މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ކާބޯ ތަކެތީގެ ހިދުމަތްދޭ ތަންތަން މާދަމާ ރެއިން ފެށިގެން ބަންދުކުރަން އެކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ނިންމާފައިވަނީ "ޕަބްލިކް ޑައިން-އިން" ހިދުމަތް ބަންދުކުރުމަށެވެ. ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ބަންދުކުރުމަށް ނިންމާފައެއް ނުވެއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާދަމާ ރޭ ދަންވަރު12:00 ން ފެށިގެން ގްރޭޓާ މާލޭ އޭރިއާގެ ހުރިހާ ރެސްޓޯރެންޓްތަކާއި ކެފޭ އަދި ކާބޯތަކެތި ވިއްކާ ތަންތަނުގެ ޑައިން އިން ހިދުމަތް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު ޓޭކްއަވޭ ނުވަތަ ޑެލިވަރީގެ ހިދުމަތް ދެވިދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
https://twitter.com/faya_i/status/1240897987687022593
މިގޮތަށް ނިންމީ ކިހާ މުއްދަތަކަށް ކަމެއް ހާމައެއް ނުކުރެ އެވެ. ފައްޔާޒު ވިދާޅުވެފައިވަނީ އިތުރު މައުލޫމާތު އެޗްޕީއޭއިން ހާމަ ކުރާނެ ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ގެސްޓު ހައުސްއަކަށް ބިދޭސީން އެތެރެވުން މަނާކޮށްފައިވާއިރު މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ވަނީ ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފައި އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ ހުރިހާ ޕާކްތަކެއް ވެސް ވަނީ ބަންދު ކޮށްފައި އެވެ. އަދި މަގުމަތީގައި ބޭނުމެއްނެތި އުޅޭ މީހުންނަށް ނަސޭހަތްތެރިވެ ގެއަށް ވެއްދުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެކަމަކު ސަރުކާރުގެ ތަރުޖަމާނު ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ މާލެ އެއްކޮށް ބަންދު ކުރަން ނޫޅޭ ކަމަށެވެ.
ރާއްޖޭގައި މިހާރު އޮތީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަަަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އެ ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އޮފީސްތަައް ވަނީ އިއްޔެއިން ފެށިގެން ބަންދުކޮށްފަ އެވެ.
މިހާތަނަށް ރާއްޖެއިން ވައިރަސް ޖެހިފައިވާ13 މީހަކު ވަނީ ފެނިފަ އެވެ.
އެޑިޓަރުގެ ނޯޓް: މި ހަބަރު ކުރިން ގެނެވިފައިވަނީ ކިޔުންތެރިންނަށް އޮޅުންއަރާ ފަދަ ގޮތަކަށް "މާލޭގެ ކާބޯތަކެތި ވިއްކާ ހުރިހާ ތަނެއް ބަންދު ކުރަން ނިންމައިފި" މި ސުރުހީގައެވެ. ނަމަވެސް މިހާރު މިވަނީ މި ހަބަރު އިސްލާހު ކޮށްފައެވެ. މި ކުށަށް ކިޔުންތެރިންގެ ފަރާތުން ދުވަސް ނޫހުން މައާފަށް އެދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް