މިއީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާގައި ޖަލީލް އަހުމަދު ކިޔާ މީހަކު ހިއްސާ ކޮށްފައިވާ ތަޖުރިބާތަކެއްގެ ވާހަކައެވެ.
ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން ރާޢްޖެއަށް ބޮޑުވެފައިވާތީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގުމަކުން ވަނީ ރާއްޖެ އަންނަ ހުރިހާ ދިވެހިން ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީއެއްގައި14 ދުވަސް ހޭދަ ކުރަން ޖެހޭ ގޮތަށް އަންގާފައި އެެވެ.
ޖަލީލް އަކީ އެ ނިންމުމަށް އަމަލު ކުރަން ފެށިފަހުން މެލޭޝިޔާގައި އުޅުމަށް ފަހު ރާއްޖެ އައި މީހެއްކަން އޭނާގެ ޓުވިޓާގައި ހިއްސާ ކޮށްފައިވާ ވާހަަކަތަކުން އެނގެ އެވެ. އޭނާ އާއި ވާހަކަދައްކާ އިތުރު މައުލޫމާތު ހޯދާކަށް މަސައްކަތެއް ނުކުރަމެވެ.
ހަމަ އެކަނި ބޭނުންވަނީ ކަރަންޓީންގައި ހުރި މީހެއްގެ އިހުސާސްތަކާއި އޭނާގެ ހިޔާލުތައް އަދި ވިސްނުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާތީ އެވާހަކަތައް ލިޔެލާށެވެ. އޭނާ ކޮށްފައިވާ ކުރީގެ ޓުވީޓުތަކަކަށް ނުދާނަމެވެ.
ފަށާނީ ޖަލީލް ރާއްޖެ އައިކަމަށް ޓުވިޓާގައި ބުނެފައިވާ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ޓުވީޓުތައް ފަށާފައިވަނީ ޝަކުވާ އާއި ހިތްހަމަ ނުޖެހުމުންނެވެ. އެއާއޭޝިއާގެ ފްލައިޓުން އައި ދިވެހިންނަށް ވާނުވާ ނޭނގި އެއާޕޯޓުގައި ތިބެންޖެހިފައިވާތީ އެކަމުގެ ހިތްހަމަ ނުޖެހުން ޖަލީލް ފާޅުކޮށްފައިވެ އެވެ. އަދި ރަނގަޅު މުއާމަލާތްތަކެއް ކުރެވެންޖެހޭ ކަމަށް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އެ ދުވަހު ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒިޒް ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން އެ ގައުމުތަކުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓްރީވުމަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ. އަދި ދަތުރުގެ މައުލޫމާތު އެމްބަސީއާއި ހިއްސާ ކުރާނަމަ ރާއްޖެ އައިސް އެއާޕޯޓުގައި ގިނަ އިރު ތިބެން ނުޖެހޭނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެ ދުވަހު ރާއްޖެ ގިނަ އަދަދެއްގެ ދިވެހިން އައި އިރު ސަރުކާރަށް ދިވެހިން އަންނަކަން އެނގުނީ ފްލައިޓު ޖެއްސި ފަހުންނެވެ. އެހެން ކަމުން އިންތިޒާމްތައް ހަމަޖައްސަން ލަސްވީކަމަށެވެ.
އެތައް އިރަކު އެއާޕޯޓުގައި ބޭތިއްބުމަށް ފަހު އެމީހުން ދާން ހަމަޖެހުނީ ފަން އައިލެންޑް ރިސޯޓުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަށް ކަމަށް ބުނެފައިވެ އެވެ. އެ ރިސޯޓަށް ގޮސް ރަށުތެރެއަށް އަރައިގެން ދަމުން މޫދުގައި އޮތް މަޑިއެއްގެ ވީޑިއޯއެއް ލާފައިވަނީ މިމަހުގެ18 ވަނަ ދުވަހުގެ ރޭ ދަންވަރު12:20 އެހާއިރެވެ.
އޭގެ ފަހުން އޭނާ ދިޔައީ އެ ކަރަންޓީން ފެސިލީޓީގައި އޭނާ ތަޖުރިބާ ކުރަމުންދާ ހުރިހާ ކަމެއް ހިއްސާ ކުރަމުންނެވެ. ހެނދުނުގެ ސަޔާއި މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުންވެސް ޖަލީލް އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ވަރަށް ރަނގަޅެވެ.
https://twitter.com/jaleel_aa/status/1240844537796284417
https://twitter.com/jaleel_aa/status/1240847308041797632
ބަރާބަރަށް އެމީހުންގެ ސިއްހީ ހާލަތު ދެނެގަންނަން އެޗްޕީއޭގެ އޮފިޝަލުންދެ އެވެ. ސިފައިން ހަރަކާތްތެރިވެ އެވެ. އަދި ފަން އައިލެންޑުގެ މުވައްޒަފުން އެމީހުންނަށް ބޭނުންވާނެ ކާބޯތަކެތި ކޮޓަރީގެ ދޮރު މައްޗާއި ހިސާބަށް ފޯރުކޮށްދެއެވެ. އެ މުވައްޒަފުންނާއި ސިއްހީ ހިދުމަތްތެރިން ތިބެނީ މާސްކު އަޅައި އަނގަމަތި ނިވާކޮށްގެންނެވެ.
ޖަލީލް އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ކޮޓަރި ސާފު ކުރުމުގެ މަސައްކަތް ކުރަން ޖެހެނީ އަމިއްލަ އަށެވެ. އެއީ ލައްފިލުވާ އާއި މޮޕާއި ފިހިގަނޑުފަދަ އެއްޗެހި އެމީހުންގެ ކޮޓަރިތަކުގެ ދޮރު ކައިރީގައި ބަހައްޓާފައި ހުންނަ ފޮޓޯއެއް ލާފައިވާތީ އެވެ.
https://twitter.com/jaleel_aa/status/1240880725206929408
އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ގުޅަންވީ ނަމްބަރާއި ސިއްހީ އެމަޖެންސީއެއް ދިމާވެއްޖެ ނަމަ ގުޅަންވީ ނަމްބަރެއް އެމީހުންނަށް ދީފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މިއަދު ބުނެފައިވަނީ އެ ރަށުގައި ތިބި ޑޮކްޓަރުންނާއި ކަރަންޓިންކޮށްފައި ތިބި މީހުން އެކުވެގެން ވައިބާ ކޮމިއުނިޓީއެއް ހަދައި މައުލޫމާތުތައް ބަދަލު ކުރަން ފަށާފައިވާ ކަމަށެވެ.
ޖަލީލް ހިއްސާކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު އެމީހުން ބައިތިއްބާފައިތިބީ ފަން އައިލެންޑުގެ ގެސްޓު ކޮތަރިތަކެވެ.
ޖަމީލް ވަނީ ކަރަންޓީން ފެސިލިޓީގައި ފޯރުކޮށްދެމުންދާ ރަނގަޅު ހިދުމަތަށް ޝުކުރު އަދާކޮށްފައި އެވެ. އަދި އޭނާ ކަރަންޓީންވެގެން އެ ރަށުގައި ހުރީ ދިވެހި އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާތީކަމަށްް ބުނެފައިވެ އެވެ.
https://twitter.com/jaleel_aa/status/1240960892205813761
ކަރަންޓީން ފެސިލިޓީތަކުގައި ތިބި ދިވެހިންނަށް ބޭނުންވާ ސާމާނު އެޗްޕީއޭ މެދުވެރިކޮށް ފޮނުވެ އެވެ. އެ އިންތިޒާމު ދަރުބާރުގޭގައި ހަމަޖެހިފައި އޮވެ އެވެ. އެކަމަކު އެޗްޕީއޭއިން ބުނީ އެ ފަރާތްތަކަށް ގެންދާ ސާމާނަކީ އަނބުރާ ގެނެވޭނެ އެއްޗަކަށް ނުވާތީ ރަނގަޅަށް ބަންދު ކުރުމަށް ފަހު ހަވާލު ކުރުން މުހިންމު ކަމަށެވެ.
https://twitter.com/HPA_MV/status/1240940492122021888
ސަރުކާރުގެ އިލްތިމާސަކީ ރާއްޖެއިން ބޭރުގައި ތިބި މީހުން އެ ތިބި ގައުމެއްގައި ގޭގައި އައިސޮލޭޓުވެގެން ތިބުމެވެ. އެއީ ބޭރަށް ނުކުމެ އެއާޕޯޓުތަކަށް ގޮސް ނުފުރިގެން ގިނަ އިރުު އެތަނުގައި ހޭދަ ކުރަން ޖެހުމަކީ ވައިރަސްގެ ބިރުވެރިކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ.
މިހާތަނަށް ރާއްޖެ އައި އެއްވެސް ދިވެއްސަކު ވައިރަހަށް ޕޮސިޓިވްވެފައެއް ނުވެ އެވެ. ޖަލީލާއި އެކު މިހާރު ފަން އައިލެންޑް ރިސޯޓުގައި51 މީހަކކު ކަރަންޓީންކޮށްފައި އެބަ ތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް