ކޯވިޑް-19 ޖެހިފައިވާ މީހަކާއި ގުޅުން ހުރި މީހަކު އެމީހާ އާއި ގުޅުން ހުރި މީހުންގެ މައުލޫމާތު ދޭން ދެކޮޅު ހެދުމުން އެޗްޕީއޭ އާއި ޕްރޮސެކިއުޓާ ޖެނެރަލް އިންޒާރު ދެއްވާފައި ވަނިކޮށް އެމީހާ އެއްބާރުލުން ދޭން ފަށާފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އިއްޔެ އެޗްޕީއޭއިން ބުނީ މާލެއިން ފުރަތަމަ ޕޮސިޓިވްވި މީހާ އާއި ގުޅުން ހުރި މީހަކު އޭނާ ދިޔަ ތަންތަނާއި ގުޅުން ހުރި މީހުންގެ މައުލޫމާތު ދޭން ދެކޮޅު ހަދާ ދޮގު ހަދަމުންދާ ކަމަށެވެ. އަދި އިއްޔެ އާއި ހަމައަށް އެއްވެސް ވަރަކަށް އެޗްޕީއޭއަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.
އެހެންވެ ފުލުހުންނަށް އެކަން ހުށަހަޅައި ރޭގެ ނިޔަލަށް އެމީހާގެ މައުލޫމާތު ފޮޓޯ އާއި އެކު އާންމު ކުރާނެ ކަމަށް އެޗްޕީއޭއިން އިއްޔެ މެންދުރު ބުންޏެވެ. މައުލޫމާތު އާންމު ކުރަނީ އެމީހާ އާއި ގުޅުން ހުރި މީހުން ދެނެގަތުމަށެވެ.
މިމައްސަލައިގަ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ދޮގު ހަދާ މައުލޫމާތު ނުދޭނަމަ އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވަނީ އެންމެ ހެއްކެތް ކަމަށާއި އެ ހެކި އެވަނީ އެޗްޕީއޭއިން ސުވާލު ކުރުމުން ދޮގު ހަދައި މައުލޫމާތު ނުދިނުމުން ލިބިފައި ކަމަށެވެ.
އަދި މަދުވެގެން މި ކުށަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމުގެ އިންޒާރު ޕީޖީ ދެއްވި އެވެ.
އޭގެ ފަހުން ރޭ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު އެމީހާގެ ފަރާތުން އެއްބާރުލުން ދޭން ފަށާފައިވާ ކަމަށެވެ. އަދި އެޗްޕީއޭއިން ބޭނުންވާ މައުލޫމާތު ހިއްސާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މި މައްސަލައި އިއްޔެ ސޯޝަލް މީޑިއާގައި ފެތުރު ވާހަަތަކަކާއި ގުޅިގެން ޑރ. ފާތިމަތު ނަޒްލާ ރަފީގު އަދި މަބްރޫކް ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފަ އެވެ. އެގޮތުން އެއީ ކޮން ކޭސްއެއްކަން ހާމަކޮށްފައި ނުވާއިރު، އެއީ ވަކި މީހަކު ކަމަށް ބުނެ މީޑިއާތަކުން ހެޑްލައިން ޖަހާ ސޯޝަލް މީޑިއާގައި ފޮޓޯތައް އާންމުކުރަމުންދާތީ ޑރ. ނަޒްލާ ވިދާޅުވީ މިފަދަ ކަންކަމަކީ ގާނޫނީ ފިޔަވަޅު ވެސް އެޅިދާނެ ކަންތައްތައް ކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ އެމީހާއަކީ ޖަރީމާގެއިން ޕޮޒިޓިވްވި މީހެއް ކަމަށް ބުނެ އާންމުން އެ އާއިލާގެ މެމްބަރުންނަށް ގުޅާ ހުތުރުބަހުން މުއާމަލާތްކުރަމުންދާ ކަމަށެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެއްވެސް ބަޔަކު އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް