މާލޭގައި އާންމުންގެ މެދުގައި ބަލި ފެތުރެން ފަށާފައިވަނީ ތިން ހަފްތާ ކުރިން: ޑރ. ނަޒްލާ

ނުރައްކާތެރި ކޯވިޑް-19 މާލޭގައި އާންމުންގެ މެދުގައި ފެތުރެން ފަށާފައިވަނީ މީގެ ތިން ހަފްތާ ކުރިން ކަމަށް ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) އިން ބުނެފި އެވެ. އެޗްޕީއޭއިން ކުރިން ބުނީ އާނ...

20 Apr 2020 | 18:38

ނުރައްކާތެރި ކޯވިޑް-19 މާލޭގައި އާންމުންގެ މެދުގައި ފެތުރެން ފަށާފައިވަނީ މީގެ ތިން ހަފްތާ ކުރިން ކަމަށް ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) އިން ބުނެފި އެވެ.

އެޗްޕީއޭއިން ކުރިން ބުނީ އާންމުންގެ މެދުގައި ބަލި ފެތުރެމުންދާކަން ގަބޫލް ކުރާ ކަންތައްތަކެއް ހުންނަ ކަމަށެވެ. އެގޮތުން ކުއްލިއަކަށް ފްލޫ ކްލިނިކަށް ދައްކާ މީހުންގެ އަދަދު އިތުރުވެ، ސިއްހީ ނިޒާމް ބޮއްސުންލައިގެންދާ މަންޒަރު ފެންނާނެ ކަމަށް ބުނެފައިވެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިރޭ ޓެގް ޓީމްގައި ހިމެނިވަޑައިގެންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މީގެ ކުރިން ބަލި އާންމުންގެ ތެރޭގައި އުޅޭތޯ ބަލަން ޓެސްޓުތަކެއް ހެދި ކަމަށެވެ. އެކަމަކު އެކަން ފާހަގަވެފައި ނުވާ ކަމަށެވެ.

މިހާރުވެސް ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރު ނުވާކަން ފާހަގަ ކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ މާލެއިން ހާމަވި އެއްކަމެއް އެބަ އޮތް ކަމަށެވެ. އެގޮތުން ގުޅުން ހުރި މީހުންގެ ގޮތުގައި ޕޮސިޓިވްވަނީ އެއްކޮށް އެއް ތަނެއްގައި އުޅޭ މީހުން ކަމަށެވެ.

އެހެންވެ ޑރ. ނަޒްލާ ވިދާޅުވީ ގޭތެރޭގައި ތިބޭއިރު ކުޑަދޮރުތައް ހުޅުވައިގެން ތިބުމަށާއި ކާރުތަކުގެ ދޮރުތައް ހުޅުވައިގެން ވީހާވެސް ބޮޑަށް ހާމަކޮށް ތިބުމަށް އިލްތިމާސް ކުރެއްވި އެވެ.

އެޗްޕީއޭއިން ވަނީ އާންމުންގެ މެދުގައި ބަލި ފެތުރޭތޯ ބަލަން މިދިޔަ މަހު ފްލޫ ކްލިނިކްތަކަށް ހުން އައިސް ރޯގާ ޖެހިގެން ދެއްކި ބައެއް މީހުން ކޯވިޑަށް ޓެސްޓުކޮށްފައި އެވެ. އަދި އައިޖީއެމްއެޗުގައި އެޑްމިޓް ކުރާ ބަލި މީހުންނާއި މާބޮޑަށް ރޯގާޖެހި ސީރިއަސްވާ މީހުންގެ އިތުރުން ނިއުމޯނިއާ ޖެހޭ މީހުން ޓެސްޓު ކުރި އެވެ.

އެކަމަކު ޓެސްޓު ކުރި އެކަކުވެސް ބައްޔަށް ޕޮސިޓިވްވެފައި އެއް ނުވެ އެވެ.

މާލެއިން ބަލި ފެނި ކުއްލިއަކަށް ނުރައްކާތެރި ހާލަތަކަށް ވެއްޓިފައި މިވަނީ ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރޭތޯ ބަލަން މުޅި ރާއްޖޭގައި ދިރާސާއެއް ކުރުމަށް އެޗްޕީއޭއިން ތައްޔާރުވަމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް