އުކުޅަހުގައި ތިމާވެއްޓާއި ރައްޓެހި އައު އިންޖީނުގެއެއްގެ ބިންގާ އަޅައިފި

ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލާނެ ޒަމާނީ 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ އައު އިންޖީނުގެއެއްގެ ބިންގާ ހުކުރުދުވަހު ވަނީ އއ. އުކުޅަހުގައި އަޅާފައެވެ. މި އިންޖީނުގެ ވ...

20 Mar 2021 | 11:01

ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލާނެ ޒަމާނީ 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ އައު އިންޖީނުގެއެއްގެ ބިންގާ ހުކުރުދުވަހު ވަނީ އއ. އުކުޅަހުގައި އަޅާފައެވެ.

މި އިންޖީނުގެ ވެގެންދާނީ އުކުޅަހަށް އަންނަމުންދާ ތަރައްގީގެ މުހިއްމު ބައިވެރިއަކަށް ކަމަށް ސްޓެލްކޯއިން ފާހަގަ ކުރެއެވެ.

މީގެ އިތުރުން މިވަގުތުވެސް އުކުޅަހުގެ ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމަށްޓަކައި ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ފެބްރުއަރީ މަހުގެ ތެރޭގައިވެސް އުކުޅަހަށް އިތުރު 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ވަނީ ގެންދެވިފައެވެ.

މިކަންކަން މިހެން ހުރުމާއެކު، އުކުޅަހަށް އަންނަ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާގެ ހައިސިއްޔަތުން ސްޓެލްކޯއިން ނިންމާފައިމިވަނީ މުސްތަގުބަލުގައި އެރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، އުކުޅަހުގައި މިހާރު ފޯރުކޮށްދެމުން މިގެންދާ 812 ކިލޯވޮޓްގެ އިންޖީނުގެ ގޭގެ ބަދަލުގައި 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އައު އިންޖީނުގެއެއް އެޅުމަށެވެ.

މި އިންޖީނުގެ ވެގެންދާނީ ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮއްލާ، ރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވެގެންދާނެ އިންޖީނުގެއަކަށެވެ. އިތުރު ސަލާމަތީ ހިދުމަތްތަކާއެކު، ވެންޓިލޭޝަން ރަނގަޅު އަދި އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރު ރަނގަޅުތަނަކަށެވެ.

މީގެ އިތުރުން މި އައު އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުންނެވެ.

މީގެ އިތުރުން އޮންލައިން މޮނިޓަރިންގ އާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށެވެ. ސްޓެލްކޯގެ އުމްމީދަކީ މި އައު އިންޖީނުގެއާއެކު، އުކުޅަހަށް އަންނަމުންދާ ތަރައްގީގައި އޮންނަ ސްޓެލްކޯގެ ހިއްސާ ވީހާވެސް ބޮޑުކޮށް، ރައްޔިތުންނަށް ފައިދާ ހުރި، ފަސޭހަ ހިދުމަތެއް ދިނުމަކީ ސްޓެލްކޯގެ އުންމީދެއް ކަަމަށް ސްޓެލްކޯއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް