ކޭސް 26 އަކީ ޕޮޒިޓިވް ކޭސްއެއް ނޫން ކަމާއި އެއީ ޕްރޮބެބަލް ކޭސްއެއްކަން ހާމަވެއްޖެއެވެ.
ސަރުކާރުގެ ތަރުޖަމާނު މަބްރޫކް މިރޭ ވިދާޅުވީ އެއީ ޕްރޮބަބްލް ކޭސްއެއް ކަމަށެވެ.
އުމުރުން 37 އަހަރުގެ އެ އަންހެންމީހާގެ ކޭސްގައި މި ވީ ގޮތަކީ ކުރިން ޕޮޒިޓިވްވި ކޭސްއެއްގެ ހައިރިސްކް ކޮންޓެކްޓަކަށް ކޭސް 26 ވުމެވެ. އަދި ފުރަތަމަ ޓެސްޓް ޕޮސިޓިވް ވުމެވެ. ދެވަނަ ޓެސްޓްގެ ނަތީޖާ ކޮންޓޭމިނޭޓެޑް ނަތީޖާއަކަށެވެ. އަދި އެއަށްފަހު ހެދި ތިން ޓެސްޓެއްވެސް މިވަނީ ނެގަޓިވް ވެފައެވެ.
މި އަންހެންމީހާ އޭނާގެ ފޭސްބުކްގައިވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އޭނާ ބުނެފައިވަނީ ތިންވަނަ ޓެސްޓްގެ ނަތީޖާ ލިބިފައިވާކަމަށާއި ނަތީޖާ ނެގަޓިވް ކަމަށެވެ. މިހާރު ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީގައި ހުރި ނަމަވެސް އެޗްއައިއެޗްއަށް ޓްރާންފަރ ކޮށް މޮނިޓަރިންއަށް ލާން ނިންމާފައިވާކަމަށެވެ. އޭނާގެ އާއިލާއިންވެސް ދުވަހަށް އެކަން ކަށަވަރު ކޮށްދިނެވެ.
މި އަންހެން މީހާ ޕްރޮބަބްލް ކޭސް އަކަށްވެ ދެ ނަތީޖާ ނެގަޓިވްވެފައިވާއިރު މި އަންހެން މީހާގެ ފޮޓޯ އެކި ނުބައި މައުލޫމާތާއި ފުރައްސާރައިގެ އެތައް މެސެޖަކާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދައުރުކުރިއެވެ. އެއްބާރުލުން ނުދޭން ނިންމި އަންހެންމީހާއަކީ މިއީކަމަށްބުނެވެސް ގިނަ ބަޔަކު މި އަންހެން މީހާގެ ފޮޓޯ ދައުރުކޮށް ހެދިއެވެ.
މިކަމުންވެސް ދިވެހިން ވީ އިބުރަތެއް ހާސިލުކުރާށެވެ. އެއީ ކަރަންޓީނަށް ގެންދިޔަސް، އައިސޮލޭޝަނަށް ގެންދިޔަސް، އަދި ޕޮޒިޓިވް ވިޔަސް ފުރައްސާރަކޮށް ދިމާ ނުކުރާންވީ ކަމެވެ. ދޮގު މައުލޫމާތު ފެތުރުމުގައި ބައިވެރި ނުވާންވީ ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް