ކޮރޯނާ ވައިރަސް އާއި ގުޅިގެން މާލޭގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދައްކާ އެންމެނ ކޯވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފި އެވެ.
ކޮވިޑް-19 ފެތުރެން ފެށުމުން ހުޅުވި ކްލިނިކްތަކަށް ހުމާއި ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން މާ ބޮޑަށް އަލާމާތް ނުފެންނަ ނަމަ މީގެ ކުރިން ޓެސްޓެއް ނުކުރެ އެވެ. އެކަމަކު ރާއްޖޭގައި ބަލި ފެތުރޭތޯ ބަލަން މާލޭގެ ފްލޫ ކްލިނިތްކަކަށް ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ޓެސްޓު ކުރި އެވެ. އެކަމަކު އޭރު ޓެސްޓު ކުރި އެކަކުވެސް ޕޮސިޓިވް ވެފައެއް ނުވެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މާލެ ތެރެއިން ބަލި ފެނުމާއި އެކު މާލެ ތެރެއިން ކޯވިޑް-19 އަށް މީހަކު ޕޮސިޓިވްވި ފަހުން ފްލޫ ކްލިނިކްތަކަށް ދައްކާ އެންމެން ވައިރަހަށް ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. އެގޮތަށް ޕޮސިޓިވްވާ މީހުން ޓެސްޓު ކުރުމުން ގުޅުން ހުރި މީހުން ދެނެގަންނަން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ އެއް ތަނެއްގައި މަސައްކަތް ކުރާ ގިނަ ބަޔަކު ތިބޭ އިރު އެ އެންމެން ވެސް ބައްޔަށް ޕޮޒިޓިވްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. މީގެ އިތުރުން ބަލީގެ އަލާމާތެއް ފެންނަ ނަމަ އެޗްޕީއޭއަށް ރިޕޯޓް ކުރުމުން އެ މީހުންގެ ހާލަތު ވަޒަންކޮށް ޓެސްޓް ވެސް ކުރާނެ ކަމަށެވެ.
މިހާތަނަށް މާލެއިން ގިނަ ބަޔަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާއިރު އޭގެ ތެރޭގައި ފްލޫ ކްލިނިކަށް ދެއްކި މީހުން ހިމެނެ އެވެ.
މާލޭގައި ދިވެހިންނަށް ހާއްސަ ފްލޫ ކްލިނިކަކާއި ބިދޭސީންނަށް ހާއްސަ ކްލިނިކެއް ހުޅުމާލޭގައި ހުރެ އެވެ. ހުޅުމާލޭގައި ހުންނަ ކްލިނިކަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށްވެސް ޑޮކްޓަރަށް ދެއްކެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް