ކުރުވާހަކަ: ކުށުގެ ވެށިން

ލިޔުނީ: ފާތިމަތު ރަހީމާ ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މުޅި  ރަށް ވަނީ ނިދާފައެވެ.  ހިރާސް ހުރީ އޭނާގެ އުފަން ރަށް ކަމުގައިވާ ލ. ގަމުގެ ވަލުތެރޭގައެވެ. ކަޅު އަނދިރިކަމުގެ ތެރޭގައި އެގޮތަށް ވަލުތެރޭގަ...

20 Apr 2021 | 04:58

ލިޔުނީ: ފާތިމަތު ރަހީމާ

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މުޅި  ރަށް ވަނީ ނިދާފައެވެ.  ހިރާސް ހުރީ އޭނާގެ އުފަން ރަށް ކަމުގައިވާ ލ. ގަމުގެ ވަލުތެރޭގައެވެ. ކަޅު އަނދިރިކަމުގެ ތެރޭގައި އެގޮތަށް ވަލުތެރޭގައި ހިރާސް އުޅެމުންދާތާ ދެގަޑިއެއްހާ އިރު ވެއްޖެއެވެ. ބައެއް ފަހަރު ފޯނާއި ލައިޓަރުގެ އަލިކަން ބޭނުން ކުރިކަމުގައިވިޔަސް ގިނަވަގުތު އޭނާ ހޭދަކުރަނީ ކަނު އަނދިރީގައެވެ. އާދައިގެ މީހަކަށް މިފަދަ ކަޅުފޮއި އަނދިރި ރެއެއްގައި އެގޮތަށް މީހުން ނޫޅޭ ހިސާބު ވަލުތެރޭގައި އެކަނި މާއެކަނި ހޭދަކޮއްލުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއީ ކިތަންމެ އުނދަގޫ ކަމަކަށްވިޔަސް ހިރާސްއަށް މިއީ އާކަމެއް ނޫނެވެ. ފުލުހުންނަށް ނުވަތަ ގޭމީހުންނާ ރައްޓެހިންނަށް ފިލަންވެސް އެތައް ފަހަރެއްގެ މަތިން މިގޮތަށް ވަލުތެރޭގައި ގިނިކަންޏާ ހިރާސް ހޭދަކުރި ރޭތައް ފަސޭހައިން ގުނާލެވޭވަރަށްވުރެ ގިނައެވެ.

ކަނޑާލާފައިވާ ރުގެއްގެ ބުޑުމަތީގައި ހިރާސް އިށީނދެ ހަމަޖެހިލިއެވެ. ޖީބުން ސިނގެރޭޓް ފޮށި ގެނުމަށްފަހު ލައިޓަރު އަޅާލާ ފޮށި ތެރެއަށް އަލިކޮއްލިއެވެ. ފޮށީގައި އެވަގުތު އޮތް ދެ ސިނގިރޭޓްގެ ތެރެއިން އެކަތި ނަގާ ރޯކޮއްލިއެވެ. ސިކުޑީގައިވާ ހާސްކަން ފިލުވާލުމަށްޓަކައެވެ. ދެތިންފަހަރަކު ސިނގިރޭޓް ދަމާލުމަށްފަހު ނިއްވާލިއެވެ. އަދި ބާކީބައި ފޮށިތެރެއަށްލާ ރައްކާކުރިއެވެ. ދެވަނަ ޖީބަށް އަތްކޮއްޕާލުމަށްފަހު ފޯނު ނެގިއެވެ. ބިއްލޫރިގަނޑު އެކި ގޮތްގޮތަށް ރެނދުއަޅާފައިވާ ފޯނުގެ ސްކްރީން އޮން ކޮއްލިއެވެ. އަލިކޮއްލުން ފިޔަވައި އެ ފޯނުން މިވަގުތު ކުރެވޭނެ އެހެން ބޭނުމެއް ނެތްކަން ހިރާސްއަށް ހަމަ ރަނގަޅަށް އެނގެއެވެ. އެހެނީ ފްލައިޓް މޯޑް އޮފް ކުރުމަކީ މިވަގުތު އޭނާއަށް އޮތް ނުރައްކަލެއްކަން ހިރާސްއަށް އޮޅިފައެއް ނެތެވެ.

ޖެހެމުންދިޔަ ވައި އިހުނަށްވުރެ ބާރުވެއްޖެއެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ވާރޭ ކަނި ޖަހަންފެށައިފިއެވެ. ހިޔާވެލަން ވަންނާނެ އެއްވެސް ދިމާއެއް ފެނޭތޯ ފޯނުން އަލިކޮއް ވަށައިގެން ބަލާލިއެވެ. ލައިޓް ނިއްވާލުމަށްފަހު އަނދިރީގެ ތެރޭގައި ގަސްތައް ފޭކުރަމުން ހިރާސް ކުރިއަށް ހިނގައިގަތެވެ. ކަނިޖަހަމުން ދިޔަ ވާރޭ ބޯކޮއްލާކަށް މާގިނައިރެއް ނުނެގިއެވެ. ވާރޭ އޮއްސާލައިފިއެވެ. ނުހަނު ބޯކޮށެވެ. ކަޅުފޮއި އަނދިރި ދަންވަރުގެ އަނދިރިކަން އިތުރަށް ގަދަވެގެން ދިޔަކަމުގައި ހިރާސް އަށް ހީވިއެވެ. ޖީބުގައިއޮތް ފޯނުމަތީގައި އަތްއަޅާ، ޖިންސާއެކު ފޯނު ބޮނޑިކޮށްލާ އަތުން ބާރަށް ހިފަހައްޓާލީ، ފެން އެޅިގެން ފޯނު ހަލާކުވެދާނެތީއެވެ.

ވަރުބަލިވެ ، މާނޭވާ ލެވިފައި ވީނަމަވެސް ހިތްވަރު ކުރަމުން ކުރިއަށްވުރެ ހަރަކާތް އަވަސްކޮއްލިއެވެ. މާ ގިނައިރެއް ނުވެ ވަލުތެރޭގައި ހަނިކޮއް ކޮށާފައިވާ މަގަކަށް އޭނާއަށް ނިކުމެވުނެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައި، ހިރާސް ދުއްވައިގަތެވެ. މަގުގެ ދެފަރާތުގައިވަނީ  ވާބޯ ޖަންގައްޔެވެ. މަގު ކިތައްމެ ހަނި ނަމަވެސް، އެ މަގަކީ ހިރާސް ހިތުދަސް މަގެކެވެ. މިކަހަލަ އެތައް ރެއަކު އޭނާ މިމަގުން ދަތުރުކޮށްފައި ވާނެއެވެ. ހަމަ މިހެން ދުވެފައެވެ. އެހެންނަމަވެސް މިރޭ އެހެން ހުރިހާ ރެއަކާ ތަފާތުހެން އޭނާއަށް އިހުސާސް ކުރެވެނީ ކީއްވެކަމެއް ނޭގެއެވެ.

ކުއްލިއަކަށް ވިދާލައިފިއެވެ. ވިދުވަރުގެ އަލިން މުޅި ތަނަށް އަލިވެގެން ދިޔައެވެ. ވަށައިގެންވާ ބޯ ޖަންގަލިތެރެއަށް ވިދުވަރުގެ އަލި އެޅުނު ވަގުތު ހިތަށް ބިރުވެރިކަން ވަދެ ހިރާސް ހުރި ފިޔަވަޅުމައްޗަށް ގަނޑުވި ކަހަލައެވެ. ކުރިން ދުވަހަކުވެސް ނުކުރެވޭފަދަ ބިރުވެރި އިހްސާސެއް ކުރެވި ހިތުތެރޭގައި ބިރުވެރި ވަސްވާސްތައް އުފެދުނެވެ. ދެލޯމަރާލުމަށްފަހު ކަންފަތުގައި އަތް އެޅުނީ ގުގުރާލާނެ ބާރުމިން އަނދާޒާ ކުރެވުމުންނެވެ. ހީކުރެވުނުގޮތާ ޚިލާފަށް  ގުގުރާލީ މާ ބާރަކަށް ނޫނެވެ.

ކިތަންމެ ހިތްވަރު ގަދަމީހަކަށްވިޔަސް، ވިދާ ގުގުރުމަކީ ހިރާސް ނިކަން ބިރުގަންނަ ކަމެކެވެ. އެންމެ ތުއްތު އިރުއްސުރެވެސް މެއެވެ. ފިނީގެ ސަބަބުން ތުރުތުރު އަޅަމުންދާ ހިރާސްއަށް ލިބުނު ގަބުކަމުގެ ތެރޭގައި ގުޑާލަން ނުކެރިފައި ހުއްޓާ ދެވަނަ ފަހަރަށް ވިދާލައިފިއެވެ. ވިދުވަރުގެ އަލި އެޅުނުވަގުތު މަގުގެ އެއްފަރާތެއްގައި ފަނުން ހިޔާކޮއްފައިހުރި ކުޑަ ޖިފުޓިގަނޑު ހިރާސްގެ ލޮލުގައި އަޅައިގަތެވެ. އެއީ ހިރާސް ހޯދަން ބޭނުންވި ޖިފުޓިގަނޑެވެ. އެންމެ ސިކުންތެއްވެސް ނަގާނުލާ އޭނާ ޖިފުޓިގަނޑާ ދިމާއަށް ދުއްވައިގަތެވެ. ޖިފުޓިގަނޑު ތެރެއަށް ރަނގަޅަށް ނުވަދެވި އުޅެނިކޮއް ގުގުރާލައިފިއެވެ. ނުހަނު ބާރަށެވެ. ހީކުރިވަރަށްވުރެވެސް ބާރަށެވެ. މޭގަނޑު އަތަށް އައި ކަހަލައެވެ. ބޭ އިޚްތިޔާރުގައި ހިތާދިމާއިން މޭގައި އަތް ޖައްސާލެވުނެވެ.

ޖިފުޓިގަނޑު ތެރޭގައި ހުރި ދަރުތައް މަތީގައި ހިރާސް އިށީނދެލިއެވެ. އެއީ އޭނާއަށް އާތަނެއް ނޫންކަމުން އަނދިރީގެ ތެރޭގައިވެސް އެތަން ނުހަނު ފަރިތައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެއީ އޭނާ ފިލަން ނިކުމެ އުޅޭއިރު އިށީނދެ އޮށޯވެ ހެދުމަށް ބޭނުންކުރާ ތަނެވެ.

ހީކަރުވާފައިހުރިވަރުން ލައިގެންހުރި ޓީޝާޓް ބޭލުމަށްފަހު ފެން ފެލާލިއެވެ. އަދި ދެފަހަރަކު ފޮޅާލުމަށްފަހު ދަރުތައް މަތީގައި ޓީޝާޓު ފަތުރާލިއެވެ. ޖީބުން ސިނގިރޭޓްފޮށި ގެނުމަށްފަހު އެއްބައި ހުލިވެފައިވާ ސިނގިރޭޓްބުރި ނެގިއެވެ. ތެމި ހަލާކުވާން ކައިރިވެފައި އޮތަސް ރޯކޮއްލެވޭވަރު ވެއެވެ. ތުބުގައި ސިނގިރޭޓްބުރިވަރު ޖަހާލުމަށްފަހު ރޯކޮއް ދެތިން ފަހަރަކު ގަދަޔަށް ދަމާލަމުންފަހު ފައިބުޑަށް ވައްޓާލާ ފައިވާނުން އަރާ ޗިސްކޮއްލިއެވެ. އަދި ދަރުތައް މަތީ އޮށޯވެ ލޯމަރާލިއެވެ.

ލޯމަރާލުމާއެކު ހިރާސްގެ ލޯކުރިމަތީ އެވަގުތު އެނބުރިގަތީ ލެއިން ކަޅިވެފައިވާ އޭނާގެ ދޮންބައްޕަގެ ހަށިގަނޑެވެ. ހިތަށް ސިފަވަމުން ދިޔައީ އެ ހަށިގަނޑުގައި ވާ ޒަޚަމްތަކެވެ. އެ ޒަޚަމްތަކުން ފައިބަމުން ދިޔަ ލެއިން ކޮޓަރީ ތަޅުންމަތީގައި ހެދިފައިވާ ލޭގެ ކޯރުތައް މިހާރުވެސް އޭނާއަށް ފެންނަކަހަލައެވެ. އެ ބިރުވެރި މަންޒަރު ބަލަން ނުކުޅެދިފައި އެނދުގެ ކަނަކަށް ވަދެ ކުރުގެޅިގެން އިން އޭނާގެ މަންމަގެ ނުތަނަވަސް ވެފައިވާ މޫނު ހިރާސްގެ ލޯކުރިމަތިން ސިފަވުމާއެކު ލޯ ހުޅުވާލެވުނެވެ.

''މަންމާ ........... އަހަންނަށް މާފުކުރޭ........... އަހަރެން ތަހައްމަލު ކުރި އެކިކަހަލަ ވޭނާ އަނިޔާއަށް ކެތް ކުރީން.......... އެހެނަސް ރެއާ ދުވާލު މަންމައަށް ލިބެމުން ދާ ވާނޭ ކެކުޅުން ބަލާކަށް އަހަންނަކަށް ކެތެއް ނުވި.......... މާފު ކުރޭ މަންމާ........ މަންމަގެ މި ދަރިފުޅަކީ މިއަދު ގާތިލެއް.......އެހެނަސް މަންމަދެކެ ލޯބިވާ ދަރިއެއް...........'' ހިރާސްގެ އަނގައިން އާހް ތަކަކާއެކު ނިކުމެގެން ދިޔަ ޖުމްލަތަކާއެކު އޭނާ ތުރުތުރު އަޅައިގަތެވެ.

ތުރުތުރު އަޅަމުންދިޔަ ހަށިގަނޑު ހަމައަކަށް އަޅުވާލުމަށްޓަކައި އަނެއްކާވެސް އޭނާ ލޯމަރާލިއެވެ. އެވަގުތު އޭނާގެ މާޒީގެ ސަފުހާތައް ފަހަރަކު ސަފުހާއެއް ޚިޔާލީ ސްކްރީންގައި ނިއުޅިގެންފިއެވެ.

ހިރާސް އަކީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. މަންމަގެ ޅައުމުރުގައި ފިރިހެނެއްގެ ގިރިޓީ ލޯތްބެއްގެ ދަޅައިން އެރި ވިދުވަރުގައި ޖެހި މަންމަގެ ފަސްބައިގައި ޖެހުނު ލައްގަޑެއްކަމުގައި ހިރާސްވިއެވެ. 'ބައްޕަ ނެތް' ކުއްޖެއް ކަމުން އެއްވެސް މީހެއްގެ ލޯތްބެއް ހިރާސްއަކަށް ނުލިބުނެވެ. އޭނާގެ މަންމަގެ ލޯބި ފިޔަވައެވެ. ރަށްމެދަށް ވިހާފައި ވުމުގެ އިތުރުން ހިރާސްއަކީ ބަލާލަން ރީތި ސިފައެއް ލިބިފައިވާ ކުއްޖެއްނޫނެވެ. އެންމެންގެ މަލާމާތާ ނުރުހުން ފިޔަވާ އިތުރު އެއްޗެއް ހިރާސްއަކަށް ނުލިބުނީ މި ސަބަބުތަކާހުރެއެވެ.

ހިރާސްގެ އުމުރުން ހަތަރު އަހަރުގައި އޭނާގެ މަންމަ، ސަމީރާ ކައިވެންޏެއް ކުރިއެވެ.  ސަމީރާގެ އުމުރަށްވުރެ ދެގުނަ ދޮށީ މީހަކާ އޭނާ ކައިވެނިކުރީ، އޭނާގެ އެކަނިވެރި އުނދަގޫ ދިރިއުޅުމަށް އަލިމަގެއް ފެންނާނެކަމަށް ކުރެވުނު ކެހިވެރި އުންމީދަކާއެކުގައެވެ. އިބުރާހިމްފުޅަކީ ކުރިންވެސް އެތައް ކައިވެންޏެއްކޮއް އެއްވެސް ދިރިއުޅުމެއް ފެނިފައިނުވާ މީހެކެވެ. ރަށުތެރޭގައި ކުދިކުދި މަސައްކަތް ކޮއްގެން އުޅޭ ދެބައިއުމުރު ފަހަނައަޅާފައިވާ މީހެވެ. އަމިއްލަ ގެދޮރު ހުރުން ފިޔަވައި އަތުގައި ބައިރުފިޔާއެއްވެސް 'ހަރުލާ' މީހެއް ނޫނެވެ. ކުދިކުދި މަސައްކަތްކޮއްލައިގެން ލިބޭ މަދު ލާރިކޮޅު ހުސްކުރަނީ ސިގިރޭޓާ ހޮޓާތަކަށެވެ. އިރެއްގައި ބޯޓުދަތުރުކުރަން އުޅުނީތީ އަމިއްލަ ބިމެއްގައި ގެއެއް ހެދިފައި ހުރީއެވެ.

ސްކޫލަށް ވައްދާ އުމުރަށް އެޅުމުން އެ ފުރުސަތުވެސް ހިރާސަށް ލިބުނީ އެހެންކުދިންނަށްވުރެ ފަހުންނެވެ. ނަތީޖާއަކަށްވީ ކިޔެވުމުގައިވެސް އެއްވެސް މިންވަރެއްގެ ކާމިޔާބީއެއް ހާސިލް ނުކުރެވުމެވެ. ގްރޭޑް ފަހަކާ ހަމައަށް ކިޔެވުމުގެ ނަމުގައި 'ހޭކެވުނު' ނަމަވެސް ސްކޫލާ ދުރަންދާން ޖެހުނީ ރަނގަޅަށް ރޯނުފިލަނީހެވެ. ވާނީވެސް އެހެންނެވެ. ސްކޫލަށް ދިޔަ ދުވަހަށްވުރެ ގިނަވާނީ ސްކޫލަށް ނުގޮސް ރަށުގެ އެތަން މިތާގައި ހޭދަކުރެވުނު ދުވަހެވެ.

ކުލާހުގައިވެސް ހިރާސްއަށް ލިބުނީ ކުދިންގެ މަލާމާތެވެ. ބައެއްކުދިން ހިރާސްގެ ސިފަހުތުރުވެފައި ކުލަ ކަޅުވުމުގެ ސަބަބުން ކައިރީގައި އިށީންނަން ބޭނުން ނުވާތާނގައި އަނގައިންބުނަންވެސް ބޭނުމެއް ނުވިއެވެ. އެހެންކަމުން ސްކޫލްވެސްވީ ހިރާސްއަށް 'ފޫހި' ތަނަކަށެވެ. އެފަދަ މަލާމާތާ ފުރައްސާރައިން ލިބޭ ހިތްދަތިކަން ތަހަންމަލުކުރަމުން ގެއަށް އެނބުރި ވަންނައިރު ކުރިމަތިލާންޖެހޭ ހިތްދަތިކަން އަދި މާބޮޑެވެ.

ހިރާސްގެ ދޮންބައްޕަގެ އަނިޔާވެރިކަން އޭނާގެ މަންމަގެ މައްޗަށް ފޯރަމުންދިޔައީ އެ ތުއްތު ދެލޯގެ ކުރިމަތީގައެވެ. މަންމަ އަޑުން އަޑުނަގާ ރޯއިރު، އެއަޑު އަހަން އެ ތުއްތު ހިރާސްއަށް ކެތެއް ނުކުރެވެއެވެ. ދޮންބައްޕަ ފައިސާ ހޯދަން ހިރާސްގެ މަންމަ އެހެން ފިރިހެނުންނަށް 'ވިއްކަމުން' ދިޔައީ ހިރާސްއަށް ސިއްރަކުން ނޫނެވެ. އެފަދަ ކޮންމެ ވަގުތަކު މަންމަ ރޯރުއިމާ ދޮންބައްޕަ މަންމައަށް ކުރާ އަނިޔާ ލޮލުން ދެކޭ މީހަކީ ކުޑަކުޑަ ހިރާސްއެވެ.

އެހުރިހާކަމަކުން ސިނކުޑިއަށް ލުއި ހޯދާދިނުމުގެ މަގު ހިރާސް ޚިޔާރުކުރީ އޭނާއަށްވުރެ އުމުރުންދޮށީ 'ރައްޓެހިންގެ' ފަރާތުން އެމީހުންގެ އެހީގައެވެ. ސިގިރޭޓްބުއިމުގެ ނޭދެވޭ ޢަމަލުން ފެށިގެންގޮސް މަސްތުވާ ތަކެއްޗާ ހަމައަށް ހިރާސްއަށް ދެވުނީ މިބުނި އެކުވެރިންގެ ޚިޔާލާ މަޝްވަރާގެ މަތިން އެމީހުންގެ އެހީތެރިކަމާއެކުގައެވެ. ހިތްހަމަޖެހުން ހޯދުމުގެ ބޭނުމުގައެވެ. ޚިޔާލުތަކާ ފިކުރުތަކުން ހާސްވެފައިވާ ސިކުނޑިއަށް ލުޔެއް ލިބޭނެކަމަށް ރައްޓެހިން ބުނަމުންދިޔަ ދިޔުމާ ގުޅިގެންނެވެ.

ނަތީޖާއަކަށްވީ މަސްތުވާ ތަކެއްޗާ ނުލާ ނޫޅެވޭވަރަށް އެކަމަށް ހިރާސް ހިތްޖެހުމެވެ. ރައްޓެހިން ދެމުންދިޔަ 'އެތިކޮޅު' މަދުވެ ގިނައިން ބޭނުންވާން ފެށިއެވެ. މިކަމުގެ ހައްލު ހޯދައިދިނީވެސް އެ ރައްޓެހިންނެވެ. ވައްކަން ކުރުމުގެ އުކުޅުތަކާ ގޮތްތައް ހިރާސް ދަސްކޮއްދިނީ އެމީހުންނެވެ. އެތައް ފަހަރެއްގެ މަތިން ކުދިކުދި އަދަބު ލިބުނު ނަމަވެސް 'ބޮޑުމީހަކަށް' ނުވާތީ މާބޮޑު އަދަބެއް ނުލިބެއެވެ. އެހެންނަމަވެސް މިއަދު ހިރާސްއަކީ އަށާރަ އަހަރު ފުރިފައިވާ ޒުވާނެކެވެ. ކުށެއް ކޮއްފިނަމަ ޤާނޫނު ލާޒިމްކުރާ އަދަބު މިހާރު ހިރާސްއަށް ކަށަވަރު ވާނެކަމީ އޭނާއަށް އެނގޭކަމެކެވެ.

މިރޭ އިރާކޮޅު ހިނގާދިޔަ ހާދިސާއަކީވެސް ހިރާސްގެ ހިތުން ދުވަހަކުވެސް ފިލައިގެނދާނެ ހާދިސާއެއް ނޫނެވެ.

މިރޭ ވެސް އެހެން ރޭތަކެކޭ އެއްފަދައިން ހިރާސް ގެއަށްއައީ ކާށެވެ. ގެއަށް ވަންވަގުތު މަންމަގެ ގިސްލުމުގެއަޑު ހިރާސްގެ ކަންފަތުގައި ޖެހުނެވެ. އެއީ އާކަމެއް ނޫންކަމުން ހިތުގައި ހިލަ ބަނދެގެންގޮސް ކާމޭޒު ކައިރީގައި އިށީނުމަށްފަހު ތައްޓަށް ބަތް އެޅިއެވެ. އަޑު އަހަން ބޭނުން ނޫންނަމަވެސް މަންމަ އަސަރާއެކީގައި ދޮންބައްޕަ ގާތުގައި ކުރަމުންދިޔަ އާދޭސް ހިރާސްއަށް އަޑުއިވުނެވެ. ދޮންބައްޕަގެ އަނިޔާގެ ސަބަބުން މަންމަ ރޮއިގަތް އަޑާއެކު ބަނޑުހައިވެ ހާންތިވެފައިވާ ހިރާސްގެ ރުޅި އިންތިހާއަށް ދިޔައެވެ. ބަދިގޭން ވަޅިއެއް ނެގުމަށްފަހު ކޮޓަރިއާ ދިމާއަށް ހިރާސްއަށް ދުއްވައިގަނެވުނެވެ. ފައިންޖަހާ ދޮރުފަތް ފުނޑާލުމަށްފަހު ކޮޓަރިތެރެއަށް ޖެހިގަތެވެ. އޭރު ހިރާސްގެ މަންމަ އޮތީ ތަޅުންމައްޗަށް ވައްޓާލާފައެވެ. ސަމީރާގެ ދިގު އިސްތަށިގަނޑުގެ އެއްބައި އޮތީ އިބުރާހިމްފުޅުގެ އަތަށް އޮޅާލާފައެވެ.

ހިރާސްއަށް އެ މަންޒަރު ފެނުމާއެކު ވަރުގަދަ ސިންގާއެއް ފަދައިން އިބުރާހިމްފުޅުގެ ގައިމައްޗަށް ޖެހިގަތެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އިބްރާހިމް ފުޅުގެ ގައިގެ އެތަން މިތަން ވަޅިން ކޮށާލިއެވެ. ސަމީރާ ރޮއިގަނެފާ އެނދަށް އަރާ ކަނެއްގައި ގުނަވެށިގެން ބަސްހުއްޓިފައި އިނެވެ. އިބުރާހިމްގެ ހަށިގަނޑުން ހިރާސް އަތް ދޫކޮއްލީ އޭނާ މަރުވިކަން ޔަގީން ވީމައެވެ.

ހިރާސްއަށް ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ކާއްޓެއް ވެއްޓި ފަންފުރާޅުމަތީ ޖެހުނު އަޑަށެވެ. ލޮލުން ފާއްދާލާފައި ކަރުނަތިކި ފޮހެލުމަށްފަހު ކޮޅަށް ތެދުވެ ހިންދެމިލިއެވެ. ގުދުވެ ޖީންސްގެ ފައިކުރި އޮޅާލިއެވެ. ފައިގެ ކަށިމަތީގައި އައްސާލާފައިވާ ތިލަދިގު ވަޅި ނެގިއެވެ. އެވަޅިއަކީ ހިރާސް އޭނާގެ ދޮންބައްޕަ މަރާލަން ބޭނުންކުރި ވަޅިއެވެ.

ބައިގަޑިއެއްހާއިރު ވިދާގުގުރުމާއެކު ވާރޭ ވެހުމަށްފަހު ވާރޭ ތުނިކޮއްލިއެވެ. މުޅިން ހުއްޓާނުލިޔަސް ވިދާ ގުގުރުން މެދުކެނޑުމުން ހިރާސް އަށް ހަމަޖެހުމެއް އިހްސާސް ކުރެވުނެވެ. އަޅައިގެންހުރި ބެލްޓްތެރެއަށް ވަޅި ޖަހާލުމަށްފަހު، ކަނި ޖަހަމުންދިޔަ ވާރޭގެ ތެރެއަށް ހިރާސް ނިކުމެ ކުރިއަށް ހިނގައިގަތެވެ. އެވަގުތު ކޮންމެވެސް އެއްޗެއް ހިރާސްގެ ފައިގައި އޮޅުނުހެން އޭނާއަށް ހީވިއެވެ. ފައި ދަމައިގަތްވަގުތު ފައިވާންކިބަ ބުރައިގެންދިޔަ ދިމާލެއް ހިރާސްއަކަސް ނޭނގުނެވެ. އެނގޭނީވެސް ކިހިނެތް ހެއްޔެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ ކަނު އަނދިރި ކަމެވެ.

ޖީބުން ފޯނު ނަގާ ޑިސްޕްލޭ އޮންކޮއްލަން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. ފެން އެޅިގެން ނިވުނީކަމެއް ނޫނީ ބެޓެރީގެ ބާރު ދިޔައީ ކަމެއް ނޭނގެއެވެ. ފޯނެއް ނުހުޅުވުނެވެ. ދެން ގެނީ ޖީބުގައި އޮތް ލައިޓަރެވެ. ހައެއްކަ ފަހަރު ފޮޅާލާ ފޮހެ ހަދާލުމުން ލައިޓަރު އެޅޭގޮތް ވިއެވެ. ލައިޓަރުގެ ހުޅުކޮޅު ކިތަންމެ ކުޑަ ނަމަވެސް އެތަނުގައިވާ އަނދިކަމުގެ މައްޗަށް އެ ހުޅުކޮޅުގެ އަލިކަން ބާރު ހިންގައިފިއެވެ. ވަޔާހުރެ ދެތިން ފަހަރަކު ނިވުނު ނަމަވެސް ހުޅުކޮޅުގެ އެހީގައި ހިރާސްގެ ފައިވާންކިބަ ފެނުނެވެ. ފައިވާން ކިބަ ފަޔަށް ހެޔޮވަރު ކޮއްލުމަށްފަހު ހިންދެމިލިވަގުތު ހިރާސްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ކޮންމެވެސް މީހެއްގެ ބާރުގަދަ އަތަކުން އޭނާގެ ކޮނޑުގައި ވަނީ ހިފަހައްޓާފައެވެ.

އަވަސް ހަރަކާތަކާއެކު  ބެލްޓް ތެރެއަށް ޖަހާފައިވާ ތިލަދިގު ވަޅި ހިރާސް ދަމައިގަތީ ނުހަނު ހުޝިޔާރުކަމާއެކުގައެވެ. އެހެންނަމަވެސް އެއަށްވުރެ ހުޝިޔާރު އެހެން އަތަކުން އޭނާގެ އަތުގައިވާ ވަޅި ވިއްސާލިއެވެ. މުޅިތަން ޓޯޗްތަކުގެ އަލިން އުޖާލާވެގެންދިޔަ ވަގުތު ގާތުގައި ތިބި ހައެއްކަ ފުލުހުން ހިރާސްއަށް ފެނުނެވެ.

އެތަނުން އެކަކު ގުދުވެ ބިންމައްޗަށް ވެއްޓިފައިވާ ވަޅި ނެގިއެވެ. އޭރުވެސް އެ ވަޅީގައި ލޭގެ އަސަރު ފެންނަން ހުއްޓެވެ. ހިރާސްއަށް އިސްޖަހާލެވުނެވެ. އެއްވެސް ދެކޮޅުހެދުމެއްނެތި ފުލުހުންނާއެކު ހިރާސް ހިގައިގަތީ އަމިއްލަ ކުށް ގަބޫލު ކުރަމުންނެވެ.

ނިމުނީ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް