ހއ. އުލިގަމުން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބުރައީސް އިމާދު އަބްދުﷲ އެކަން ދުވަހަށް ކަށަވަރުކޮށްދެއްވިއެވެ.
އުލިގަމުން ޕޮޒިޓިވްވި މީހާއަކީ މާލެއިން ދިޔަ ބޯޓެއްގައި އެ ރަށަށް ދިޔަ މީހެކެވެ. މި މީހާ ޕޮޒިޓިވް ވުމާއެކު އެ ރަށާއި އެ ބޯޓު މޮނީޓަރިން ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
މި ކޭސް އާއި ގުޅޭގޮތުން އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު މި މީހާގެ 131 ކޮންޓެކްޓެއް ދެނެގަނެވިފައިވާމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)އިން ބުނެފައިވެއެވެ. އަދި އޭނާ އެ ރަށަށް ދިޔަ ބޯޓަކީ އެހެން ބައެއް ރަށްތަކުގައިވެސް ޖައްސާފައިދިޔަ ބޯޓެއް ކަމުން އެ ބޯޓު ޖެއްސި ރަށްތައް ދެނެގަނެ އެ ރަށްތައްވެސް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާކަން އެންއީއޯސީން ބުނެފައިވެއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި އުލިގަމުން އިތުރު މީހެއްގެ ސާމްޕަލްވެސް މިހާރު ވަނީ ނަގާފައެވެ. އިތުރު ތިން ފަރާތެއް ސެލްފް އައިސޮލޭޓްވުމަށް އަންގާފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް