އއ. ތޮއްޑޫގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ. ކަސްޓަމާރ ސާރވިސް އިމާރާތަކާއެކު 5 މެގަވޮޓްގެ ކެޕޭސިޓީއެއް ގާއިމް ކުރެވޭގޮތަށް އިމާރާތް ކުރެވޭނެ މި ޒަމާނީ އިންޖީނުގެ ވެގެންދާނީ ތޮއްޑޫއަށް އަންނަމުންދާ ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިޔާއަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން އެރަށުގެ ކަރަންޓުގެ ހިދުމަތާއި ހަވާލުވެ، ފުރަތަމަވެސް އެރަށުގެ އާންމުން ދިރިއުޅެމުން އައި ސަރަހައްދުތަކާއި އެންމެ މަގަތުގައި ހުރި އިންޖީނުގެ އުވާލިއެވެ. އަދި ދެވަނައަށް ހިންގަމުން އައި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކޮށް، ހިދުމަތް ދެމުންއައެވެ.
އެއާއެކު، ސްޓެލްކޯއިން އައީ ރައްޔިތުންނާއި ވީހާވެސް ދުރުގައި، އައު އިންޖީނުގެއެއް އެޅުމަށްޓަކައި ބިމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެބިން ހަމަޖެހި މިހާރު ތޮއްޑޫގެ ހިދުމަތްދެމުންގެންދާ 810 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި މުސްތަގުބަލުގައި ރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، 5 މެގަވޮޓްގެ ކެޕޭސިޓީ ބިލްޑް ކުރެވޭ ވަރުގެ ޒަމާނީ އައު އިންޖީނުގެއެއް އެޅުމުގެ މަސައްކަތް މިއަދު ވަނީ ފެށިގެންގޮސްފައެވެ.
އެ އިމާރާތުގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ހިދުމަތްދޭން ހާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ ހާއްސަވާނީ މުވައްޒަފުންނަށް ޓްރެއިނިން ދިނުމަށާއި، މީޓިންތަކަށެވެ.
ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ދެވަނަ ފަންގިފިލާ ޑިޒައިންކޮށްފައިވާނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މީގެ އިތުރުން އިންޖީނުގެ އަކީ އަޑުމަޑު ތަނަކަށް ހެދުމަށް ނިންމާފައިވާއިރު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތަށް އެ އިމާރާތުގައި ހަރުކުރެވޭނެއެވެ. އަދި މުޅި އިންޖީނުގެއަކީވެސް މަސައްކަތް ކުރަން ރައްކާތެރިތަނެއްގެ ގޮތުގައި ހެދިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ތޮއްޑޫގެ އައު އިންޖީނުގެއާއެކު، ތަރައްގީގެ ނާރެހުގައި ފިޔަޖަހަޖަހާ އޮތް ތޮއްޑޫއަށް އިތުރު ކުރިއެރުމާއި، ފާހަގަތިކަން ލިބި، ކަރަންޓުގެ ދާއިރާއިން އައު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް