ވިޔާނުދާ މީހުން ތިބާގެ ރަހުމަތްތެރިންގެ ގޮތުގައި ބަލައި ނުގަންނާށެވެ. އެފަދަ މީހުން ތިބާގެ ރަޙޫމަތްތެރިންނަށް ހެދުމަކީ ތިބާގެ މުސްތަޤުބަލް ބަނަވެ ފަނޑުކޮށްލާނޭ ކަމެކެވެ. ނުބައި ނުލަފާ މީހުން ރަޙުމަތްތެރިންގެ ގޮތުގައި ބަލައިގަތުމަކީ ތިބާގެ ދިރިއުޅުން ހަލާކުވެ ވީރާނާވެގެން ދާނެ ކަމެކެވެ. ގޯސް ރަހުމަތްތެރިން އަބަދުވެސް ތިބާއަށް ދައްކާނީ ގޯސް ނަމޫނާއެވެ. ދައްކާނީ ގޯސް މަގެވެ. ދޭނީ ގޯސް ނުބައި ވަސްވާސްތަކެވެ. އެހެން ކަމުން ސަލާމަތާއި ރައްކާތެރިކަން ބޭނުންނަމަ މިފަދަ މީހުންގެ ކިބައިން އަވަހަށް ސަލާމަތް ވުން ނޫންގޮތެއް ނޯންނާނެއެވެ.
ކަން މިހެން ހުރުމާއި އެކު ނިޔާނުދާ ގޯސް ރަހުމަތްތެރިން ތިބާގެ ހަޔާތަށް ނުގެންނާނެށެވެ. އޭގެ ބަދަލުގައި ހެޔޮލަފާ ރަނގަޅު ރަހުމަތްތެރިން ނާއި ގުޅުން ބަދަހިކުރާށެވެ.
ޞާލިޙު ރަނގަޅު ހެޔޮލަފާ ރަޙުމަތްތެރިއަކު ހުރުމަކީ ދުނިޔެމަތީގައި ބޮޑުވެގެންވާ ނަސީބެކެވެ. ކޮންމެ އިންސާނަކުމެ އަބަދުވެސް ވެފައިވަނީ މިފަދަ ރަޙުމަތްތެރިންނަށް ބޭނުންޖެހިފައިވާ ބަޔަކަށެވެ.
މާތް ﷲ ގެ މަގުގައި ސީދާގޮތުގައި ފައިތިލަ ސާބިތުކޮށް ދެމިހުރުމަށް ޞާލިޙު ރަނގަޅު އެކުވެރިންނަކީ ނުހަނު ބޭނުންތެރި ބައެކެވެ.
ތަޤްވާވެރި ޞާލިޙް މުސްލިމުންނާއި ގުޅުން ބަދަހިކޮށް ރަޙުމަތްތެރި ވުމީ ސީދާވެގެންވާ މަގުގައި ހުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.
އެހެން ނޫންނަމަ ތިބާ ގޯސް މަގަކުން ދިއުމަކީ ނުހަނު ގާތުގައިވާ ކަމެކެވެ. އިލާހީ ހިދާޔަތުގެ މަގު ނޫން އެހެން މަގުތަކަށް ތަބަޢަވާ މީހުންނާއި އެކުގައި މަސްހުނިވެ އުޅުމުގެ ނަތީޖާއަކަށްވާނީ އެމީހާގެ އަޚްލާޤާއި އުޅުމަށް ބަދަލު އައުމެވެ. އެފަދަ މީހުންނާއި އަހަރެމެން ގުޅުން ބަދަހިކޮށްފި ނަމަ، އެމީހުންގެ ސިފަތަކާއި އުޅުންތައް އަހަރެމެންގެ ކިބައިގައި އަށަގަންނާނެ އެވެ.
މި ހިސާބަށް ކަންތައް ދާއިރުގައި، މުސްލިމު މީހާއާއި ނުބައި ޢަމަލު ކުރާ އޭނާގެ ރަޙުމަތްތެރިއާއި ދެމެދުގައި ކުޑަ ތަފާތެއްވާ ހިސާބަށް އަންނާނެ އެވެ. ވަރަށް ގިނަ ފަހަރަށް މުސްލިމަކަށް އޭނާގެ ވާޖިބުތައް މަތިން ހަނދާންނެތިކޮށްދީ ނުބައި ޢަމަލުތައް ކުރުމަށް އޭނާގެ ރައްޓެހިން ހިތްވަރުދެއެވެ. އަދި ސީދާވެގެންވާ މަގުން އެމީހުން އެއްކިބާ ކުރުވަ އެވެ.
އެހެން ކަމުން ނުބައި މަގުފުރެދިފައިވާ ރައްޓެހިންނާއި ރަޙުމަތްތެރިވުމުގެ ބަދަލުގައި އަހަރެމެން ގުޅުން ބަހައްޓަން ޖެހޭނީ ޞާލިޙް މީހުންނާއިއެކުގައެވެ. ނަމަވެސް އެހެނިހެން މީހުންނާއި މެދުވެސް ހަމަހަމަ ރިވެތި އުސޫލުން ކަންތައް ކުރުމަށް އިސްލާމްދީން ބާރުއަޅަ އެވެ.
ނަބިއްޔާ (صلى الله عليه وسلم) ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ”ރަނގަޅު ރަޙުމަތްތެރިޔަކާއި ނުރަނގަޅު ރަޙުމަތްތެރިއެއްގެ މިސާލަކީ އަތަރު ވިއްކާ މީހަކާއި ކަނބުރުވެރިއެއްގެ މިސާލެވެ. އެހެންކަމުން، އަތަރު ވިއްކާ މީހާ ތިބާއަށް ކޮންމެވެސް އެއްޗެއް ދޭނެއެވެ. ނުވަތަ ތިބާ އޭނާގެ އަތުން ކޮންމެވެސް އެއްޗެއް ގަންނާނެއެވެ. ނުވަތަ އަތަރު ވިއްކާ މީހާގެ ކިބައިން މީރުވަސް ލިބުމުގެ އުފާ ލިބޭނެއެވެ. ކަނބުރުވެރިޔަކަށް ބަލާއިރު، އޭނާ ތިބާގެ ފޭރާން އަންދާލާނެ އެވެ. ނޫންނަމަ ތިބާއަށް އޭނާގެ ފަރާތުން ނުބައި ވަހެއް ފޯރުވައެވެ“ [ބުޚާރީ މުސްލިމް]
މިޙަދީޘްގެ ޝަރަޙައިގައި އިމާމް އައްނަވަވީ ވިދާޅުވަނީ ނަބިއްޔާ (صلى الله عليه وسلم)، ރަނގަޅު ރަޙުމަތްތެރިއަކާއި އަތަރު ވިއްކާ މީހަކާއި މިސާލު ޖެއްސެވީ ކަމުގައެވެ. އަދި ރަނގަޅު ރަޙުމަތްތެރިން ތިބުމުގެ މަތިވެރި ކަމުގެ ވާހަކަ ޙަދީޘް ކުރެއްވި އެވެ. އެމީހުންގެ ކިބައިގައި އަޚްލާޤާއި، ތަޤްވާވެރިކަމާއި، ޢިލްމާއި އަދި ރަނގަޅު އާދަތައް ވާނެއެވެ. އެފަދަ މީހުންނަކީ އެމީހުންގެ ކިބައިން އަހަރެމެންނަށް މަތިވެރިކަން ލިބިދޭ މީހުންނެވެ. އަދި އެކަލޭގެފާނު (صلى الله عليه وسلم) ވަނީ ނުބައި ޢަމަލް ކުރާ މީހުންނާއި، ގިނަ ފާފަތަކާއި އެހެނިހެން ނުބައި ޢަމަލުތައް ކުރާ މީހުންނާއި، އަދި ބިދުޢަވެރިންނާއި، ޣީބަ ބުނާ މީހުންނާއި މިނޫންވެސް މިފަދަ މީހުންނާއި އެކުގައި އިށީނުން އަހަރެމެންނަށް މަނާކުރައްވާފައެވެ.
އެހެން ޢިލްމުވެރިޔަކު ވިދާޅުވެފައިވެއެވެ. ”ޞާލިޙުންނާއި އެކުގައި ގުޅުން ބެހެއްޓުމުން، ފައިދާހުރި ޢިލްމާއި، މާތް އަޚްލާޤާއި، ޞާލިޙް ޢަމަލްތައް ލިބުން ނަތީޖާއަކަށް ވާނެއެވެ. އެއާއި ޚިލާފަށް، ނުބައި މީހުންނާއި ގުޅުން ބެހެއްޓުމުން ބުނެވިދިޔަ ހުރިހާ ކަމެއް ވުމުން އެއްކިބާވެއެވެ.“ ﷲ ތަޢާލާ ވަހީކުރެއްވިއެވެ.
”وَيَوْمَ يَعَضُّ الظَّالِمُ عَلَى يَدَيْهِ يَقُولُ يَا لَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلا (*) يَا وَيْلَتَى لَيْتَنِي لَمْ أَتَّخِذْ فُلانًا خَلِيلا (*) لَقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي وَكَانَ الشَّيْطَانُ لِلإنْسَانِ خَذُولا“
އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެއެވެ. އޭ ސަހަރޯއެވެ! ރަސޫލާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސް ހެއްޔެވެ؟ އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު އެކުވެރިޔަކު ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ! ހަމަކަށަވަރުން، ތިމަންނާއާ ހަމައަށް އެ ޤުރުއާން އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި ޝައިޠާނާ ވެއެވެ. ސޫރަތުލް ފުރުޤާން 29-27
ޞާލިޙުންގެ ތެރޭގައި ލައްވާ ހެޔޮލަފާ ރަޙުމަތްތެރިން ނާއެކު ލެއްވުމަށް ﷲ ގެ ޙަޟްރަތުން އެދި ދަންނަވަމެވެ. އަދި އެއިލާހުގެ ކޯފާއިން ދުރުކޮށް އެއިލާގެ ރުހިވޮޑިގަތުމާއި ޖަންނަތަށް ވާޞިލުކޮށްދޭނެ އެކުވެރިންތަކެއް ދެއްވުމަށް އެދި ދުޢާކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް