ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ގޮތުން އަވައްޓެރި އިންޑިއާއިން ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ނިންމައިފިއެވެ.
މިކަން އިއުލާނުކުރެއްވީ މިހާރު ކުޅީވަރު އެކުވެނި ސިންތެޓިކް ޓްރެކުގައި ކުރިޔަށްދާ ރަސްމިއްޔާތެއްގައިއިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބުރަމަންޔަން ޖައިޝަންކަރު އެވެ.
ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ކޮވިޝީލްޑް ވެކްސިންގެ އިތުރުން 100،000 ވެކްސިން ވެސް އަވަށްޓެރި އިންޑިއާއިން މިއަދު ރާއްޖެ އަށް ހަދިޔާކޮށްފައިވެއެވެ.
މި ވެކްސިން ހަދިޔާ ކޮށްފައި ވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރެވެ. ރާއްޖޭގެ ފަރާތުން ވެކްސިންއާ ހަވާލުވެލެއްވީ ފޮރިން މިނިސްޓަރު ޝާހިދާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.
މިނިސްޓަރ ޖައިޝަންގެމި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައި ވާ ކަމަށާއި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މަޝްރޫއުތަކެއް އިފްތިތާހް ކުރެއްވުމަށް ހަމަޖެހިފައި ވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް މި ކުރައްވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށެވެ. މިއީ އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރުގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން ރާއްޖެއަށް ވަޑައިގަންފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް