ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ އަސަރު ކުޑަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓޯ (އެމްއެމްއޭ) އިން ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.
އެގޮތުން އެމްއެމްއޭއިން ބުނެފައިވާގޮތުގައި ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އެހެންވެސް އިގްތިސާދީ އެކިއެކި ދާއިރާއަށް ނޭދެވޭ ބޮޑެތި ގެއްލުންތައް ކުރިމަތިވެ، އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. މިގޮތުން އިގްތިސާދަށް ކުރަމުންދާ ގެއްލުންތައް ދެނެގަނެ، މި ގެއްލުންތައް ކުޑަކުރުމަށް މިވަގުތަށް އެމްއެމްއޭ ގައި ބޭނުން ކުރެވެންހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށް، މިހާރުން މިހާރަށް މުހިއްމު ސިޔާސަތުތައް އެކުލަވާލާ ހިންގުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
"މިގޮތުން މާލީ ނިޒާމަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ބޭންކްތަކާއެކު މަޝްވާރާކުރެވި އަޅާނެ ފިޔަވަޅުތައް ވަނީ ކަނޑައެޅިފައެވެ. ރާއްޖޭގެ ވިޔަފާރިތަކަށް ކުރާ އަސަރު ކުޑަ ކުރުމަށާއި، މުވައްޒަފުންގެ ވަޒީފާ ގެއްލިޔަ ނުދިނުމަށްޓަކައި މާލި އިދާރާތައް މެދުވެރިކޮށް ކުރެވޭނެ ކަންކަން މިދަނީ ބަލަމުންނެވެ. އަދި ބޭންކްތަކަށް ލިކުއިޑިޓީގެ ދަތިކަމެއް ދިމާވިޔަ ނުދިނުމަށްޓަކައި ލިކުއިޑިޓީ ފޯރުކޮށްދިނުމުގެ އިންތިޒާމުތައްވެސް ވަނީ ރޭވިފައެވެ. " އެމްއެމެއޭއިން ބުނެފައިވެއެވެ.
މިގޮތުން އެމްއެމްއޭއިން ނިންމާފައިވާ ކަންކަން
- 1. ލޯނު ދެއްކުމަށް ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް ލުޔެއް ދިނުމަށްޓަކައި، މިފަދަ ލޯނުތަކަށް ފައިސާ ދެއްކުން 6 މަސް ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް ބޭނުންވާ ރެގިއުލޭޓަރީ ފިޔަވަޅުތައް ބޭންކްތަކަށް އެންގުން (މިގޮތުން ލޯނު އަނބުރާ ދެއްކުން މަޑުޖައްސާލުމަށްޓަކައި އެފަދަ ފަރާތްތަކުން ޖެހޭނީ އެކަމަށް އެދި ބޭންކަށް ހުށަހަޅާށެވެ).
- 2. ބޭންކްތަކުން ލިކުޑިޓީ ބޭނުން ޖެހިއްޖެ ހާލަތެއްގައި، މި އޮތޯރިޓީގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔަރމެންޓް %5 އާ ހަމައަށް ދަށް ކުރުން.
- 3. މާލީ އިދާރާތަކުން ލިކުއިޑިޓީ ބޭނުންވެއްޖެ ހާލަތެއްގައި މިއޮތޯރިޓީއިން ކުރު މުއްދަތުގެ ލޯނު ފެސިލިޓީއެއް ދެވޭނެ ގޮތް ހަމަޖެއްސުން.
- 4. އެކްސްޗޭންޖް ރޭޓް ދެމެހެޓުމަށްޓަކައި ފޮރިން އެކްސްޗޭންޖް ބާޒާރަށް މިހާރު ފޯރުކޮށްދެމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުރުމާއި، މި އޮތޯރިޓީގައި ގާއިމުވެފައިހުރި އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ބޭންކްތަކަށް ބޭރުފައިސާ އިތުރަށް ފޯރުކޮށްދިނުން.
- 5. މި އޮތޯރިޓީ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޔޫއެސް ޑޮލަރު ހޯދުން.
- 6. މިއޮތޯރިޓީއާއި ސަރުކާރާ ގުޅިގެން އައިއެމްއެފް ގެ މާލީ އެހީތެރިކަން ހޯދުން.
މީގެ އިތުރުން މި ހާލަތުގައި މިއޮތޯރިޓީ އިން ދެމުންގެންދާ ބޭންކިންގް އަދި ޕޭމަންޓް ސިސްޓަމްގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުގެ އިދާރާތަކާއި ބޭންކްތަކާ ގުޅިގެން ވަނީ ހަމަޖައްސާފައި ކަމަށާއި މިގޮތުގެމަތިން ސަރުކާރު ބަންދުވެފައިވާ މުއްދަތުގެ ތެރެއިން 19، 23 އަދި 26 މާރިޗު މި ދުވަސްތަކުގައި ބޭންކިންގް ޚިދުމަތާއި ޕޭމަންޓް ސިސްޓަމްގެ ޚިދުމަތްތައް އެ އޮތޯރިޓީން ލިބޭނެ ކަމަށް ބުނެފައިވެއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ނަގުދު ފައިސާ ފޯރުކޮށްދިނުމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖެހިފައި ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ކޯވިޑް 19 ގެ ސަބަބުން، ރާއްޖޭގެ އަދި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތައް އެ އޮތޯރިޓީން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށާއި ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް