ޏ. ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން، އެސިޓީގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރެވޭނެ މުއްދަތު ފަސް ދުވަހަށް އިތުރު ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ފުވައްމުލައް ސިޓީ ކައުންސިލަށް ފޮނުވި އެންގުމުގައި ވަނީ އެ ސިޓީގައި ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް މިރޭ ފަތިސް ނަމާދުން ފެށިގެން ހުކުރު ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް، ފުވައްމުލަކުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް ދަންނަވާ ކަމަށެވެ.
މިނިސްޓްރީން ވަނީ މި ހާލަތުގައި މިސްކިތްތަކުގައި ހަމަ އެކަނި ބަންގި ގޮވުމަށާއި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާ ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރި ވެސް ވެފައެވެ.
އަދި، ކަމާއި ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި، މާތް ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް