ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކޮށް، އައު މުބާރާތް 2024 ވަނަ އަހަރު ފަށަން ފާސްކޮށްފި

ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ކުޅެވެމުންދާ އެންމެ ޝަރަފުވެރި އަދި އެންމ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ މިހާރުގެ ފޯމެޓް ބަދަލުކޮށް، އައު ފޯމެޓަށް ކުޅޭ މުބާރާތް 2024 ވަނަ ...

20 Apr 2021 | 04:51

ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ކުޅެވެމުންދާ އެންމެ ޝަރަފުވެރި އަދި އެންމ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ މިހާރުގެ ފޯމެޓް ބަދަލުކޮށް، އައު ފޯމެޓަށް ކުޅޭ މުބާރާތް 2024 ވަނަ އަހަރު ފަށަން ނިންމައިފިއެވެ.

ޗެމްޕިއަންސް ލީގުގެ މިހާރުގެ ފޯމެޓް ބަދަލުކޮށް އެހެން ފޯމެޓަކަށް މުބާރާތް ބަދަލުކުރަން ޔޫއެފާއިން މަޝްވަރާކުރާތާ ދެއަހަރަށްވުރެ ގިނަދުވަސްވިފަހުން މިގޮތަށް ބަދަލުކުރަން ފާސްކުރީ ހޯމަ ދުވަހު ޔުއެފާގެ ހިންގާ ކޮމިޓީން ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ. ޔޫއެފާ ހިންގާ ކޮމިޓީން ކުއްލި ބައްދަލުވުމެއް ބޭއްވީ ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބު ހިމެނޭ ގޮތަށް ދާދި ފަހުން ޔޫރަޕިއަން ސުޕަ ލީގު ނަމަކަށް ކިޔާ ފުޓްބޯޅަ ލީގެއް ވުޖޫދުކުރުމާގުޅިގެން އެ މައްސަލަ ބެލުމަށެވެ. މި ބައްދަލުވުމުގައި ޗެމްޕިއަންސް ލީގުގެ އައު ފޯމެޓަށް ބަދަލުކުރަން ފާސްކުރިިރު، މި ފޯމެޓަށް ޕީއެސްޖީގެ ރައީސް ގަތަރުގެ ވިޔަފާރިވެރިޔާ ނާސިރު އެލް-ޚެއްލާފީ ވަނީ ތާއީދުކުރައްވާފައެވެ.

ޔުއެފާއިން އިއުލާންކުރި ޗެމްޕިއަންސް ލީގުގެ އައު ފޯމެޓުގައިވާ ގޮތުން ގްރޫޕް ސްޓޭޖުގައި 32 ޓީމުގެ ބަދަލުގައި 36 ޓީމު ވާދަކުރާނެއެވެ. އަދި ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް 10 މެޗު ކުޅެން ލިބޭއިރު، އެ 10 މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދާ އަށް ޓީމު ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. ދެން ލީގުގެ ނުވަވަނައިން ފެށިގެން 24 ވަނައާ ދެމެދު ނިންމާ ޓީމުތައް ދެ ލެގުގެ ޕްލޭއޮފް ބުރެއް ކުޅޭއިރު، އެ ބުރުން ކުރި ހޯދާ އަށް ޓީމު ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. އެހެންކަމުން ދެވަނަ ބުރު ކުރިއަށްދާނީ މިހާރުވެސް މުބާރާތް ކުރިއަށްދާ އުސޫލުން ގަދަ 16 ޓީމުގެ މެދުގައެވެ. ދެން ލީގުގެ 17 ވަނައިން ފެށިގެން 24 ވަނައާ ދެމެދު ނިންމާ ކުލަބުތަކަށް ޔުއެފާ ޔޫރޮޕާ ލީގުގެ ޖާގަ ލިބޭއިރު، އޭގެ ފުލުން ނިންމާ އަށް ޓީމު މުބާރާތުން ކަޓާނެއެވެ.

ޔުއެފާއިން ފާސްކުރި އައު ފޯމެޓަށް 2024 ވަނަ އަހަރު މުބާރާތް ކުޅެން ނިންމާފައިވާއިރު، މި ފޯމެޓަށް މުބާރާތް ކުރިޔައްދާނީ 2033 ވަނަ އަހަރުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް