ރަށްރަށުގަ ދިރިއުޅޭ ރައްޔިތުންނަށް ޑރ. ނަޒްލާ: ގޭގައި ތިއްބަވާ މާލެއަށް ވީހެން ވެދާނެ

ކޯވިޑް-19 ގައި މުޅި ރާއްޖެއަށް ފެތުރި މާލޭ ސަރަހައްދު ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާއިރު އަތޮޅުތެރެއަށް އެކަމުގެ ބިރުވެރިކަން އެބައޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި ...

20 Apr 2020 | 03:07

ކޯވިޑް-19 ގައި މުޅި ރާއްޖެއަށް ފެތުރި މާލޭ ސަރަހައްދު ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާއިރު އަތޮޅުތެރެއަށް އެކަމުގެ ބިރުވެރިކަން އެބައޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މާލެ ނުރައްކާތެރި ހާލަތަށް ދިއުމުގައި ރައްކާތެރި ކަމަށް އަޅަން ސިއްހީ މާހިރުން ދެއްވި އިރުޝާދުތަކަށް ބޯނުލެނބުން ހިމެނޭ ކަމަށެވެ. ގިނަ ބަޔަކު އެއްވެ ނޫޅުމަށާއި، އިޖްތިމާއީ ގައިދުރު ކަމަށް ބާރު އުޅުމަށް ދުރާލާ ދިން ނަސޭހަތްތަކަށް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެދެވޭ ގޮތުގައި އެއްބާރުލުން ދީފައި ނުވާކަމަށް ޑރ. ނަޒްލާ ވިދާޅުވެފައިވެ އެވެ.

ރޭ ޑރ. ނަޒްލާ ވިދާޅުވީ ބަލި މާލެއިން ފެނުމުގެ ކުރިން އެޗްޕީއޭއިން ދެމުންދިޔަ ނަސޭހަތަކީ ގޭގައި ތިއްބެވުން ކަމަށެވެ. އޭރު މާލެ ލޮކްޑައުން ކުރާ ހާލަތަށް ނުދާ ކަމަށެވެ.

ހަމަ އެގޮތަށް މިއަދު އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޭން އޮތް ނަސޭހަތަކީ ރަށް ވަކިން ލޮކްޑައުން ކޮށްފައި އޮތުމުގެ މާނައަކީ ބޭރަށް ނުކުމެ އުޅުން ނޫންކަމަށެވެ. މިހާރު މުޅި ރާއްޖެއަށް ބަލި ފެތުރިފައިވާކަމުގެ ބިރު އެބައޮތް ކަމަށާއި، ކޮންމެ ރަށެއްގައިވެސް ބަލި ޖެހިފައިވާ މީހަކު ހުރުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން މާލެ މިއަދު މިއޮތް ހާލަތަށް ރަށްރަށް ނުދަނީސް އަމިއްލަ ގެއިން ބޭރަށް ނުނިކުމެ ތިބުމަށް އާދޭހާއި އެކު އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އަތޮޅު ތެރޭގައި އަމަލު ކުރުމަށް މިހާރު އަންގާފައި އޮތީ ޒަރޫރީ ބޭނުމެއްގައި ނޫނީ ހުއްދަ އާއި އެކު ރަށުން ނުފޭބުމަށާއި ޖަމާއަތުގައި ނަމާދު ނުކުރުމަށެވެ. އަދި މަގުމަތީގައި ގިނަ މީހުން އެއްވެ ތިބުން އޮތީ މަނާކޮށްފައި އެވެ.

އެކަމަކު ރަށު ކައުންސިލްތަކުން ގެންދަނީ ރަށު ފެންވަރުގައި ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރޭގަނޑު ވަކި ގަޑިއެއްގެ ފަހުން ބޭރުގައި އުޅުން މަނާކޮށް، ކެފޭ ރެސްޓޯރެކްޓުތައް ބަންދު ކުރަން ޖެހޭ ގަޑިއެއް ކަނޑައަޅާ މަގުމަތީގައި އާއި ބަނދަރުގައި މީހުން އެއްވެވޭގޮތަށް ބަހައްޓާފައި ހުންނަ ޖޯލި. ގޮނޑި ފަދަ ތަކެތި ދަނީ ނަގަމުންނެވެ.

މާލެ ފިޔަވާ މިހާތަނަށް ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނިފައިވަނީ ހއ. އުލިގަމުންނެވެ. އެމީހާ އަކީ އޭގެ ކުރިން ޕޮސިޓިވްވި މީހަކާ ގުޅުން ހުރި މީހެއް ނޫންކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެމީހާގެ ކޭސްއާއި ގުޅިގެން މިހާރުވެސް ހއ. އަތޮޅުގެ ގިނަ ރަށްތަކެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. މިހާތަނަށް ރާއްޖެއިން52 މީހަކު ބައްޔަށް ޕޮސިޓިވެފައިވެ އެވެ.

މާލެއިން ޕޮސިޓިވް މީހަކާއި ގުޅުން ނެތް މީހުންނަށް ބަލި ޖެހުންވެސް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

އިއްޔެ އެކަނިވެސް16 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު ކޮންމެ ދުވަހަކު ބަލިޖެހޭ މީހުންގެ އަދަދު ދަށް ނުކުރެވިއްޖެ ނަމަ14 ދުވަސް ތެރޭގައި ރާޢްޖެ މި ބަލީގައި ނުރައްކާތެރި ހާލަތަކަށް ދާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް