ސުންނަތް ރޯދަ ހިފުމަކީ މާތް ﷲ އަށް ކުއްތަންވެވޭ މަތިވެރިވެގެންވާ އަޅުކަމެކެވެ. އަދި ރޯދަ އަކީ މަތިވެރި ޢަމަލެއްކަން ތިރީގައިމިވާ ހަދީޘް އިންވެސް އެނގިގެންދެއެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. {ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
މާނަ: ”ﷲ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލެއްވެސް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ހަމަކަށަވަރުން ރޯދަވަނީ ތިމަން ރަސްކަލާނގެއަށެވެ. އަދި އެއަޅުކަމަށް ޖަޒާ ދެއްވާނީވެސް ތިމަން ރަސްކަލާނގެއެވެ.“} (އިމާމް ބުޚާރީ އަދި މުސްލިމް)
މީގެ އިތުރުންވެސް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވާތީ އެކަމާ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ.
މާނަ: ”ޢަމަލުތައް މާތް ﷲ ގެ ޙަޟްރަތަށް ހުށައެޅޭ ދުވަހަކީ ހޯމަ އަދި ބުރާސްފަތި ދުވަހެވެ. ފަހެ ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް ހުށަހެޅެން ތިމަންކަލޭފާނު ލޯބިކުރައްވަމެވެ.“
އަދިވެސް ހޯމަ ދުވަހުގެ ރޯދައާއި ގުޅޭ ގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ.
މާނަ: ”އެ ދުވަހަކީ ތިމަންކަލޭގެފާނު އުފަންވެވަޑައިގަތް ދުވަހެވެ. އަދި އެއީ ތިމަންކަލޭގެފާނަށް ވަޙީ ބާވައިލެއްވުނު ދުވަހެވެ.“ (ޞަޙީޙް މުސްލިމް، ބާބުއް ޞިޔާމް)
އެހެންކަމުން މާތް ﷲ ޘަވާބާއި ދަރުމައަށް އެދި ރޯދަ ހިފުމަކީ، ވަރަށްވެސް މަތިވެރި އަޅުކަމެކެވެ. އަދި ހެޔޮކަމުގެ ތިލަފަތް ބަރު ކުރެވިދާނެ ވަރަށް ފަސޭހަ ގޮތެކެވެ.
ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
މާނަ: “މާތް ﷲ ގެ މަގުގައި ރޯދައެއް ހިފައިފި މީހެއްގެ މޫނު (އެބަހީ އެ މީހާ) ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަކަށް، މާތް ﷲ ދުރު ކުރައްވާނެއެވެ.“ (ނަސާއީ، އަދި އަލްބާނީ ވަނީ މި ޙަދީޘް ޞައްޙަކަމަށް ވިދާޅުވެފައެވެ.)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް