އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި އިއްޔެ ބޭއްވި މުޒާހަރާގައި ހައްޔަރު ކުރި ދެމީހުން ފިޔަވާ، އެންމެން ވެސް ދޫކޮށްލައިފިއެވެ.
އެގޮތުން މުޒާހަރާގައި ހައްޔަރުކުރީ 25 މީހުންނެވެ. އަދި އޭގެ ތެރެިން ދޫކޮށްލާފައި ވަނީ 23 މީހުންނެވެ.
އެ 23 މީހުން ދޫކޮށްލާފައި ވަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑާ ހިލާފުވުމުން ޖޫރިމަނާ ކުރުމަށް ފަހުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އިދިކޮޅުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ މުޒާހަރާއިން އެކި ފަހަރު މަތިން މީހުން ހައްޔަރުކޮށް ޖޫރިމަނާ ކޮށްފައި ވެއެވެ. އެގޮތުން މި މަހުގެ15 ވަނަ ދުވަހު ފުލުހުން އިތުރަށް ބުނެފައި ވަނީ މުޒާހަރާ ކުރުމުގެ ތެރެއިން ޕީޕީއެމް އަދި ޕީއެންސީ އިން އެޗްޕީއޭގެ މިންގަނޑުތަކާ ތަކުރާކުކޮށް ޚިލާފު ވެފައި ވާތީ، ކޮންމެ ޕާޓީއެއް 25 ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވާނެ ކަމަށެވެ.
ޕީޕީއެމް އިން ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރަމުން ދަނީ، ކުރީގެ ރައީސް ޔާމީން ހައްޔަރު ކުރީ އިންސާފުން ނޫން ކަމަށާއި ފްލެޓްތައް ދިނުމުގައި އޮޅުވާލުންތައް ހުރި ކަމަށް ބުނެއެވެ.
މީގެ ކުރިން، ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭން އެދި ވެސް ޕީޕީއެމް އިން ވަނީ މުޒާހަރާ ކޮށްފައެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން އެ ވެކްސިން ޖެހން ރައްކާތެރި ކަމަށް ބުނުމުން، ހުރިހ ރައްޔިތުން ވެކްސިން ޖެހުމަށް ގޮވާލާ، ޕީޕީއެމް އިން ވަނީ ބަޔާނެއް ނެރިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް