ކޯވިޑް-19: ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ފަރާތުން ކައުންސިލްތަކަށް މަސްއޫލިއްޔަތު ތަކަކާއި ބާރުތަކެއް

މާލެ ސަރަހައްދުގައި ފުރަބަންދު އަދި ރާއްޖޭގެ އެހެން ހިސާބުތަކުގައި ރަށުބަންދު އިއުލާނުކޮށްފައިވާ މި ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ފަރާތުން މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފިއެވެ....

20 Apr 2020 | 14:58

މާލެ ސަރަހައްދުގައި ފުރަބަންދު އަދި ރާއްޖޭގެ އެހެން ހިސާބުތަކުގައި ރަށުބަންދު އިއުލާނުކޮށްފައިވާ މި ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ފަރާތުން މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފިއެވެ.

އެގޮތުން ތިން މަސައްކަތެއް މިވަނީ ހަވާލުކޮށް އިއުލާނުކޮށް ގެޒެޓުކޮށްފައެވެ.

އެއީ ލޯކަލް ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރާއި ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ އުސޫލުތަކާއި އަދި ކަނޑައަޅާ އުސޫލުތަކާ ހިލާފުނުވާނެ ގޮތުގެ މަތިން، ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައި އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއީ ގައިދުރުކަން ގާއިމްކުރުމަށް ފިވަވަޅު އެޅުމާއި؛

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކަރަންޓީނު/އެކަހެރި ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައިވާ ފަރާތްތަކަށް ކަރަންޓީނު/އެކަހެރި ކުރަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އަންގާ ލިޔުން ދޫކުރުމާއި؛

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އަންގައިގެން ކަރަންޓީނު/އެކަހެރި ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުގައިވާ ފަރާތްތަކަށް ކަރަންޓީނު/އެކަހެރި ކުރުމުން ދޫކޮށްލިކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން އަންގާ ލިޔުން ދޫކުރުމެވެ.

މިއާއެކު މި އެންގުމުގެ ފުރަތަމަ އެންގުމުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފިޔަވަޅުތައް އެޅުމުގައި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ރ)ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކުރުމަށްވެސް އަންގާފައިވެއެވެ.

އެ ގާނޫނުގެ 41 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ އެ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އެހެން އޮތްނަމަވެސް، މި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވަޒީރު ނުވަތަ ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ އުސޫލުތަކާ، ނުވަތަ އަންގާ އެންގުންތަކާ، ނުވަތަ ކުރާ އަމުރުތަކާ ހިލާފަށް އެއްވސް ކައުންސިލަކުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

އެ މާއްދާގެ (ހ)ގައި ބުނެފައިވަނީ ސާފުތާހިރުކަންމަތީގައާއި، ސިއްހީގޮތުން ރައްކާތެރިކަންމަތީގައާއި، ސިއްހީ ނުރައްކަލެއް ނުނިކުންނާނެ ގޮތުގެ މަތިން، ކައުންސިލްގެ އިހްތިސާސް ހިނގާ ދާއިރާގެ ތެރޭގައި ހިމެނޭ ސަރަހައްދުތައް ބެލެހެއްޓުމެވެ.

އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަމެއް އެއްވެސް ސަރަހައްދެއްގައި ދިމާވެއްޖެނަމަ، ،އެކަމެއް ހުއްޓުވުމަށްޓަކައި ނުވަތަ އިސްލާހުކުރުމަށްޓަކައި ނުވަތަ ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު އެޅުމެވެ.

އެ މާއްދާގެ (ނ)ގައި ބުނެފައިވަނީ އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަމެއް ނުވަތަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅު އެޅުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް