަގު ވަޒަންކޮށް ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އިދިކޮޅު ކެންޑިޑޭޓުންނަށް ރައްޔިތުން ދީފައިވާ ކަމަށާއި އެ ނަތީޖާއާއ...

20 Apr 2021 | 05:42

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގައުމަށް ކޮށް ދެއްވެވި ހިދުމަތްތަކުގެ އަގު ވަޒަންކޮށް ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އިދިކޮޅު ކެންޑިޑޭޓުންނަށް ރައްޔިތުން ދީފައިވާ ކަމަށާއި އެ ނަތީޖާއާއެކު ރައީސް ޔާމީން ވަގުތުން މިނިވަން ކުރަން އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފި އެވެ.

އިދިކޮޅު ޕީއެންސީގެ ލީޑަރު އަދުރޭ މިކަމަށް ގޮވާލެއްވީ ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ފޮނަދު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަދުރޭ އިތުރަށް ވިދާޅުވީ މިސަރުކާރަށް ދެ އަހަރާ ފަސް މަސް ވެގެންދިޔައިރު ރައްޔިތުންނަށް ވީވައުދުތައް ފުއްދުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްދެވިފައި ނެތް ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ތެރެއިން ފެނިގެން ދަނީ ގައުމަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި ރައީސް ޔާމީން ޖަލަށް ލައި ނުހައްގުން އެ މަނިކުފާނަށް އަނިޔާތައް ދޭ މަންޒަރު ކަމަށެވެ.

"ރައްޔިތުން އެ އަނިޔާ ގަބޫލެއް ނުކުރި. އެހެންވެ އިންތިހާބުގައި ފެނިގެން މިދިޔައީ ރައީސް ޔާމީން ކުރެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދިން މަންޒަރު. މި ނަތީޖާއިން ބުނެދެނީ ރައީސް ޔާމީނަށް އަނިޔާ ކުރުން ރައްޔިތުން ބަލައި ނުގަންނަކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންތިހާބުގައި ކެމްޕޭން ކުރަން އިދިކޮޅު ފަރާތްތަކަށް ފުރުސަތު ދިން ނަމަ މި ސަރުކާރުގެ އިސްވެރިން ގެއިން ބޭރަށް ނިކުމެވަަޑައިގަތުމަށް ލަދުގަންނަ ވަރުގެ ނަތީޖާއެއް ހޯދޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންތިހާބުގައި މާލެއިން އިދިކޮޅު ކެންޑިޑޭޓުންނަށް ދިން އަޣުލަބިއްޔަތުން އެނގިގެން ދަނީ މި ސަރުކާރު ފެއިލްވެ، ރައީސް ޔާމީންގެ ހިދުމަތް ރައްޔިތުން އަލުން ބޭނުންވެފައިވާ މިންވަރު ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލިގެން ނުދާނެ ގޮތަށް ކަމަށާއި ހުރިހާ ކަމެއް ކުރެއްވީ ދިވެހިންގެ މައްސަލަތައް ދިވެހިން އަމިއްލައަށް ނިންމުމަށްޓަކައި ބޭނުންވާ އިގްތިސޯދީ ފުދުއްތެރިކަން ހޯދައިދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއާހިލާފަށް މިހާރުގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރައްޔިތުންނަށް ބޮޑެތި ތަކްލީފްތައް އުފުލަން ޖެހި ރައްޔިތުން ބިކަވަމުންދާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އިދިކޮޅު ކެންޑިޑޭޓުންނަށް ރައްޔިތުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި ނަމަވެސް، އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަމަ މުޅިން ރާއްޖޭން މެޖޯރިޓީ ހޯދާފައި ވަނީ އެމްޑީޕީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް