ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެއިން ނައްތާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި މިވަނީ ކުރިއެރުންތަކެއް ލިބިފައެވެ. އެގޮތުން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވް ވި 13 މީހުންގެ ތެރެއިން ދެ މީހަކު މި ވައިރަހަށް މިހާރު ނެގަޓިވް ވެފައިވާއިރު ނުވަތަ މި ބަލިން ފަސޭހަ ވެފައިވާއިރު މިއީ ކޯވިޑުން ސަލާމަތްވުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއްކަން ޔަގީނެވެ.
އާލަމީ މި ވަބާއިން ސަލާމަތްވުމަށް ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން އަންނައިރު އެންމެ ބޮޑަށް ބާރުއަޅަނީ "ސޯޝަލް ޑިސްޓެންސިން" ބެހެއްޓުމަށެވެ. މިވަގުތު ގޭގައި މަޑުކޮށްލުމަށެވެ. އެއީ ބަލި ފެތުރެން ކޮންޓްރޯލު ކުރުމަށެވެ.
މި ދަނޑިވަޅުގައި "ސޯޝަލް ޑިސްޓެންސިން" އަށް ހިތްވަރު ދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން މިވަނީ ތަފާތު ކަމެއް ކޮށްފައެވެ. އެއީ އެ ކުންފުނީގެ ލޯގޯގައި ހިމެނޭ އަކުރުތައް ދުރުކޮށްލުމެވެ. އުރީދޫގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިމެނޭ ޕްރޮފައިލް ފޮޓޯތަކުގައި ހިމެނޭ "ބްލޮބް" ލޯގޯގެ ދެ ބޮޅުވެސް ވަނީ ދުރުކޮށްލާފައެވެ. އުރީދޫން ދޭ މުހިންމު މެސެޖަކީ ކޯވިޑް-19 އިން ރައްކާތެރިވެ މި ވައިރަސް ރާއްޖެއިން ނައްތާލަން ބޭނުންނަމަ މިއީ "ސޯޝަލް ޑިސްޓެންސިން" ގާއިމްކުރަންވީ ވަގުތު ކަމެވެ. ގޭގައި މަޑުކޮށްލަންވީ ވަގުތުކަމެވެ.
އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރުގައި ނޫޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލްތަކަށް ނުދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިވަނީ، މާލެ އޭރިއާ އަދި ރިސޯޓްތަކުގައި ވަގުތީ ގޮތުން ހުއްޓުމަކަށް ގެނެސްފައެވެ. ޝީޝާގެ ހިދުމަތް އެފަދަ ހިދުމަތް ދެމުން އަންނަ ތަންތަނުން ނުދިނުމަށް މިވަނީ އަންގާފައެވެ. އަދި މާދަމާ ރެއިން ފެށިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތާނގައި ޑައިން-އިން ހިދުމަތް ހުއްޓާލުމަށްވެސް މިވަނީ އަންގާފައެވެ.
މި ވައިރަހާއިމެދު ކަމާބެހޭ މާހިރުން ދެމުން އަންނަ އިރުސާދުތަކަށް ބަލާއިރު މި ވައިރަހުން އެންމެ އަވަހަށް ސަލާމަތް ވެވޭނެ އަދި މި ވައިރަސް ކޮންޓްރޯލް ކުރެވޭނެ އެންމެ މޮޅު ގޮތަކީ "ސޯޝަލް ޑިސްޓެންސިން" ބެހެއްޓުމެވެ. ގިނަ ގައުމުތަތަކަކުން އަމަލު ކުރަމުން އަންނަނީވެސް މިފަދައިންނެވެ. ލޮކްޑައުން ކުރުމާއި ކާފިއު އިއުލާނު ކުރުން ފަދަ ކަންކަން އެ ކުރަނީ ހަމަ ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައެވެ.
"ސޯޝަލް ޑިސްޓެންސިން" އަށް ފުރުސަތު ފަހި ކުރުމަށް އުރީދޫން ގިނަ ކަންތައްތަކެއް ކުރަމުންނެވެ. އެގޮތުން އެކަކު އަނެކާއިމެދު ގުޅުން ދެމެހެއްޓުމަށް ފުރުސަތު ދިނުމުގެ ގޮތުން، ޕްރީޕެއިޑް ކަސްޓަމަރުން މިހާރު ނަންގަވާ ޑޭޓާ ޕެކޭޖަސް ތަކަށް އިތުރު 25% ހިލޭ ޑާޓާ ލިބޭނެއެވެ. އެހެން ނެޓްވޯކްތައްވެސް ހިމެނޭހެން އެސްއެމްއެސް ކުރުން ހިލޭ ކޮށްދީފައިވާއިރު އުރީދޫ ޑާޓާ ބޭނުންކުރާ ފަރާތްތަކަށްވެސް ހާއްސަ ޕެކޭޖުތައް އަންނަނީ ތައާރަފް ކުރަމުންނެވެ. ގޭގައި ތިބެގެން އޮންލައިންކޮށް އުރީދޫގެ ހުރިހާ ހިދުމަތެއް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު އުރީދޫގެ މުވައްޒަފުންވެސް މިހާރު މަސައްކަތް ކުރަމުން އަންނަނީ ގޭގައި ތިބެގެންނެވެ.
މީގެ އިތުރުންވެސް ކޯވިދާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށްވެސް އުރީދޫއިން އަންނަނީ ވަރަށް ބޮޑު އެހީތެރިކަމަކާ އެއްބާރުލުމެއް ފޯރުކޮށްދެމުންނެވެ.
އެގޮތުން އުރީދޫގެ ނަމްބަރުތަކަށް ގުޅާއިރު ކުރިން އަންނަ ރީތި ޓިއުންސްގެ ލަވަތަކުގެ ބަދަލުގައި މިހާރު އަޑު އިވޭނީ ކޯވިޑަށް ހޭލުންތެރި ކުރުމުގެ މެސެޖުތަކެވެ. ހެލްތު ޕްރޮޓެކްޝަނުންނާއި ސަރުކާރުގެ އެހެން ވުޒާރާތަކުން ކޮވިޑާ ގުޅިގެން ކުރާ މެސެޖުތައް އުރީދޫގެ ކަސްޓަމަރުންނަށް އުރީދޫން ފޯރުކޮށްދެނީ އެއްވެސް އަގަކާ ނުލައެވެ. މީގެ އިތުރުން ސްކޫލުތައް މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި ދަރިވަރުންނަށް އޮންލައިންކޮށް ތައުލީމު ދޭން ބޭނުންވާ ފަރާތްތަކަށްވެސް އުރީދޫން އަންނަނީ ފަހި ފުރުސަތު ތަކެއް ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް