ރާއްޖޭގައި އާންމުންގެ މެދުގައި ކޯވިޑް-19 ފެތުރި ނުރައްކަލާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ގައުމުގެ ހާލަތާއި ގުޅޭ މައުލޫމާތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.
ދެ ގައުމުގެ ވެރިން މިކަމާ ގުޅޭގޮތުން މަޝްވަރާކޮށް ވާހަކަދައްކަވާފައިވަނީ ފޯނު މެދުވެރިކޮށް މިއަދު އެވެ. އެކަން ފުރަތަމަ ހާމަކުރެއްވީ މޯދީ އެވެ. އޭގެ ފަހުގައި ރައީސް ސޯލިހުވެސް ވަނީ އެ މަޝްވަރާތައް ޓުވިޓާގައި ހިއްސާ ކުރައްވާފައި އެވެ.
މޯދީ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ދެ ގައުމަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާއިން މަސައްކަތް ކުރާނީ ރާއްޖެ އާއި އެކު ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކާއި އެކުވެރި ގައުމުތަކަށް ގޮންޖެހުންތަކާ ކުރިމަތިވާ ހާލަތްތަކުގައި އިންޑިއާ އަބަދުވެސް އެހީތެރިވާނެ ކަމަށެވެ.
https://twitter.com/narendramodi/status/1252131907292155905
މި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އިންޑިއާގެ ބޮޑުވަޒީރަށް ދެއްވި ކަމަށެވެ. އަދި މި ދަނޑިވަޅުގައި އިންޑިއާއިން ރާޢްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވި އެވެ.
https://twitter.com/ibusolih/status/1252143179341672448
އިންޑިއާއިން މީގެ ކުރިން ބުނީ ދެ ކޯވިޑް-19 އާއި ގުޅިގެން ދެ ގައުމު ލޮކްޑައުން އަކަށް ގޮސްފައި ވީނަމަވެސް ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ އެއްވެސް ބާވަތެއް އެ ގައުމުން ބޭރު ކުރުމުގައި ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް