ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކް ޑައުން ކޮށްފައިވަނިކޮށް ބޭރަށް ނުކުންނަ ފަރާތްތަކައް ފިޔަވަޅު އަޅަން ފެށި ފަހުން މިހާތަނަށް78 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮޮވިޑް-19 އަށް މާލެ އިން ބަޔަކު ޕޮޒިޓިވްވުމާ އެކު މާލެ ސަރަހައްދު 14 ދުވަހަށް ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި ލޮކްޑައުން އެންގުމާ ހިލާފްވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން ނަސޭހަތް ދިނުން ހުއްޓާލައި، ޖޫރިމަނާ ކުރަން ފަށާނެ ކަމަށް ފުލުހުން އޮތީ ބުނެފަ އެވެ.
އެގޮތުން78 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ލޮކް ޑައުންއާއި ހިލާފުވާ ފަރާތްތަކުގެ ތެރެއިން ޖޫރިމަނާ ކޮށް އޭގެ ފަހުގައި އިސްލާހު ނުކޮށްފި ނަމަ ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ފުލުހުން އޮތީ ބުނެފަ އެވެ.
މުދާ ޑެލިވަރީ ކުރުމަށް އިއްޔެ އެކަނި ވެސް 279 ފަރާތަކަށް ހުއްދަ ދީފައިވާއިރު، މިހާތަނަށް 3،400 އަށް ވުރެ ގިނަ ފަރާތަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ހައްލު ކޮށްދިނުމަށް ފުލުހުން ވަނީ ކޮންމެ ތިން ދުވަހަކުން ގެއަކުން އެކަކަށް ޒަރޫރީ ތަކެތި ގަތުމަށް ބޭރަށް ނުކުތުމުގެ ހުއްދަ ދޭން ނިންމާފައި އެވެ. އެ ހުއްދައިގެ ދަށުން އެއް ގަޑިއިރަށް ވަކި ޒޯނެއްގައި ހިނގާފައި އުޅެވެ އެވެ.
ފުލުހުން ބުނީ ކަނޑައަޅާފައިވާ ޒޯނުން ބޭރަށް ހިނގައްޖެ ނަމަ ލޮކްޑައުންގެ ގައިވާ ހިލާފުވިކަމަށް ނިންމައި ފިޔަވަޅު އަޅާނެ ކަމަށެވެ. މި އުސޫލުގެ ދަށުން މާލެ ވަނީ26 ޒޯނަކަށް ބަހާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް