އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުންގެ އާދޭސް: ގޭގައި މަޑުކޮށްލަދީ!

ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދާ އަސަރުގަދަ ފޮޓޯއެކެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންތަކެއް މާސްކު އަޅައި ގަނޑުތަކެއް ހިފައިގެން ތިބޭ ފޮޓ...

20 Mar 2020 | 09:43

ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދާ އަސަރުގަދަ ފޮޓޯއެކެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންތަކެއް މާސްކު އަޅައި ގަނޑުތަކެއް ހިފައިގެން ތިބޭ ފޮޓޯއެކެވެ.

އެމީހުން ހިފައިގެން ތިބޭ ގަނޑުތަކުގައި ލިޔެފައިވަނީ " ވީ ސްޓޭ ހިއަ ފޯ ޔޫ، ޕްލީސް ސްޓޭ ހޯމް ފޯ އަސް" އެވެ. މާނަ އަކީ އަހަރުމެން މިތަނުގައި (ހޮސްޕިޓަލް) ގައި މިތިބީ ކަލޭމެންނަށްޓަކައި، އާދޭސްކޮށްފައި ބުނަން އަހަރުމެންނަށްޓަކައި ގޭގައި ތިބެދީ އެވެ.

އެ ފޮޓޯ ހިއްސާކޮށްފައިވާ އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެފައިވަނި އެއީ އައިޖީއެމްއެޗުގައި މަސައްކަތް ކުރާ އިންޓާން މުވައްޒަފުންތަކެއް ކަމަށެވެ.

މިފަދަ އެތައް ވީޑިއޯ އާއި ފޮޓޯއެއް ރާއްޖޭން ބޭރުގައި ކޮރޯނާވައިރަސް އެންމެ ނުރައްކާތެރި މިންވަރަށް ފެތުރެމުންދާ ގައުމުތަކުގެ ސިއްހީ ހިދުމަތްތެރިން އިންޓަނެޓުގައި ހިއްސާކޮށްފައި އެވެ. ރޮމުން ގިސްލަމުންނެވެ. އެމީހުންގެ ކުރިމަތީގައި އެތައް ބައެއްގެ ފުރާނަ ދާތަން ފެންނަމުންދާތީ ކޮންމެ ވަކި ވަކި ރައްޔިތެއްގެ ރައްކާތެރިކަމަށް އެންމެ ބޮޑަށް ވިސްނާ ބަޔަކީ ސިއްހީ ހިދުމަތްތެރިންނަށް ވާތީއެވެ.

ކޮރޯނާ ވައިރަސްއަކީ މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށް ވާއިރު ވައިރަސް ފެތުރުމަށް މާ ގިނަ ދުވަހެއް ނުނަގައެވެ. ބަލި ނުރައްކާތެރި މިންވަރަކަށް ފެތުރިފައިވާ ގައުމުތަކުން ފެންނަމުންދަނީ ރައްކާތެރި ކަމުގެ ގޮތުން ބަލި ފެތުރުމުގެ ކުރިން ފިޔަވަޅު ނޭޅުމުގެ ނަތީޖާ ކަމަށް އެ ގައުމުތަކުން ސަރުކާރުގެ ވެރިން އަމިއްލައަށްވެސް އެއްބަސްވެ އެވެ.

https://twitter.com/Moxamedalu/status/1240850834935525376

ރާއްޖެއަށް ބަލި ފެތުރިދާނެ ކަމުގެ ބިރަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދަނީ ވަރުގަދަ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީހުން އެއްވެ ނޫޅުމާއި ގިނަ ގިނައިން ސައިބޯނިލައިގެން އަތް ދޮވުމަކީ އެންމެ ބޮޑަށް އިލްތިމާސް ކުރާ ކަންކަމެވެ.

ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ނޫޅުމަށް އެޗްޕީއޭއިން ނަސޭހަތް ދޭތާ މިހާރު އެތައް ދުވަހެއް ވެއްޖެ އެވެ. އެކަމަކު އެކަމަށް ރައްޔިތުންގެ ފަރާތުން މާބޮޑު ފަރުވާލެއް ބަހައްޓާތަނެއް ނުފެނެ އެވެ.

އެޗްޕީއޭއެކޭ އެއްގޮތަށް އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުންގެ އާދޭހަކީވެސް އެ އެވެ. ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށްދޭށެވެ. ގިނަ ބަޔަކު އެއްތަނަކަށް އެއްވުމަކީ ބަލި ފެތުރުމަށް މަގުފަހިވާނެ ކަމަށެވެ. ރާއްޖެ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓެން އެމީހުން ނޭދެނީ އެވެ.

މި ދުވަސްވަރަކީ ރާއްޖެއިން ބޭރުގައި ތިބި ގިނަ ދިވެހިންތަކެއްވެސް ރާއްޖެ އަންނަ ދުވަސް ވަރަކަށް ވާއިރު ހޯމް އައިސޮލޭޝަންގައި ބައިތިއްބާ މީހުންގެ ފަރާތުންވެސް އަލާމާތެއް ފެނިދާނެ އެވެ. ބަލި ފެތުރުމުގެ ފުރުސަތުވެސް ބޮޑެވެ. އެމީހުންނަށްވެސް ސިއްހީ ހިދުމަތްތެރިން ދޭ ނަސޭހަތަކީ އެހެން މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ގޭގައި މަޑުކޮށްދޭށެވެ.

ސިއްހީ ތަޖުރިބާކާރުންނާއި ޑޮކްޓަރުން ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްހާ ދުވަހަކީ ރާއްޖެއަށް ބަލި ފެތުރިގެން ގޮސްފައިވާކަން އެނގިގެންދާނެ މުއްދަތު ކަމަށެވެ.

ބަލި ފެތުރުނަ ނުދިނުމަށް ސަރުކާރަށް އެޅޭނީ ވަރުގަދަ ފިޔަވަޅުތަކެވެެ. ސިއްހީ ހިދުމަތްތެރިންނަށް ލޯތްބާއި އެކު ކުރެވޭނީ އިލްތިމާސް އެވެ. އެކަމަކަށް އާންމުން އަމަލު ނުކުރާނަމަ ފައިދާއެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް