ލޯކަލް ކައުންސިލް އިންތިޚާބުގައި "މިއީ މަގޭ ރާއްޖެ" ކެމްޕޭން މެނޭޖަރަކަށް މުއާޒް މުހައްމަދު ރަޝީދު ހަމަޖައްސަވައިފިއެވެ. މިކަން ހާމަކުރެއްވީ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓަކުންނެވެ.
ކެމްޕޭން މެނޭޖަރަކަށް މުއާޒް ހަމަޖެހިގެން ދިޔައިރު، "މިއީ މަގޭ ރާއްޖެ" ކެމްޕޭންގެ ޑެޕިއުޓީ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސެވީ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރ އަހުމަދު ރަޝީދެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި "މިއީ މަގޭ ރާއްޖެ" ކެމްޕޭންގެ ސްޕޯކްސް ޕަރސަން އަކަށް ހަމަޖެއްސީ ޑރ. އަބްދުﷲ ޚަލީލެވެ. ޚަލީލަކީ ނެއްލައިދޫ ދާއިރާގެ ކުރީގެ މެމްބަރެވެ.
އިދިކޮޅު ޕީޕީއެމް. ޕީއެންސީ ކޯލިޝަނުން މިދިޔަ މަހުގެ 9 ވަނަ ދުވަހު ހއ. ކެލާގައި ބޭއްވި ޖަލްސާގައި ޕީޕީއެމް އޮފީހުގައި ވާހަކަ ދައްކަވަމުން ޑރ. ޚަލީލު ވިދާޅުވީ އެމްޑީޕީއަށް ކައުންސިލްތަކުގެ މެޖޯރިޓީ ދީފިނަމަ، މިރާއްޖޭގައި ރައްޔިތުންގެ ބާރުވެރިކަން ގެއްލޭނެ ކަމަށެވެ. އަދި މި ވެރިކަން ހަމަ މަގަށް އަޅުވައި ރައްޔިތުންގެ ބާރުވެރިކަން ހޯދޭނީ ކައުންސިލް އިންތިޚާބު ކާމިޔާބްކޮށްގެން ކަމަށެވެ.
” އެކަން ކުރުމަށް ޕީޕީއެމްގެ މެމްބަރުން ހުރި ޖޯޝާއި ފޯރި މުޅި ރާއްޖެއިން ފެންނަމުންދާކަމީ އިންތިޚާބު ބޭއްވުމަށް މިސަރުކާރުން ފަސްޖެހޭ އެންމެ ބޮޑު ސަބަބު. އިންތިޤާލީ އިންސާފުގެ ބިލުގެ ތެރެއިން ބަލަންޖެހޭ ނިކަން ގިނަ މައްސަލަތަކެއް އެބަހުރި. ޚާއްސަކޮށް، ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު މިރާއްޖޭގެ ބައިތުލް މާލުން އަންދާލި ފައިސާގެ ބަދަލު ހޯދުމަކީ ކުރަންޖެހޭ ކަމެއް.” ޑރ. ޚަލީލު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބު ކާމިޔާބުކޮށް އިދިކޮޅު ކޯލިޝަނުން އެފައިސާ ދައުލަތުގެ މާލިއްޔާއަށް ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
“ކައުންސިލަށް ބާރު ދޫކުރާނެކަމަށް ވިދާޅުވެ ހުރިހާ ބާރެއް އެއްކޮށް ޖަމާކޮށް، ރައްޔިތުންގެ ބާރު މިއަދު ވަނީ ކަނޑުވާލާފަ.” ޑރ. ޚަލީލު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން މިހާރު ނިންމާފައި އޮތް ތާރީހަކީ އެޕްރީލް 10 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް