ކޯވިޑް-19: މިއަދު ޕޮޒިޓިވް ވި ކޭސްތަކުގެ ބައެއް މައުލޫމާތު - އެކަކީ ބީއެޗްއެމްގައި ޑެލިވަރީ ކުރަން އުޅޭ ދިވެއްސެއް

މިއަދު ހަ ދިވެއްސަކާއި ދެ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު މި ކޭސްތަކުގެ ބައެއް މައުލޫމާތު ހާމަކޮށްފިއެވެ. މިހާރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބަ...

20 Apr 2020 | 10:33

މިއަދު ހަ ދިވެއްސަކާއި ދެ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު މި ކޭސްތަކުގެ ބައެއް މައުލޫމާތު ހާމަކޮށްފިއެވެ.

މިހާރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވަނީ މި ކޭސްތަކުގެ ބައެއް މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

އެގޮތުން ނަޒްލާ ވިދާޅުވީ 53 ވަނަ ކޭސްއަކީ ފްލޫ ކްލިނިކަށް ދިޔަ ދިވެއްސެއް ކަމަށެވެ. އެއީ ބީއެޗްއެމްގެ ޑެލިވަރީ ސްޓާފެއް ކަމަށެވެ.

ކޭސް 54 އަކީވެސް ދިވެއްސެއް ކަމަށާއި އެއީ ވެސް ފްލޫ ކްލިނިކަށް ދިޔަ ދިވެއްސެއް ކަމަށާއި އޭނާގެ ގައިން އަލާމާތްތައް ފެންނަން ފެށީ 18 ވަނަ ދުވަހުގައި ކަމަށާއި އޭނާ މަސައްކަތް ކުރަނީ ދިވެހި ވިއުގައިގަ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

55 ވަނަ ކޭސް އަކީ އެއްވެސް އަލާމަތެއް ނެތް ދިވެއްސެއް ކަމަށާއި އެއީ ކޭސް 29 އާއި ގުޅުންހުރި މީހެއް ކަމާއި އޭނާ ހުރީވެސް އައިސޮލޭޝަން ފެސިލިޓީގައި ކަމަށް ވިދާޅުވިއެވެ.

56 ވަނަ ކޭސްއަކީ 34 ވަނަ ކޭސްގެ ކޮންޓެކްޓެއް ކަމަށާއި އޭނާވެސް ހުރީ އައިސޮލޭޝަންގައިކަން ފާހަގަކުރެއްވިއެވެ. އަދި 57 ވަނަ ކޭސް 29 އާއި ގުޅުންހުރި އަދި އައިސޮލޭޝަންގައި ހުރި މީހެއްކަން ފާހަގަކުރެއްވިއެވެ. 56 އަދި 57 އަކީވެސް ދެ ދިވެހިންނެވެ. މީގެ އިތުރުން ކޭސް 58 އަކީ ފްލޫ ކްލިނިކަށް ދެއްކި ދިވެއްސެއް ކަމާއި އަލާމާތްތައް ފެންނަން ފެށީ އިއްޔެ ކަމުގައިވެސް ވިދާޅުވިއެވެ.

ޕޮޒިޓިވްވި ދެ ބިދޭސީންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ބިދޭސީންނެވެ. އެއީ އިހުސާން ފިހާރައިގާ މަސައްކަތްކުރާ ދެ ބިދޭސީންކަން ހާމަކުރިއެވެ. ނަމަވެސް އެއީ އިހުސާން ފިހާރަތަކުގެ ތެރެއިން ކޮން އަވަށެއްގައި ހުރި ފިހާރައެއްގައި މަސައްކަތްކުރާ ދެ ބިދޭސީންކަން ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް