ކޯވިޑް-19 ގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވަނިކޮށް ސިއްހީ ހިދުމަތްތެރިންނަށް ފުރައްސާރަ ކުރުން އިތުރުވާން ފަށާފައިވާ ކަމަށް އެ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުގައި އުފައްދާފައިވާ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަންއިން ބުނެފި އެވެ.
އެ ޔޫނިއަންއިން ބުނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަޒީފާއަށް ދިއުމަށް އާއިލާއިން ދެކޮޅު ހަދަމުންދާއިރު މާލޭގައި ދިރިއުޅޭ އިމާރާތުގެ ވެރި ފަރާތުންވެސް ހިތްހަމަ ނުޖެހުން ފަޅު ކުރާކަމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ބައެއް ގޭގޭގެ ވެރިން ސިއްހީ ހިދުމަތްތެރިންނަށް ގެއިން ނުކުންނަން އަންގަމުންދާ ކަމަށް ބުނެފައިވެ އެވެ.
މުޖުތަމައުގެ ތެރެއިން ސިއްހީ ހިދުމަތްތެރިންނަކީ ބަލި ޖެހިދާނެ ކަމުގެ ބިރު އޮތް ބައެއް ކަމަށް ބުނެ ފުރައްސާރަ ކުރަމުންދާ ކަމަށް އެ ޔޫނިއަންއިން ބުނެފައިވެ އެވެ. އެ ޖަމިއްޔާއިން ބުނީ ބަލިމަޑުކަމެއްގެ ތެރޭގައި މިފަދަ ނޭދެވޭ ކަންކަން އިތުރުވަމުންދާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ މުޖުތަމައުގެ ރައްކާތެރި ކަމަށްޓަކައި އެތައް ގުރުބާނީއެއް ވަމުންދާ ބަޔަށް މިގޮތަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީ ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެ ޖަމިއްޔާއިން ގޮވާލާފައިވެ އެވެ.
https://twitter.com/MaldivesHPU/status/1251973337686790145
ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އެނބުރި އާއިލާ ކައިރިއަށް ދާން ނުޖެހޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ގެސްޓް ހައުސްތައް އެމީހުން ތިބުމަށް ހަމަޖައްސަމުންދާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެ އެވެ.
އެކަމަކު މީގެ ތެރޭގައި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ނުވަތަ ކޮވިޑްއަށް ފަރުވާ ނުދޭ ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ނުހިމެނޭތީ އެ ފަރާތްތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް