ޗެނަލް-13ގެ ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅައި ހިންގި އަމަލުތައް، އެމް.ޖޭ.އޭ އިން ކުށްވެރިކޮށްފި

ޗެނަލް-13ގެ ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅައި ހިންގި އަމަލުތައް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމް.ޖޭ.އޭ) އިން ކުށްވެރިކޮށްފިއެވެ. އެމް.ޖޭ.އޭގެ ނޫސްބަޔާނުގައި ވަނީ، މި މަހުގެ19 ވަނަ ދުވަހުގެ...

20 Feb 2021 | 11:23

ޗެނަލް-13ގެ ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅައި ހިންގި އަމަލުތައް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމް.ޖޭ.އޭ) އިން ކުށްވެރިކޮށްފިއެވެ.

އެމް.ޖޭ.އޭގެ ނޫސްބަޔާނުގައި ވަނީ، މި މަހުގެ19 ވަނަ ދުވަހުގެ ހަވީރު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއް ކަވަރު ކުރަން އުޅުނު، ޗެނަލް-13 ގެ ނޫސްވެރިންނަށް އަނިޔާވާ ގޮތަށް ފުލުހުން އަމަލުކޮށްފައިވާ މައްސަލަ އެ ޖަމިއްޔާގެ ސަމާލުކަަމަށް އައިސްފައިވާ ކަމަށެވެ.

އެމް.ޖޭ.އިން ބުނީ، ޗެނަލް-13 އިން މައުލޫމާތު ދިން ގޮތުގައި، އިއްޔެގެ މުޒާހަރާ ކަވަރު ކުރަން އުޅުނު އެ ޗެނަލްގެ ކެމެރާމަން މުހައްމަދު ޝަހީމްއަށް މުޒާހަރާ ކަވަރު ކުރުމުގެ ފުރުސަތު ނުދީ އޭނާ މަގުމައްޗަށް ވައްޓާލާފައި ވާ ކަމަށެވެ. އެކަމުގެ ސަބަބުން ޝަހީމަށް ހޮސްޕިޓަލްގައި ފަރުވާ ދީފައި ވެއެވެ.

މީގެ އިތުރުން އިއްޔެގެ މުޒާހަރާ ހިނގަމުން ދިޔަ ވަގުތު، "ލެސޫކް ރެސްޓޯރެންޓް" ތެރެއަށް ފުލުހުންގެ ބަޔަކު ވަދެ، ޗެނަލް-13ގެ ޗީފް އޮޕަރޭޓިންގް އޮފިސަރ މުހައްމަދު ސަމާހުއާއި ޑެޕިއުޓީ ސްޓޭޝަން އިންޗަރޖް ހުސެން އިހުސާން ގަދަކަމުން އެތަނުން ނެރެ، އަނިޔާވެރި ގޮތަކަށް ފުލުހުން އަމަލު ކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށް އެމް.ޖޭ.އޭ އިން ބުނެއެވެ.

ނޫސް ބަޔާނުގައި ވަނީ، ފުލުހުން އެފަދަ ގޮތަކަށް އަމަލު ކުރި އިރު، އެ ތިން ނޫސްވެރިންވެސް ތިބީ ނޫސްވެރިކަމުގެ ކާޑު އަޅައިގެން ކަމަށެވެ.

އެހެންކަމުން ވަކި މީޑިޔާއަކަށް ނިސްބަތްވާ ނޫސްވެރިންނަށް ބާރުގެ ބޭނުން ކުރުމަކީ ނުހަނު ކަންބޮޑު ވާ ކަމެއް ކަމުގައި އެމް.ޖޭ.އޭ އިން ބުނެއެވެ. އަދި އެކަން އެ ޖަމިއްޔާއިން ވަނީ ކުށްވެރި ކޮށްފައެވެ.

އަދި ހުރިހާ ނޫސްވެރިންނާއި މީޑިޔާތަކަށް ތަފާތު ކުރުމެއް ނެތި، ރައްކާތެރިކަން ފޯރުކޮށްދީ، މުޒާހަރާ ކަވަރު ކުރުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް އެމް.ޖޭ.އޭ އިން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް